2008 ވަނަ އަހަރުގެ ފެހި ގާނޫނު އަސާސީން ގެނައި ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމާއެކު ތައާރަފް ވެގެންދިޔަ ސިޔާސީ ޕާޓީތަކުގެ ނިޒާމަށް 14 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، އޭގެ 14 އަހަރު ފަހުން މިނިޒާމުގެ ތެރެއިން މިއަދު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައަކަށް ވެގެން މިދަނީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކުގެ މައްސަލައެވެ. ޕާޓީތަކަށް މީހުން ވައްދައިގެން، އެމީހުންގެ ބޮލަށް، ޕާޓީތަކުން ފައިސާ ނަގަމުން ދާ މައްސަލައެވެ. އަދި އާންމު ރައްޔިތު މީހާއަށް ނޭގިވެސް އޭނާގެ ނަން އެއްޕާޓީން އަނެއް ޕާޓީއަށް ދައުރުވަމުން ދާދިއުމުގެ މައްސަލައެވެ.
އަދި އޭގެ އިތުރަށް، ޕާޓީތަކުގެ ދަތްތަރުތައް ބޮޑުކޮށް، އަދި ބައެއް ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓު ލާ މީކުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން، ޚާއްސަކޮށް މި އިންތިޚާބިތަކާއި ދިމާކޮށް އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުކޮށް، މިއުސޫލުންވެސް ގިނަ ބައެއްގެ އަމިއްލަ އިޚްތިޔާރަކާ ނުލާވެސް، އިލެކްޝަންސް ކޮމިޝަންގައި އޮތް ޕާޓީތަކުގެ ދަފްތަރުތަކުގައި މީހުންގެ ނަންތައް ހިމަނާ އުނި ކުރަމުންދާ މައްސަލައެވެ.
ހަައެއާއެކު ފާހަގަވާން އޮތް ކަމަކީ، ދަފްތަރުތައް ބެލެހެއްޓުމުގައި އިލެންޝަންސް ކޮމިޝަންގެ ގާބިލްކަން ހުރި މިންވަރެވެ. ދާދިފަހުން ހާމަވެގެން ގޮސްފައިވާ ގޮތުގައި، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ، އަލަށް އުފެއްދި އެމްއެންޕީގެ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމަނާފައެވެ. ހައްޖަށް ދާން ނަން ރަޖިސްޓްރީ ކުރާ ހިސާބުން އެމީހެއްގެ ނަން އިލެކްޝަންސް ކޮމިޝަންގައި އޮތް، އަދާލަތު ޕާޓީގެ ދަފްތަރުގައި ހިމެނޭކަމުގެ ޝަކުވާ އާންމު ބައެއް ފަރާތްތަކުން ކޮށްފައި އެބަހުއްޓެވެ.

އެހެންކަމުން، މިހުރިހާ މައްސަލަތަކާއި، އަދި އާންމު ފަރުދުންގެ ޝަކުވާތަކާއެކު، ސާފު ވެގެންދިޔަ އެއްކަމަކީ، އިލެކްޝަންސް ކޮމިޝަންގައި އޮންނަ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކަކީ ސައްޙަ ދަފްތަރު ތަކެއް ނޫންކަމާއި، މި ދަފްތަރުތަކުގައި ހިމަނާފައިވާ މީހުންގެ ބޮލަށް ޕާޓީތަކުން ދައުލަތުގެ މާލިއްޔަތުން ފައިސާ ނަގަމުންދާ ދިއުމަކީ ކުރެވޭ ވައްކަމަށް މެނުވީ ވެގެންވެސް ނުދާކަމެވެ.
އަދި އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ އައިޑީ ކާޑުތަކުގެ މައުލޫމާތަކީ ސައްޙަ މައުލޫމާތުތޯ އެކޮމިޝަނުން އެންމެ އެކަށީގެންވާ ގޮތުގައި ވެރިފައި ކުރަމުންވެސް ނުދާކަމެވެ. ނުވަތަ އެ ގާބިލްކަން ނެތުމުގެ ސަބަބުންނަމަވެސް، ޕާޓީތަކުގެ ދަފްތަރުތަކުން ވައްކަން ކުރުމާއި، ދައުލަތުގެ މާލިއްޔަތުން ގިނައިން ފައިސާ ނެގުމަށް، ސައްހަ ނޫން ގޮތުގައި، ޕާޓީތަކުގެ ދަފްތަރުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު އިންތިހާއަށް ހުޅުވިފައި އޮތްކަންވެސް މެއެވެ.
އެންމެ ފަހުން ބޮޑު ޖޫރިމާނާއެއް!
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮޅުވާލައިގެން މީހުންގެ ނަންތައް ހިމެނުމާއި، "ވަގު އައިޑީ ކާޑު"ތަކުގެ ބޭނުން ކޮށްގެން ދަފްތަރުތަކަށް ބަދަލު ގެނައުމާއި، އެއް ޕާޓީއަކަށް ނޭގި އަނެއް ޕާޓީގެ ދަފްތަރުގައި މީހުންގެ ނަންތައް ހިމަނަމުން ދާކަމުގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެ، އިލެކްޝަންސް ކޮމިޝަނަށް ހުރިހާ ދިމާލަކުން ޕްރެޝަރު އަމާޒު ވަމުން ދިއުމާއެކު، އެކޮމިޝަނުން މިހާރުވަނީ ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން، ޞައްޙަ ނޫން ފޯމް ހުށައަޅާ ސިޔާީ ޕާޓީތަކާއި، އެޕާޓީތަކުގެ ވެރިން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަށް ނިންމާފައެވެ.
ނޭނގި ސިޔާސީ މީހުން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި އިލެކްޝަންސް ކޮމިޝަނުން ނިންމި މި ނިންމުމާއި ގުޅޭގޮތުން އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ފާއިތުވި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީ އަކުން ހުށަހަޅާފައިވާ، ސައްޙަނޫން ކޮންމެ ފޯމަކަށް، އެޕާޓީއެއް 10 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށްފައި ވާކަމަށެވެ. އަދި އެ ފަދަ ފޯމް ހުށައަޅައިފިނަމަ އެ ސިޔާސީ ޕާޓިއެއްގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5 ހާސް ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10 ހާސް ރުފިޔާއިން ޖުރުމާނާ ކުރަން ފަށާގޮތަށް ފާސްކޮށްފައި ވާކަމަށްވެސް ހަބީބު ވިދާޅުވެފައި ވެއެވެ.
މި ބަދަލު ގެނައުމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ ޖަލްސާއަކު ފާސް ކުރުމަށްފަހު، އެ ކޮމިޝަނުން ބުނެފައިވަނީ، މިއީ ވަގަށް ނުވަތަ އެމީހަކަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމުގައެވެ.
އެހެންނަމަވެސް ސުވާލަކީ، މިއީ، މީހުންނަށް ނޭގި އިލެކްޝަންސް ކޮމިޝަންސްގައި ހުރި ޕާޓީތަކުގެ ދަފްތަރުތަކުގައި އެމީހުންގެ ނަން ހިމަނަމުން ދާ މައްސަލައަށް އޮތް ދާއިމީ ހައްލެއްތޯއެވެ. އަދި އެއަށްވުރެވެސް ބޮޑުކޮށް، މިއީ، ސައްޙަ ނޫން ދަފްތަރުތަކަށް ޕާޓީތަކުން ބޮޑެތި އަދަދުތަކުން ދައުލަތުގެ މާލިއްޔަތުން ފައިސާ ނަގަމުންދާ މައްސަލައަށް އޮތް ކިހާވަރެއްގެ ހައްލެއް ތޯއެވެ.

ހައްލެއް ނޫން!
ކަންކަމުގެ ހައްލު ހޯދުމަށްޓަކާ ޖޫރިމާނާ ކުރުމަކީ ބައެއް ހާލަތްތަކުގައި ކުށްކުރާ މީހުން، ކުށެއް ތަކުރާރު ކުރުމުގައި ދެވަނަ ވިސްނުމަކަށް ދާން މެދުވެރިވާ ސަބަބެކެވެ. އެހެންނަމަވެސް އެއީ ހުރިހާ ހާލަތެއްގައި އެކަން މެދުވެރިވާ ގޮތް ނޫންކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަދި ވަކީން ޚާއްސަކޮށް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި، "ވަގު އައިޑީ" އެއްގެ ބޭނުން ކޮށްގެން މީހެއްގެ ނަން ހިމެނުމަށްފަހު އޭގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކުރާ ޖޫރިމަނާ ތަންފީޒު ކުރަން ޖެހެނީ ސިޔާސީ ޕާޓީތަކުގެ މައްޗަށް ކަމަށް ވާއިރު، ސިޔާސީ ޕާޓީތަކުން ފޯމު ހުށަހެޅުމަށްފަހު، ހުށަހެޅި ފޯމުތަކުގެ ސައްހަ ކަމާމެދު އެޕާޓީތަކަށް އަބަދުވެސް ވަކާލާތު ކުރުމުގެ ފުރުސަތު އޮންނާނޭތީއެވެ.
އަދި މިމުއާމަލާތުގެ އަސްލަށް ބަލާއިރު، އައިޑީ ކާޑެއް ހުށަހަޅައިގެން އެއީ ސައްޙަ މުއާމަލާތެއްތޯ ބެލުމަށް ތަހުގީގެއް ހިންގާ، އަދި މިގޮތުން ހިންގޭ ތަހުގީގުގެ މައްޗަށް، ފޯމު ހުށަހެޅި ޕާޓީން ގަސްތުގައި އޮޅުވާލި ކަމަށް ނިންމާ، އެޕާޓީއެއްގެ މައްޗަށް މި ޖޫރިމާނާ ތަންފީޒު ކުރާނީ ކޮންގޮތަކުންތޯ، މިއީވެސް މިއަދު ގިނަބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ. ސަބަބަކީ، ޕާޓީއަކުން އައިޑީކާޑެއް ހުށަހަޅާ، އަދި އޭގެ ޖެހިން އަންނަ ދުވަހު އެއީ އޭގެ ވެރިމީހާއަށް ނޭގި ހުށަހަޅާފައި އޮތް އައިޑީ ކާޑެއްކަމުގައި ވެރިފަރާތުން ބުނުމުން އެކަނި، އެއީ ސައްހަ މުއާމަލާތެއް ނޫންކަމަށް ނިންމާ އިލެކްޝަން ކޮމިޝަނަށް މި ޖޫރިމަނާ ތަންފީޒު ކުރެވިދާނޭކަމަށްވެސް ނުބެލެވޭތީއެވެ.
އަދި މިގޮތުން ކުރާ ޖޫރިމާނާ ދެއްކުމަށް ޕާޓީތަކުން އިންކާރު ކުރާ ހާލަތުގައި ދެން ކަންވެގެންދާނޭ ގޮތްވެސް ފުރިހަމަޔަށް ބާންވެސް ކުރެވެން ޖެހެއެވެ.
އޭގެ އެންމެ ބޮޑު އެއް ސަބަބަކީ، ޕާޓީތަކަށް މީހުން ބަދަލު ވުމުގެ މުއާމަލާތަކީ، މިއަދު ވިޔަފާރީގެ އުސޫލުން، ފައިސާ ނަގައިގެން ހިންގަމުންދާ މުއާމަލާތަކަށް ބަދަލު ވެގެން ގޮސްފައި ވާތީއެވެ. އަދި، ޕާޓީތަކުގެ ދަފްތަރުތަކުގައި މީހުން ހިމެނުމާއި، އެއް ޕާޓީން އަނެއް ޕާޓީއަށް މީހުން ބަދަލުވަމުން ދިއުމަކީ ގިނަބަޔަކު އެމީހުން އަމިއްލަ ފައިދާއަށް ގަސްތުގައި ހިންގަމުންދާ މުއާމަލާތަކަށްވެސް ވެގެން ގޮސްފައި ވާތީވެސްމެއެވެ.
އެހެންނަކަމުން، މިފަދަ މުއާމަލާތެއް ހުއްޓުވުމަށް އެކަށިގެންވާ ސިސްޓަމެއް ގާއިމްނުކޮށް، ހަމައެކަނި ޖޫރީމާނާއަކުން މި ބޮޑު މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިފިނަމަ، އޭގެ ބަދަލުގައި ދެން ކުރިމަތިވެގެންދާނޭ ބޮޑެތި މައްސަލަތަކެއް ހުންނާނޭ ކަމުގައި ގަބޫލުކުރާން ޖެހެއެވެ.

އެހެންކަމުން، ޕާޓީތަކަށް މީހުން ބަދަލު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކާ އިލެކްޝަންސް ކޮމިޝަނުން ބޮޑު ޖޫރިމާނާއެއް ކަނޑައެޅުމުގެ ކުރިން، އެކޮމިޝަނަށް ހުށަހެޅޭ މައުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމަށް، ކޮމިޝަންގެ ފަންނީ ގާބިލްކަން އިތުރުކުރެވެން އެބަޖެހެއެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި، ސަރުކާރުގެ ވިއުގަތަކާއި ގުޅިގެން، ސައްޚަ ނޫން އައިޑީ ކާޑުތައް އެކޮމިޝަންގެ ޑޭޓާބޭސްގައި ހިމެނިގެން ނުދާނޭކަން ކޮމިޝަނުން ޔަގީންކުރަން އެބަޖެހެއެވެ.
މިއުސޫލުން، ހަރުދަގާ މެކޭނިޒަމެއް ގާއިމް ނުކޮށް، މައްސަލަ ހައްލު ކުރުމަށް ބޮޑު ޖުރިމާނާއެއް ތައާރަފް ކުރުން ބެލެވިގެންދަނީ، އިލެކްޝަންސް ކޮމިޝަންގެ ނާގާބިލުކަން ވަންހަނާ ކުރުމަށް، އެހެން ގޮތެއް ނެތިގެން ކޮމިޝަނުން އެކޮމިޝަނުން ގެނައި ބަދަލެއްގެ ގޮތުގައެވެ.
އެހެންނަވެސް، ތަންފިޒީ އިދާރާތަކުގައި ހުރި، "ލޫޕް ހޯލް"ތައް ނުބައްދާ، އޭގެ ޒިންމާއާއި ބުރަދަން އުފުލުމަކީ އަނެއްކުންގެ މައްޗަށް ލާޒިމް ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. އަދި އެއްވެސް ހާލަތެއްގައި މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫންކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ