ރާއްޖެއިން މިހާތަނަށް އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހެނީ 2026ގައި: އަމީރު

ރާއްޖެއިން މިހާތަނަށް އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހެނީ 2026ގައި: އަމީރު

Author
މުޙައްމަދު ޖިމީ
26 މެއި 2022 02:27
0

ދައުލަތުން މިހާތަަނަށް އެއް އަހަރުގެތެރޭގައި އެންމެ ގިނަ ޢަދަދެއްގެ ދަރަނި ދައްކަންޖެހެނީ 2026ގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ، ދައުލަތުން މިހާތަަނށް އެންމެ ބޮޑު ދަރަންޏެެއް 2026ގައި ދައްކަންޖެހޭއިރު އެއީ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ކަމަށެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ދައްކަން ޖެހޭނީ 2026 ވަނަ އަހަރުކަމަށާއި، ކުރީ ސަރުކާރުން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑު (އޭޑީއެފްޑީ) އިން ނެގި 100 މިލިއަން (1.5 ބިލިއަން ރުފިޔާ) ގެ ލޯނު ތިން އަހަރަށް އަނބުރާ ދެއްކުން ފަސް ކުރުމާ ގުޅިގެން އެ ލޯނަށް ދައްކަން ޖެހޭ ފައިސާވެސް ދައްކަންޖެހެނީ 2026 ވަނަ އަހަރުކަމަށް އަމީރު ވިދާޅުވިއެވެ.

 ދަރަނި އެންމެ ބޮޑަށް ހައިކްވެގެން ދާނީ 2026 ވަނަ އަހަރު، އެއަށް ވުރެ ކުރިން ޖެހޭނެ ލައިބިލިޓީ މެނޭޖްމެންޓް އެކްސަސައިޒެއް ހިންގައިގެން ދަރަނި މެނޭޖްކުރުމަށްޓަކައި މަސައްކަތްކުރަން…

– އިބްރާހީމް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދަރަނި މެނޭޖްކުރުމުގައި ސަރުކާރުން ނަގާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރެއްވާފައެވެ. އެގޮތުން 2021 ވަނަ އަހަރު ސަރުކާރުން ސުކޫކު ވިއްކުމުގައި ލައިބިލިޓީ މެނޭޖްމަންޓު އެކްސަރސައިޒެއް ހިންގުމަށްފަހު ދަރަނި ރި-ސްޓްރަކްޗަރކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަންނަ ޖޫންގައި އެހެން ނޫންނަމަ ދައްކަން ޖެހޭނެ 250 މިލިއަން ޑޮލަރު، ސަނީ ސައިޑު ބޮންޑަށް، އެއްފަހަރާ، އެކަމަކު ކުރިއާލައި ރާވައިގެން މިދިޔަ އަހަރު ގާތްގަނޑަކަށް އެއަށް 192 މިލިއަން ޑޮލަރު މިދެއްކީ، ބާކީ 58 މިލިއަން ޑޮލަރާއި، އިންޓަރެސްޓު ޕޭމަންޓާއި އެއްކޮށް ޖޫން ފަސްޓްވީކުގައި ޕޭކުރާނަން 62 މިލިއަން ޑޮަލަރު، އޭގެ ފައިސާ އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ބޯޑު ދަންޏެއް 2026ގައި ދައްކަން ޖެހޭނެކަމަށް އަމީރު ވިދާޅުވެފައިވާއިރު 2023 ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވެ، ދައުލަތުގެ ދަރަނި ނުދެއްކި ޤައުމު ބަނގަރޫޓުާ ހިސާބަށް ގޮސްދާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަން ޗޭސްއިން ވަނީ ދީފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި އެނެލިސިސްއެއް ޖޭޕީމޯގަން އިން ވަނީ އާންމުކޮށްފައެވެ. އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ޖޭޕީމޯގަންގެ އެނެލިސްގައިވާ ގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް %10 ގައުމަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެއެވެ.

މި ރިޕޯޓުގައި އަލިއަޅުވާލާފައިވާ 52 ޤައުމަށްވެސް ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު އޭގެތެރެއިން 8 ޤައުމެއްގެ ރިޒާވް އަންނަ އަހަރުގެ ނިޔަލަށް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ޤައުމުތަކުގެ ލިސްޓުގައި 1 ވަނައަށް އަވަށްޓްރި ސްރީ ލަންކާ އޮތް އިރު ދެވަނަ އަށް އޮތީ ދިވެހިރާއްޖެއެވެ. ސްރީލަންކާ މިހާރުވަނީ ބޭރު ޤައުމުތަކަށް ދަރާފައިވާ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އިއުލާންކޮށްފައެވެ. ދެން އެ ލިސްޓުގައި ހުރި ޤައުމުތަކަކީ، ބަހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނޭޑާ އަދި އިތިއޯޕިއާއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 91.4 ބިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން 50 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 41 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. މީގެ ތެރޭގައި އަދި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ނުހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
މި ދަރަނި ދެއްކޭނީ އިގްތިސާދު ދަންނަ ބަޔަކާ 2023ގަ ވެރިކަން ހަވާލު ކުރެވިގެން. އިގްތިސާދު ހިންގަން އެހެން ޤައުމެއްގެ ބަޔަކާ ހަވާލުކޮއްފަ ކުޅިބަލަން ތިބޭ ބަޔަކަށް މިކަމެއް ނުވާނެ. ނުވީމަ ވާގޮތް އެ ފެންނަނީ މިހާރު ލަންކާއިން.