ބ. ކަމަދޫގެ ނަން ރަމްޒުކޮށްދޭ މޮނުމަންޓެއް ޑިޒައިންކުރުމަށް 50,000 ރުފިޔާ!

ބ. ކަމަދޫގެ ނަން ރަމްޒުކޮށްދޭ މޮނުމަންޓެއް ޑިޒައިންކުރުމަށް 50,000 ރުފިޔާ!

Author
އަހުމަދު
20 ޖޫން 2026 09:56
0

ބ. ކަމަދޫ ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އެ ރަށުގެ ނަން ރަމްޒުކޮށްދޭ މޮނުމަންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތް ކޮށްދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މޮނުމަންޓުން ދިވެހި އަދި އިނގިރޭސި ބަހުން ރަށުގެ ނަން ފެންނަން ހުންނަންވާނެއެވެ. އަދި އިނގިރޭސި ބަހުން ރަށުގެ ސްލޯގަން ކަމަށްވާ "ދަ ހާޓް އޮފް ޓްރޭޑިޝަން" ވެސް ހިމަނަންޖެހެއެވެ. އަކުރުތަކުގެ ސައިޒަށް ބަލާއިރު، ދިވެހި އަކުރުތަކުގައި 3 ފޫޓު އަދި އިނގިރޭސި އަކުރުތަކުގައި 4 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނެއް ހުންނަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ފުރުސަތު އަމިއްލަ ފަރުދުންނާއި، ކުލަބު ޖަމިއްޔާތަކާއި އަދި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވީ ނަމަވެސް، ޝަރުތަކީ ޑިޒައިން ހުށަހަޅާ ފަރާތަކީ ނުވަތަ އެ ފަރާތެއްގެ މައިންބަފައިންކުރެ މީހަކީ ކަމަދޫގެ ރަޖިސްޓްރީގައި އޮންނަ މީހަކަށް ވުމެވެ. ޑިޒައިން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ ޖޫން މަހުގެ 30 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.

މިކަމަށް ކުރިމަތިލާއިރު އަމިއްލަ ފަރުދެއްނަމަ އައިޑީކާޑު ކޮޕީ، އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީއާއި އިކޮނޮމިކް މިނިސްޓްރީގެ އެސްއެމްއީ ސެޓްފިކެޓް ހުށަހަޅަންޖެހޭނެއެވެ. އަދި އެއްވަނައަށް ހޮވޭ ފަރާތުން ޑިޒައިންގެ ބީއޯކިއު (BOQ) ހުށަހަޅައި، ފަރުމާގެ މިލްކުވެރިކަން ކަމަދޫ ކައުންސިލަށް ލިބިދޭކަން އަންގައިދޭ ލިޔުމެއްވެސް ހުށަހަޅަންޖެހޭނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.