ދާންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ދާންދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޖިމީ
30 މެއި 2022 01:13
0

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

ދާންދޫގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

ދާންދޫގެ ބަނދަރަށް ޖާގަ އިތުރުކޮށް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 529 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 333މީޓަރުގައި ބޭރު ތޮށި ލުހުމާއި، 370 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

ދާންދޫ ބަނދަރު ތަރައްޤީކުރަނީ އެންމެ ޒަމާނީ ފަރުމާއަށެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގައި 100މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށްވެސް ވަނީ ހިމަނާފައެވެ. އަދި ބަނދަރުގެ އެއްގަމު ތޮއްޓާ ބޭރު ތޮށި ގުޅާލުމަށް 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއްވެސް ހަދާނެއެވެ.

އެންމެ ފަހުގެ ފަރުމާއަކާ އެއްގޮތަށް، ދާންދޫ ބަނދަރުގެ އެއްގަމު ތޮށި ވަށައިގެން 3747 އަކަމީޓަރުގެ ޕޭވްމަންޓެއް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ބަނދަރު އަލިކުރުމަށް 36 ބަނދަރު ބައްތި ހަރުކުރުމާއި، ނެރު ބައްތީގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ބަނދަރުގައި ދޯނި އަޅާފައި ބޭއްވުމަށް ފަސޭހަކުރުމަށް މޫރިންގ ރިންގާއި މޫރިންގ ބޮއި ހަރުކުރާނެއެވެ.

ބަނދަރާ، ކުނި ބާޖާއި ކޮޅުވެއްޓި ކައިރިކުރުމަށް 10 މީޓަރުގެ ރޭމްޕެއް ހެދުންވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ދާންދޫ ބަނދަރުގެ މަސައްކަތް ނިމޭއިރު ވެގެން ދާނީ، ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑެތި ބަނދަރުތަކުގެ ތެރެއިން ބަނދަރަކަށެވެ.

ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 70.8 މިލިއަން ރުފިޔާއަށެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ފުރިހަމަކުރުމަށް އެއްބަސްވެފައިވަނީ 1 އަހަރާ 4 މަސް ދުވަހުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.