ސަރުކާރަށް 2 އަހަރު، ވައުދުތައް ފުއްދެމުން ދަނީ ރަނުންރަނަށް!

ސަރުކާރަށް 2 އަހަރު، ވައުދުތައް ފުއްދެމުން ދަނީ ރަނުންރަނަށް!

ރައީސް މައުމޫނުގެ 30 އަހަރުވީ ވެރިކަން ނިމިގެން ދިޔައީ ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވީ ވަރަށްގިނަ ކަންކަން ވެސް ބަދަލުވެގެން ދިއުމާ އެކީގައެވެ.

މީގެތެރޭގައި، ދިވެހިން ބަލައިގެންފައިވީ ސުލްހަވެރި އެތަކެއް ސިޔާސީ ހަރަކާތަތްކަށް އައި ބަދަލުތަކާއި، ސަރުކާރަށް ފާޑުކިއުމުގައި ރައްޔިތުން ފަސްޖެހިފައި ތިބިތިބުން ނެތިގެން ދިއުމުގެ އިތުރުން އާދަކާދައިގެ ގޮތުންވެސް ދިވެހިން ބަލައިގެންފައިވީ އެތަކެއް ބަސްމަގަކަށް އައިސްފައިވާ ބަދަލުތައްވެސް ހިމެނެއެވެ.

މިގޮތުން ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ، ސިޔާސީގޮތުން ރައްޔިތުންނަށް ސިޔާސަތު ވިއްކުމުގައި މުޅިން އަލަށް ތައާރަފްކުރެވިގެންދިޔަ ތަފާތު އުސޫލުތަކާއި އުކުޅުތަކެވެ. މީގެތެރޭގައިވެސް ގިނައީ ހަގީގަތާއި ޚިލާފް، އެހެންނަމަވެސް، ޕާޓީގެ އެކްޓިވިސްޓުން ވަޖިދު ވެއްދުމަށް ރާއްޖެއަށް ސިޔާސީ ބައެއް ފަރާތަކުން އަލަށް ތައާރަފްކުރި އުކުޅުތަކާއި، ވާހަކަތަކާއި، ބަސްތަކާއި، ލަފުޒުތަކެވެ.

މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ޕާޓީތަކުން ވިއްކާ ސިތާސަތުތަކުގެ މައްޗަށް ބަރޯސާވެފައެވެ. ވެރިކަމަކަށް އަންނަ ބަޔަކު، ވީވައުދުތައް ދުވަހަކު ނުފުއްދިޔަސްވެސް، އިންތިޚާބަކާ ޖެހުމުން، ވަޖިދުވަދެ، ޕާޓީކުލައިގެ ޓީޝާލު ލައިގެން ތޮފި އަޅައިގެން މަގުތައްމައްޗަށް ނިކުމެ ބެރު ދުންމާރީގައި ނަޝާ ލަވަކިޔާ ހަދާ، ޕާޓީގެ ކެޑިޑޭޓު ހޮވުމަށް މަސައްކަތްކުރެއެވެ. މި ޖަޒުބާތުގައި ޖެހި، ސިޔާސީ ޕާޓީތަކުގެ ވެރިން ދައްކާ ވާހަކަތަކާއިމެދު ވިސްނާ ފިކުރުކުރުމެއްވެސް ނޯވެއެވެ.

2018ގެ ރިޔާސީ އިންތިޚާބުގަ ރައީސް ސޯލިހުގެ ރަށަކަށް ޒިޔާރަތް ކުރައްވާ ކެމްޕޭން ކުރައްވަނީ

ވަކީން ޚާއްސަކޮށް އެމްޑީޕީ ފުރަތަމަ ވެރިކަމަށް އައީ މިގޮތުން ވީ ވަރަށްގިނަ ވައުދުތަކާއި އެކީގައެވެ. 2008 ވަނަ އަހަރު އެޕާޓީ ވެރިކަމަށް އައުމަށް ކޯލިޝަނަކާއެކީ ކެޕްމޭން ކުރިނަމަވެސް، މުޅިން އާބަސްތަކާއި ކެމްޕޭނާ ގުޅުންހުރި ވަރަށްގިނަ އާއުސޫލުތަކެއް ތަޢާރަފްކުރިއެވެ. މީގެތެރޭގައި އާންމުންގެ މެދުގައި ތަފާތު އެތައް ގޮތަކަށް މާނުކުރެވިގެން ދިޔަ އެތަކެއް ވާހަކަތަކެއްވެސް ހިމެނިގެން ދިޔައެވެ.

މިގޮތުން މިއަދާ ހަމައަށްވެސް އެމްޑީޕީގެ ސިޔާސަތުތައް ވިއްކުމަށްޓަކާ، ނުވަތަ، އެޕާޓީން ރައްޔިތުންނަށް އަދާކޮށްދޭ ޚިދުމަތްތަކުގެ ފުރިހަމަކަން ރައްޔިތުންނަށް ފަހުމް ކޮށްދިނުމަށްޓަކާ، އަބަދުވެސް ބުނެ އުޅެނީ އެޕާޓީން ވައުދުތައް ފުއްދަމުންދަނީ "ރަނުންރަނަށް" ކަމަށެވެ.

މިއަހަރުގެ ޖުމުހޫރީދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބަށް ރިއާޔަތްކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެދުވަހު ރައީސުލް ޖުމްހޫރިއްޔާ ދެއްވި ޚިތާބުން ސާފުވެގެންދިޔަ ކަމަކީ ރަނުން ރަނަށް މިސަރުކާރުގެ ވައުދުތައް ފުއްދޭނެކަން ކަމެވެ.

ބޯހިޔާވަހިކަން

ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށްޓަކާ ކޮންދޭނެ ކަންކަމުގެ ވާހަކަތަކުން ވައުދުތައް ވިއްކައިގެން ވޯޓު ހޯދައިގެންނެވެ. ރައްޔިތުންގެ އަސާސީ ހައްގުތަކާއި ގުޅުންހުރި އެތަކެއް ވައްދުތަކަކުން ރައްޔިތުންގެ ހިތްތައް އުފާކޮށްދީގެންނެވެ.

މިގޮތުން ކޮންމެ ސަރުކާރަކުންވެސް ފުއްދާދޭނެ ކަމަށް ވައުދުވާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި އެންމެ ބޮޑަށް ގުޅުންހުރި، މިއަދު މިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. ރަށްރަށުން ތައުލީމާއި، ސިއްޙީ ޚިދުމަތް އަދި މީގެ އިތުރުންވެސް އާމްދަނީ ހޯދޭނެ މާގިނަ ވަސީލަތްތަކެއް ނެތިގެން، މުޅި ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލެއަށް ހިޖުރަ ކުރަންޖެހި، ރާއްޖޭގެ އާބާދީގެ %60 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދަނީ ކުދިކުދި ޖަގަހަ ތަކުގައި ފުރަ ބަންދެއްގައި މާލޭގައި ކުއްޔަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމަށް ރައީސް ޔާމިންގެ ސަރުކާރުން 7000 ފްލެޓްގެ ބޮޑު މަޝްރޫޢެއް އިއުލާންކޮށް އެމަޝްރޫޢުގެ ބޮޑުބައި ހަގީގަތަކަށް ހަދާފައިވެސް ވެއެވެ. ކުދިކުދި ކޮތަރު ކޮށިތަކެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރި ކަމުގައިވި ނަމަވެސް، މި 7000 ފްލެޓަށް ވަނުމުގެ އުއްމީދުގައި ތިބި ރައްޔިތުން ގިނައެވެ. ސަބަބަކީ ގިނަ ރައްޔިތުން މިއަދުވެސް ދިރިއެޅެމުންދަނީ މި ފްލެޓްތަކަށްވުރެވެސް ކުދިކުދި ތަންތަންކޮޅުގައި މާބޮޑަށްވެސް ދަތިކޮށް ކަމަށްވާތީއެވެ.

ކުރީ ސަރުކާރުން %90 އިމާރާތްކޮށް ނިންމާފައި މިސަރުކާރާ ހަވާލުކުރި ފްލެޓްތަކަށް 2 އަހަރު ފާއިތުވެގެން ދިޔައިރުވެސް މިފްލެޓްތަކަށް މީހުން ވެއްދިފައެއް ނުވެއެވެ.

ރައީސް ޔާމިންގެ ސަރުކާރުން އަޅުއްވައި ދެއްވި ހިޔާ ފްލެޓްތައް

ސިއްޙީ ހާލަތު

ސިއްޙީ ހާލަތު ރަގަޅުކުރުމަށް އެތަކެއް ވައުތަކެއް، އަންނަ ކޮންމެ ސަރުކާރަކުންވެސް ވެއެވެ. ރައްޔިތުންނަށް އަތްފޯރާފަށުގައި ބޭސް ލިބޭނެކަމުގެ ވައުދާއި، މާލެނޫން އެހެން ސަރަހައްދުތަކަށް ސިއްޙީ ޚިދުމަތް ފުޅާކުރާނެ ކަމުގެ ވައުދުތަކެވެ. ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރަށް ނުގޮސް ބޭސްކުރެވޭނެ ކަމުގެ ވައުދުތަކެވެ.

އެހެންނަމަވެސް، 2 އަހަރު ފާއިތުވެގެން ދިޔައީއެވެ. ރާއްޖޭގައި ކެންސަރަށް ފަރުވާކުރެވޭނެ ހޮސްޕިޓަލެއް އާޅާނެކަމުގެ ވާހަކަތައް އަދި ކިރިޔާ އަޑުއިވެން ފެށީއެވެ. ކުރީ ސަރުކާރުން ގާއިމްކޮށްދެއްވި ރަގަޅު ފެންވަރެއްގެ އައްޑޫ ހޮސްޕިޓަލް ހިންގަން ފެށުނުތާ އަދި އަހަރެއް ފާއިތުވެގެން ނުދެއެވެ. މިސަރުކާރާއި ހަވާލުވިއިރު އެ ހޮސްޕިޓަލުގައި ކުރަންޖެހިފައި އޮތްކަމަކީ ތަރުތީބު ކުރެވިފައިވާ ރަގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ މަސައްކަތް އެކަންޏެވެ.

އެހެންނަމަވެސް، ޝަކުވާތައް މިވަނީ ފުނިޖެހިފައެވެ. މެނޭޖްމަންޓުން ތަންހިންގުމުގެ ފެންވަރު ދައްވެ، އެތަކެއް ޝަކުވާތަކެއް ފުނިޖެހިފައި ވަނިކޮށް، ސަރުކާރަށް 2 އަހަރު ފާއިތުވާން އުޅެނިކޮށް އެހޮސްޕިޓަލް ވަކި ބޯޑެއްގެ ދަށުން ހިގާގޮތަށް އަދިކިރިޔާ ހަމަޖެއްސެވީއެވެ. އާ ސީއީއޯއަކު އައްޔަންކޮށް ތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަދި ކިރިޔާ ފެށުނީއެވެ. މައްސަލަތަކައް ހައްލު ލިބޭތޯ ކުރެވެމުން އަންނަ އުއްމީދުތައް ހަގީގަތަކަށް ވޭތޯ އަދިވެސް މިތިބީ ބަލަންޖެހިފައެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: ތަނުގެ މެނޭޖުމަންޓުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް ގިނަ

ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް، ކުރިމަތިވި ކޯވިޑް19 ކާރިސާއާއި ގުޅިގެން ކުރިއެރުންތަކެއް އައިސްފައިވާ ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ސަބަބަކީ ކޯވިޑް19 އަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން މިއަހަރު 1.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައި ވާތީއެވެ. މީގެތެރޭގައި އާހޮސްޕިޓަލްތައް އެޅުމާއި، މެޝީނަރީތައް ގެނައުމާއި، އަދި މީގެ އިތުރުންވެސް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ގިނަ ތަންތަން މަރާމާތު ކުރުންވެސް ހިމެނެއެވެ.

އެހެންމަވެސް، ސިއްޚީ ޚިދުމަތް ރާއްޖެތެރެއްށް ފުޅާކުރުމަށް މިސަރުކާރުން ވީވައުދުތައް ފުއްދުމުގައި، ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް އަޅާނެ ކަމުގެ ވާހަކަތައް އަދިވެސް ދަނީ އިވެމުންނެވެ. ޕްލޭންތައް ދަނީ ކުރެވެމުންވެ. ބަޖެޓް އަންނަ އަހަރަށްވެސް ސަރުކާރުން ވަނީ ކުރައްވާފައެވެ. ވައުދުތަކުގެ ބޮޑުބައި އަދިވެސް ވަނީ ފަށައިގަތުމުގެ މަރުހަލާގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން

ކޯވިޑް19 އާއިއެކު އައި އިގްތިސާދީ ތަދުމަޑުކަމުގައި އެތައްބައެއްގެ ވަޒީފާ ގެއްލިގެން ދިޔައީއެވެ. ރަށްރަށުގައި ދިރިއުޅޭ އެތައްބަޔަކު އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްކަތްތަކުގެ ތެރެއިން މަސްވެރިކަމަށް އިންތިހާއަށް ބަރޯސާވާން ޖެހުނު މިދަޑިވަޅުގައި މަސްވެރިން ބާނާ މަހަށް ރަގަޅު އަގެއް ނުލިބެއެވެ. ކޫއްޑޫއާއި ފެލިވަރުން މަސް ގަންނަ އަގު އެތައްތަނަކުން ދަށްކޮށް މަސްވެރިން އެތައްތަނަކުން މާޔޫސްވެގެން ހިގައްޖެއެވެ. މަސްކިރައިގެން ލިބެންޖެހޭ ފައިސާ މަސްނިމިގެން ދާއިރުވެސް ނުލިބިގެން މަސްވެރިންގެ ޝަކުވާތައް ފުނިޖެހުންމުންދާތަން ފެންނަނީ މަދެއްކޮށް ނޫނެވެ.

ދަޑުވެރިކަން ދިރުވާ އާލާކުރުމަށް ސިޔާސަތުތަކެއް ވިއްކި ކަމުގައިވިނަމަވެސް، އަދި ކޯވިޑް ކާރިސާއަށްށްފަހު، މިމަސައްކަތަށް ޝައުގިވެރިކަން އެތައްބަޔަކު ފާޅުކުރަމުން ދިޔަ ކަމުގައިވިނަމަވެސް، މި މަސައްކަތުގެ ނަފާވެރިކަން އަދިއަދާހަމައަށް އާންމު ރައްޔިތުންނާ ހަމައަށް ފޯރާފައެއް ނުވެއެވެ.

ތެދުފުޅެކެވެ. ސަރުކާރުން އެގްރޯ ކުންފުނީގެ ނަމުގައި އާކުންފުންޏެއް އުފައްދާއިފިއެވެ. ކުންފުނި އުފެއްދިތާ 8 ވަރަކަށް މަސްދުވަސް ފާއިތުވެގެން ދިޔައީއެވެ. ކެޕިޓަލް ޚަރަދުތައް ހަމަޖައްސައިދީ ކުންފުނީގެ އިސްމަގާމްތަކަށް މުވައްޒަފުން ހަމަޖައްސާ، ޕްލޭންތައް ހެދުމުގައި ކުންފުނި ވަރަށްބުރަކޮށް ކުރިޔަށް ދަނީއެވެ. ރައްޔިތުންނާ ހަމައަށް އަދި މީގެ ރާހަތެއް ނުކުރެއެވެ.

މިކުންފުނީގެ ހަގީގީފައިދާ ރައްޔިތުންނަށް އަދި ކުރަމުން ނުދާތާގައި، ފިޝަރީޒް މިނިސްޓްރީން ދަޑުވެރިކަމުގެ ސިނާއަތު ދިރުވާ އާލާކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ފެންނާނަކަށް ނެތެވެ. ބިން ބޮޑެތި ރަށްތަކުގައި ދަޑުވެރިކަން ދިރުވާ އާލާކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުންކޮށް، ސަރުކާރުން މިމަސައްކަތަށް ހިތްވަރު ނުދޭހާހިދަކު، އިގްތިސާދީ ނަފާ ލިބޭ މަސައްކަތަކަށް މިމަސައްކަތް ދުވަހަކުވެސް ވެގެން ނުދާނެކަމީ މިއަދުވެސް އަދި މާޒީންވެސް ފެންނާން އޮތް ހަގީގަތެވެ.

ބްރިޖް މަޝްރޫޢު

ބްރިޖްގެ މަސައްކަތެވެ. ރައީސް ޔާމިނަށް ބްރިޖެއް އެޅުއްވިދާނެކަމަށް ގިނަބަޔަކަށް ގަބޫލު ނުކުރެއްވުނު ނަމަވެސް އެމަސައްކަތް އެމަނިކްފާނު ވަނީ ހަގީގަތަކަށް ހައްދަވާ ދެއްވާފައެވެ. އަދި މި ބްރިޖަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި ސިޔާސީ ގޮތުން ސިފަކުރެވިގެން ދިޔަ ނަމަވެސް، މި ބްރިޖްގެ ހަގީގީ ފައިދާއާއި ލުއިފަސޭހަކަން ފެންނަމުންދެއެވެ.

މާލެއިން ހުޅުމާލެއަށް ކަނޑު ހުރަސްކޮށް ކުރަންޖެހޭ ދަތުރުފަތުރުގެ ބުރަތަކާއި ދަތިއުދަގޫތައް ބޮޑު ތަނުން ލުއިވެއްޖެއެވެ. ހުޅުމާލޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޮޑުތަނުން ކުރިއެރުން އަތުވެއްޖެއެވެ.

ކުރީ ސަރުކާރުން ބުރިޖެއް އެޅީމަ ސިޔާސީގޮތުންވެސް ބުރިޖެއް އެޅުން މިސަރުކާރަށްވެސް މުހިންމު ވާނެއެވެ. މިއީ ގަބޫލުކަރަންޖެހޭ ހަގީގަތެކެވެ.

މިސަރުކާރުން ބުރިޖް އަޅަނީ ވިލިގިލި ހިމެނޭގޮތުން މާލެއާއި ގުޅީފަޅާ ދެމެދުއެވެ. މި ބިޔަ ބޮޑު މަސައްކަތުގެ ސްޕީޑު އަދި ވަޒަންކުރަން ދައްޗެވެ. އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، ރައީސް ޔާމިން، ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އަހަރު ބްރިޖް ޕްލޭން ކުރުމުގެ މަސައްކަތް ފެއްޓެވި ކަމެވެ. އަދި އަމަލީ މަސައްކަތް 2016 ވަނަ އަހަރުގެ މާރޗް މަހުގައި ފެއްޓެވިއެވެ. މަސައްކަތް ފެށުނުތާ 2 އަހަރުތެރޭ ބުރިޖް އަޅާ ނިންމެވިކަމެވެ.

ސިނަމާލެ ބްރިޖް: މަސައްކަތް ފެށުނުތާ 2 އަަަރު ތެރޭ މަސައްކަތް ވަނީ ނިމިފައި

މިސަރުކާރަށް 2 އަހަރު ފާއިތުވެ ދިޔައީއެވެ. އަދި އަމަލީ މަސައްކަތުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ސާވޭކުރި މަންޒަރު ފެނިގެން ދިޔައެވެ. އެހެންމަވެސް މި ބިޔަ ބޮޑު މަސައްކަތްތުގެ ދުވެލި އަދި މިތިބީ ވަޒަންކޮށްލަން ދަތި ހާލަތެއްގައެވެ.

ވައުދުތައް ރަނުންރަނަށް

ތެދުފުޅެކެވެ. އިސްވެ މިދެންނެވުނު ހުރިހާ ވައުދުތައްވެސް ފުއްދެމުންދަނީ ރަނުންރަނަށެވެ. ހަގީގަތަކީ ކޮބައިތޯއެވެ؟

ކޮންމެއަކަސް، ވައުދުތައް ރަނުންނަށް ފުއްދަމުންދާ ކަމުގެ ވާހަކައަކީ މިއަދަކު އިއްޔެއަކު އެކަނި އަޑު އިވޭ ވާހަކަތަކެއް ނޫނެވެ. މީގެ އެތައް އަހަރަކުއްސުރެ ކުރިން އިވެމުންދާ ވާހަކަތަކެކެވެ. ވަކީން ޚާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކްފާނުގެ ސިޔާސީ އެޖެންޑާ ކުރިޔަށް ނެރެ އަބަދުވެސް ދައްކަވަމުންދާ ވާހަކައެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައިވެސް ވައުދުތައް ރަނުންރަނަށް ފުއްދަމުން ދިޔައެވެ. މިއަދުވެސް ވައުދުތައް ފުއްދަމުން ދަނީ ރަނުންރަނަށް ކަމުގައި ގެންދަވަނީ ވިދާޅުވަމުންނެވެ.

ރަނުންރަނަށް، މިއީ ގިނަ ޒަމާންތަކެއް ވަންދެން، ދިވެހީންގެ ތެރޭގައި ބުނެ އުޅޭބަހެކެވެ. އަދި ގިނަފަހަރަށް މިބަސް މުސްކުޅި ބަހުރުވާގައި ބޭނުންކޮށް އުޅެނީ، މަޖާޒީ ގޮތުންވެސްމެއެވެ. ކަމެއްގެ ފުރިހަމަކަން ދޭހަކޮށް ދިނުމަށް ނުވަތަ ކުރާކަމެއް ބަރާބަރަށް ކޮށް ނިންމާލާނެކަމުގެ އިހްސާސް އަނެކާއަށް ކުރުވުމަށް ކަމުގައި، މިއީ މިބަހުގެ ހަގީގީ މާނަކަމުގައި އަޅުގަޑުމެން އެންމެވެސް ދެކެމުއެވެ.

މިބަހުގެ ހަގީގީ މާނައަކީ ކޮބައިތޯ އަޅުގަޑު ބަލާލީ ދިވެހިބަހުގެ ރަދީފުންނެވެ. ރަދީފުގައި މިބަހުގެ މާނަ ގެނެސްދީފައިވަނީ މިއީ މަޖާޒީ ބަހެއްގެ ގޮތުގައެވެ. ރަދީފުގައި "ރަނުންރަނަށް" މިބަހުގެ މާނަ ގެނެސް ދީފައިވަނީ ތިރީގައި މިވާގޮތަށެވެ.

"މަޖާޒު: ހުރިތަކެތީން ކިރިޔާ ކަމަށް ފޯރާވަރުވީމާ ބުނެއުޅޭގޮތް."

ފާހަގަކޮށްލަން ބޭނުން މިވާ ނުކުތާއަކީ، ރަދީފުގައި މިބަހުގެ މާނަ ގެނެސްދީފައި ވަނީ ގަބޫލުކުރެވޭ ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިބަސް ބޭނުން މިކުރައްވާ މާނައިގައެއް ނޫނެވެ. ނުވަތަ އެމަނިކްފާނު ހަގީގަތް އެގިވަޑައިގެން ހުންނަވައިގެން ނެރުއްވަން ބޭނުންފުޅުވާ މާނައިގައެވެ.

ދިވެހި ރަދީފްގައި ވާގޮތުންނަމަ، ރަނުންރަނަށް ކަމެއް ހަމަޖެހިގެން ދިއުމަކީ، ކިރިޔާ ފުދޭވަރަށް އެކަމެއް ހަމަޖެހިގެން ދިއުމެވެ. ނުވަތަ ކިރިޔާ ފޯރާވަރަށް ކަމެއް ހަމަޖެހިގެންދިއުމެވެ.

ރައީސް ނަޝީދު ވިދާޅުވާގޮތުންވެސް، ފެންނަ ފެނުމަށް މިއީ ހަގީގަތެވެ. ސަރުކާރަށް 2 އަހަރު ފުރިގެންދާއިރު، ވީވައުދުތައް އަދި ކިރިޔާ ފުދޭވަރަށް ފުއްދައިދެވުނީ ކަމަށް ވެދާނެއެވެ.

ކިރިޔާ ފޯރާވަރަށް ވީވައުދުތައް ގެނެވުނީކަމަށް ސަރުކާރުގައި ތިބި އިސްބޭފުޅުންް، ނުވަތަ މަޖިލިސް ރައީސް މިއަދު ގަބޫލު ކުރައްވާނަމަ، މިއީ ސަރުކާރަށް 2 އަހަރު ފުރިގެން ދިޔައިރު ހޯދުނު ކާމިޔާބެއްތޯ ނުވަތަ ނޫންތޯ ކިޔުންތެރިން ވަޒަން ކޮށްލައްވާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *