ފުޖައިރާގެ ތެޔޮ މަރުކަޒަށް ދިން ޑްރޯން ހަމަލާގެ ތުހުމަތުތައް އީރާނުން ދޮގުކޮށްފި

ފުޖައިރާގެ ތެޔޮ މަރުކަޒަށް ދިން ޑްރޯން ހަމަލާގެ ތުހުމަތުތައް އީރާނުން ދޮގުކޮށްފި

Author
އަހުމަދު
05 މެއި 2026 03:32
0

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހުންނަ ތެޔޮ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ބުނެ، އެ ގައުމަށް ކުރާ ތުހުމަތުތައް އީރާނުން ދޮގުކޮށްފިއެވެ.

ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީޒް ޒޯން (އެފްއޯއައިޒެޑް) އަށް އަމާޒުކޮށް އިއްޔެ ދިން މި ހަމަލާގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި ހާދިސާއާ ގުޅިގެން ޔޫއޭއީން ވަނީ މިއީ މެދުއިރުމަތީގައި ނުރައްކާތެރި ކުރިމަތިލުމެއްގެ ފެށުން ކަމަށް ސިފަކޮށް، ހަމަލާގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް އީރާނުގެ ދައުލަތުގެ ޓީވީން ވަނީ ޔޫއޭއީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދިނުމުގެ އެއްވެސް ރޭވުމެއް އެ ގައުމުން ނުގެންގުޅޭކަން ހާމަކޮށްފައެވެ.

ޔޫއޭއީގެ ތުހުމަތުތަކަށް ރައްދުދެމުން އީރާނުގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ، މި ހަމަލާއަކީ ހޮރްމޫޒް ކަނޑުއޮޅީގައި އެމެރިކާ ސިފައިން ހިންގަމުންދާ "އަސްކަރީ އެޑްވެންޗަރިޒަމް" ގެ ނަތީޖާ ކަމަށާއި، މީގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށެވެ. އަދި ދުނިޔޭގެ އިގްތިސާދާ ގުޅިފައިވާ ނާޒުކު ތެޔޮ ސަރަހައްދުގައި އެމެރިކާއިން ހިންގާ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި ހާދިސާގެ ކުރިން، ގަލްފުގައި ތާށިވެފައިވާ އުޅަނދުތައް ނެރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން އެމެރިކާގެ މަނަވަރުތަކާއި އީރާނުގެ ކަނޑުގެ ސިފައިންނާ ދެމެދު ވަނީ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. އެމެރިކާއިން އީރާނުގެ އަސްކަރީ ބޯޓުތަކެއް ފައްތާލިކަމަށް ބުނި ނަމަވެސް، އީރާނުން އެކަންވެސް ދޮގުކުރެއެވެ. މިކަންކަމަށް ރިއާޔަތްކޮށް، މިނިވަން ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ފުޖައިރާއަށް ދިން ހަމަލާއަކީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް ހުއްޖަތެއް ހޯދުމުގެ ގޮތުން އެމެރިކާއާއި އިސްރާއީލުން ގުޅިގެން ރާވައިގެން ހިންގާފައިވާ އަމަލަކަށް ވުން އެކަށީގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.