ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކޮށް ބަހުސްކުރަން ދެކޮޅު! އެތައް ބައެއްގެ ފާޑު ކިޔުން މަޖިލީހަށް!

ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރިކޮށް ބަހުސްކުރަން ދެކޮޅު! އެތައް ބައެއްގެ ފާޑު ކިޔުން މަޖިލީހަށް!

Author
ހުސެއިން
07 ޖޫން 2022 09:27
0

އިންޑިއާގެ ޓީވީ ޗެނަލްއަކުން ބޭއްވި ބަހުސެއްގައި، އެގައުމުގެ ވެރިކަން ކުރާ، ހިންދޫންގެ ހައްދު ފަހަނައަޅާފައިވާ ވަތަނީ ޕާޓީ، ބީޖޭޕީގެ އިސްތަރުޖަމާން ނުޕުރު ޝަރުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކުރުން ވެގެން ދިޔައީ އިސްލާމީ ގިނަ އިލްމުވެރިންނަށާއި އަދި އަރަބި އިސްލާމީ ގިނަގައުމުތަކަށް ސިހުން ގެނުވި، އަދި އެއްވެސް މިންގަޑެއްގައި ބަލައި ނުގަނެވުނު އަމަލެއްގެ ގޮތުގައެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި، ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކޮށްފައިވަނީ، އިންޑިއާގެ ވަރަނަސީ ގިޔަންވަޕީ މިސްކިތުގެ ތެރެއިން ޝިވްލިން (ލޯރޑް ޝިވާގެ ރަމްޒެއްކަމަށް ހިންދޫން ގަބޫލުކުރާ ބުދެއްކަމަށް ބުނާ އެއްޗެއް) ފެނުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. މުސްލިމުން ބުނެފައިވަނި މިއީ ފެންއަރުވާވަޑާމެއް ކަމުގައެވެ.

މި ބަހުސްގައި ނުފުރު ޝަރުމާވަނީ، ރަސޫލާގެ ހަޔާތްޕުޅަށް ހަޖޫޖަހާ، އައިޝަތުގެފާނާ ގުޅޭގޮތުންވެސް ދޮގު ވާހަކަތައް ދައްކާފައެވެ. އަދި އޭނާވަނީ ރަސޫލާގެ އިސްރާޢްއާއި މިޢުރާޖު ދަތުރުފުޅަށްވެސް ހަޖޫޖަހާ މި ބަހުސްގައި ވާހަކަ  ދައްކާފައެވެ.

ނުފުރު ޝަރުމާގެ މިވާހަކަތައް ދީނީ ޢިލްމުވެރިންނާއި އަރަބި އިސްލާމީ ގައުމަތަކުން ކުށްވެރިކޮށް، އިންޑިއާއާއި އެކީ އަރަބި އިސްލާމީ ގައުމުތަކުން ބާއްވަމުން އަންނަ ގުޅުންތަކަށް ބުރޫ އަރާ ހިސާބަށް ހާލަތު ގޯސްވަމުންދާކަން ފަހުމް ކުރެވި، ވެރިކަން ކުރާ ބީޖޭޕީންވަނީ ނުފުރު ޝަަރުމާގެ މި އަމަލަކީ އެޕާޓީއާއި އެއްވެސް ގުޅުމެއް އޮތް އަމަލެއް ނޫންކަން ހާމަކޮށްދިނުމުގެ ގޮތުން، އެންމެ ފަހުން ޚާއްސަ ނޫސް ބަޔާނެއްވެސް ނެރެފައެވެ. މި ބަޔާނުގައިވަނީ އެޕާޓީން ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާކަމަށް ބުނެފައެވެ. އަދި އެއްވެސް ދީނެއްގެ ޝަޚުސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރިކުރާ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

"އެއްވެސް ދީނަކާއި އަދި ނަސްލަކާއި ދެކޮޅު އެއްވެސް ފިކުރުކަށް (އައިޑިއޮލޮޖީ އަކަށް) ތާއީދެއް ނުކުރާނަން،"

ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ބީޖޭޕީއިން ސަސްޕެންޑް ކޮށްފައިވާ އެޕާޓީގެ އިސްތަރުޖަމާން ނުފުރު ޝަރުމާ

ޖޫން މަހުގެ 5 ވަނަ ދުވަހު، ބީޖޭޕީގެ ޖެނެރަލް ސެކެޓްރީ އަރުން ސިންގ ނެރުއްވާފައިވާ ބަޔާނުގައި އެޕާޓީން ބުނެފައި ވެއެވެ. "މި ޕާޓީން ހުރިހާ ދީނަކަށްވެސް، ދީނީ ޝަޚުސިއްޔަތުތަކަށްވެސް އިހުތިރާމް ކުރާނެ،" މި ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

އަދި މި ޕްރެޝަރުތަކާއެކު، ޕީޖޭޕިންވަނީ، އެ ޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އޭނާގެ އިތުރުން އެޕާޓީންވަނީ ޕާޓީގެ މީޑިއާ އިންޗާރޖު ކަމަށްވާ ނަވީން ކުމާރު ޖިންޑާލްވެސް ޕާޓީން ސަސްޕެންޑް ކޮށްފައެވެ. މީޑިއާ އިންޗާރޖް ސަސްޕެންޑް ކޮށްފައިވަނީ ރަސޫލާއަށް ފުރައްސާރަކޮށް އޭނާ ޓުވީޓު ކުރުމާއި ގުޅިގެންނެވެ. ފަހުން އޭނާވަނީ އެ ޓުވީޓް ޑިލީޓް ކޮށްފައެވެ.

ނުޕުރު ޝަރުމާ އާއި ދެކޮޅަށް މިހާރުވަނީ، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރިކަމަށް ބުނެ، އިންޑިއާގެ ހައިދަރުއާބާދު، ޕޫނޭ އަދި މުމްބާއިގެ ކޯޓުތަކަށް މައްސަލަވެސް ހުށަހަޅާފައެވެ. އަދި މިއަދުގެ ވަގުތެއްގައި މައްސަލަ ބެލުމަށް ނުފުރު ޝަރުމާ މުމްބާއީގެ ޕޮލިހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

 

އަރަބި އިސްލާމީ ގައުމުތަކުން މިއަމަލު ބަލައެއް ނުގަތް!

މާތް ނަބިއްޔާގެ މަތިވެރި ޝަޚުސިއްޔަތާއި އަދި އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި ރިސާލަތަށް ހަޖޫޖަހާ، އެރިސާލަތު ކިލަނބު ކުރުމަށް ކުރުވޭ މަސައްކަތްތަކާއި ދެކޮޅަށް ތެދުވުމާއި، އަދި ހުރިހާ މާނައެއްގައިވެސް މިއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބަކަށް ވުމުގެ ނަތީޖާއެއްގެ ގޮތުން، މާތް ނަބިއްޔާއަށް އަމާޒުކޮށް ކުރެވޭ ފުރައްސާރައަކަށް އެއްވެސް ޒަމާނެއްގައި މުސްލިމުން ޖާގަ ދީފައެއް ނުވެއެވެ. އަދި މިއީ ފާއިތުވެދިޔަ ޒަމާންތަކުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިގާ، މިހަމަނުޖެހުންތައް މީހުންގެ ފުރާނަތައް ނެތި ދިއުމާ ހަމައަށް ގޯސްވެގެން ގޮސްފައިވާ މައްސަލައެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މިއީ މިމައްސަލައާއި ގުޅޭގޮތުން ދީނީ ނަޒަރިއްޔާތަކުން ބަލާއިރު އޮތް ގޮތްކަމުގައި ވިނަމަވެސް، އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބީޖޭޕީގެ އިސް ތަރުޖަމާން ނުފުރު ޝަރުމާ ކީރިތި ރަސޫލާއާއި ގުޅޭގޮތުން ދައްކާފައިވާ ދޮގު ވާހަކަތަކާއި އަދި ކުރި ފުރައްސާރަ ވެގެން ދިޔައީ، އަރަބި އިސްލާމީ ގައުމުތަކާއި އިންޑިއާއި ދެމެދު ޑިޕްލޮމެޓިކް ކާރިސާއެއް އުފެދިގެން ދިޔަ މައްސަލައަކަށެވެ.

މިގޮތުން ނުފުރު ޝަރުމާ ޓީވީ ބަހުސެއްގައި މިވާހަކަތައް ދެއްކިތާ 24 ގަޑިއިރުވެސް ނުވަނީސް، އިސްލާމީ އެންމެ ބޮޑެތި ގައުމުތަކުންވަނީ މި އަމަލު ކުށްވެރިކޮށް ބަޔާންތައް ނެރެ، އަދި އިންޑިއާއިން މާފަށް އެދުމަށްވެސް ގޮވާލާފައެވެ. މީގެއިތުރުން އަރަބި އިސްލާމީ ގައުމުތަކުގައި ވަނީ އިންޑިއާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށްވެސް ގޮވާލާ އަޑު އުފުލާފައެވެ.

މިއަމަލު ކުށްވެރިކޮށް ސައުދީ ފޮރިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބީޖޭޕީގެ އިސް ތަރުޖަމާން ރަސޫލާއާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކައަކީ އެކަލޭގެފާނަށް ފުރައްސާރަ ކުރުން ކަމަށާއި، މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ. އަދި މިއަމަލު ހިންގި ނުޕުރު ޝަރުމާ ޕާޓީން ސަސްޕެންޑް ކުރި ކުރުމަށް ސައުދީ އަރަބިއާއިން މަރުހަބާވެސް ވިދާޅުވެފައި ވެއެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ބީޖޭޕީއިން ސަސްޕެންޑް ކޮށްފައިވާ އިސްތަރުޖަމާން ނުފުރު ޝަރުމާއާއި ޕާޓީގެ މީޑިއާ އިންޗާރޖު ނަވީން ކުމާރު

ސައުދީ އަރަބިއާގެ އިތުރުން، އަރަބި ގައުމުތައް ކަމުގައިވާ ޤަތަރާއި ކުވައިތު އަދި އިރާނުން ވަނީ، މިއަމަލު ކުށްވެރި ކުރުމުގެ ގޮތުން، އެގައުމުތަކުގައި ތިއްބަވާ އިންޑިއާ ސަފީރުން ފޮރިންގ މިނިސްޓްރީއަށް ހާޒިރު ކޮށްފައެވެ. ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދޯހާއިން ވަނީ ޝަރުމާގެ ކޮމެންޓްތަކާއި ގުޅިގެން އިންޑިއާއިން މާފަަށް އެދުމަށްވެސް ގޮވާލާފައެވެ.

ޝަރުމާ މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމާއި ގުޅޭގޮތުން، ޕާކިސްތާންގެ ބޮޑުވަޒީރު ކުރެއްވި ޓުވީޓުގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް އޮފުޝަލުގެ އަމަލް ވަރަށް ބޮޑަށް ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު މޯޑީގެ ވެރިކަމުގައި އިންޑިއާގައި ދީނީ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، މުސްލިމުންނާމެދު ބޭއިންސާފަވަމުން ދާކަމަށް ވިދާޅުވެފައެވެ.

 

ދިވެހި ސަރުކާރާ ހުރިހާ ޕާޓީތަކުންވެސް މިއަމަލު ކުށްވެރި ކުރިއިރު، މަޖިލިހުން މައްސަލާގައި ބަހުސެއް ނުކުރި!

އިންޑިއާގައި ވެރިކަމުން ކުރަމުންދާ، ހައްދުފަހަނައެޅި ހިންދޫންގެ ވަތަނީ ޕާޓީ ބީޖޭޕީގެ އިސްތަރުޖަމާން، ނުފުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރިކުރުން ދުނިޔޭގެ އެތައް ގައުމަކުންވެސް ކުށްވެރި ކޮށްފައިވަނިކޮށް، އިއްޔެގެ ވަރަށް ފަހުގެ ވަގުތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަމަލު ކުށްވެރިކޮށް ފޮރިންގ މިނިސްޓްރީން ވަނީ ކުރު ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި، މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާއި، މާތް ރަސޫލާގެ މަތިވެރި ރިސާލަތާއި ދެކޮޅަށް ހިންގާ އެއްވެސް ޢަމަލެއް ދިވެހި ސަރުކާރުން ބަލައި ނުގްނަނާނެކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެފަދަ ކޮންމެ ޢަމަލެއްވެސް އެންމެ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް، ސަރުކާރާ އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް މިމައްސަލަ ކުށްވެރިކޮށް ބަޔާންތައް ނެރެފައި ވާއިރު، ބީޖޭޕީގެ އިސް ތަރުޖަމާންގެ މި އަމަލާއި ގުޅޭގޮތުން ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކަށް ވެގެންދިޔައީ، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ ޕީޖޭޕީގެ އިސް ބައެއް ބޭފުޅުން ދެއްކި ވާހަކަތައް ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލި ކޮށްލުމެވެ.

ރަސޫލާއަށް ފުރައްސާރަކުރުން ކުށްވެރި ކުރުމަށް ހުށަހެޅުނު ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވި މެމްބަރުން

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން 33 މެންބަރުންގެ އަގްލަބިއްޔަތުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

މައްސަލަ ބޭރުކޮށްލުމަށް މަޖިލިހުގައި ވޯޓު ދެއްވި 33 މެމްބަރުންނަކީވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި، ހަމަ އެމްޑީޕީގެ މަދު މެމްބަރުންކޮޅެއް މި ގަރާރު ބޭރުކޮށްލުމަށް ވޯޓު ދެއްވާފައި ނުވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލެވެއެވެ. މީގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 14 މެމްބަރެކެވެ.

ކޮންމެއަކަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުގައި، ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކޮށް ބަހުސްކުރުމުގެ ފުރުސަތު ނުދޭން އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އައުލަބިއްޔަތުން ނިންމި ނިންމުމަށް މިއަދުވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައެވެ. އަދި މިމެމްބަރުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، މި މެމްބަރުންގެ ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުންގެވެސް މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވި މެމްބަރުންނާއި ދެކޮޅަށް ޝުޢޫރު ފާޅުކުރަމުން ދާއިރު، މިމައްސަލައާއި ގުޅޭގޮތުން އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު ޝޭޚް އިމްރާންއާއި ސުވާލު ކުރުމުގެ ފުރުސަތުވެސް މަޖިލިސް ރިޔާސަތުން ދެއްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް، ދިވެހިންގެ ދީނީ އިހުސާސްތަކާއި ގުޅި ލާމެހިފައިވާ މިފަދަ ހައްސާސް މައްސަލައަކަށް މަޖިލިސްގައި ބަހުސް ކުރުން މަނާކޮށް، އަދި ކުޑަމިނުން ހޯމް މިނިސްޓަރާއި ސުވާލެއް ކޮށްލުމަށްވެސް ފުރުސަތު ނުދޭން ޖެހުނު ސަބަބެއް މަޖިލިސް ރިޔާސަތުންވެސް ހާމަ ކޮށްދޭން ޖެހޭ ކަމުގައި ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އަދި ރަސޫލާއަށް ފުރައްސާކުރި ގަރާރަށް މަޖިލިހުގައި ބަހުސް ކުރަން ބޭނުންނުވި މެމްބަރުންވެސް، އެމެމްބަރުންގެ މި ވޯޓަށް ޖަވާބުދާރީ ވާންޖެހޭނެކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Halaaku
ބީޖޭޕީ އެކަނބަލާގަންނާތީނު މުސްލިމުނނަހ އަނިޔާކޮއް ތަޅާމަރާ އެމީހުންގެގެދޮރާ މުދާ އައްދާ މިސްކޮތްތައް ތަޅަޅާސުންނާފަތިކޮން އެތަންތާގަ ފައްޅިހަދާ އެހަދަނީ