ފެނަކައިގެ ޚަރަދު ކުޑަކުރުމަށް ހުޅުވާލި ފުރުޞަތުގައި 97 މުވައްޒަފަކު ވަޒީފާ ދޫކޮށްލަން އެދިއްޖެ

ފެނަކައިގެ ޚަރަދު ކުޑަކުރުމަށް ހުޅުވާލި ފުރުޞަތުގައި 97 މުވައްޒަފަކު ވަޒީފާ ދޫކޮށްލަން އެދިއްޖެ

Author
އަހުމަދު
20 ޖޫން 2026 09:53
0

ފެނަކަ ކޯޕަރޭޝަންގެ މާލީ ޙާލަތު ރަނގަޅުކޮށް، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލި ފުރުޞަތުގައި 97 މީހަކު އެކަމަށް އެދި ހުށަހަޅައިފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ޙުސައިން ވިދާޅުވީ، ކުންފުނި ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އަމިއްލައަށް ވަޒީފާ ދޫކޮށްލާ ފަރާތްތަކަށް 4 މަސް ދުވަހުގެ މުސާރަ އެއްފަހަރާ ދޭގޮތަށް ހަމަޖެއްސުމުން، މާލެއާއި އަތޮޅުތެރޭގެ އެކި ސައިޓުތަކުން ޖުމްލަ 97 މުވައްޒަފަކު ވަކިވާން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފް ފާހަގަކުރެއްވި ގޮތުގައި އޭނާ މަޤާމާ ހަވާލުވެވަޑައިގަތްއިރު ފެނަކައިގައި 8,000 އެއްހާ މުވައްޒަފުން ތިބިއިރު، މުސާރައަށް އެކަނިވެސް މަހަކު 90 މިލިއަން ރުފިޔާ ޚަރަދުވެއެވެ. މިއީ ކުރީގެ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް، އެއްވެސް މަސައްކަތެއް ނުކުރާ އަދި ޑިއުޓީއަށް ނުނިކުންނަ ގިނަ ބަޔަކަށް ވަޒީފާ ދީފައިވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިސްރާފުތަކުގެ ސަބަބުން ކުންފުންޏަށް މުހިންމު މަޝްރޫޢުތައް ހިންގުމަށް ދަތިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ގެނެވެމުންދާ އިޞްލާޙީ ބަދަލުތަކާއެކު، ކުރާނެ މަސައްކަތެއް ނެތްކަން އަމިއްލައަށް ޤަބޫލުކޮށް ގިނަ ބަޔަކު އަންނަނީ ވަޒީފާ ދޫކޮށްލަމުންނެވެ. ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިގެ އިތުރުން އެޗްޑީސީ ފަދަ ކުންފުނިތަކުންވެސް އަންނަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކުރުމަށް މުވައްޒަފުން މަދުކުރުމުގެ ޕެކޭޖުތައް ތަޢާރަފުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.