މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 72.17 އިންސައްތަ މިހާތަނަށް މުޅިން ފުރިހަމަކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި، ސައިޓުގައި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް ހެދުމާއި އެތުރުމުގެ މަސައްކަތެވެ. އެގޮތުން، ބްރިޖަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން 86 އިންސައްތަ ކާސްޓްކޮށް މިހާރު ނިމިފައިވާއިރު، އޭގެ ތެރެއިން 60 އިންސައްތަ ސެގްމަންޓު ވަނީ ކާމިޔާބުކަމާއެކު އިންސްޓޯލްކޮށްފައެވެ.
މީގެ އިތުރުން، ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ. އަދި ތިލަފުށީގައި ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމާއި ކަލްވާޓްތައް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރެވެ.
މި މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް، ކުރިން ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްވެސް ވަނީ މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ