ސައްޙަ ނޫން ދަފްތަރުތަކަށް މާލިއްޔަތުން ފައިސާ ނަގަމުން ދިއުން، މިއީ ވައްކަމެއް ނޫންތަ؟

ސައްޙަ ނޫން ދަފްތަރުތަކަށް މާލިއްޔަތުން ފައިސާ ނަގަމުން ދިއުން، މިއީ ވައްކަމެއް ނޫންތަ؟

Author
ހުސެއިން
23 މެއި 2022 08:17
0

2008ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގަތް އާ ގާނޫނު އަސާސީން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނައި އެންމެ ބޮޑު ބަދަލަކަށް ވެގެން ދިޔައީ، ސިޔާސީ ޕާޓިތަކުގެ ވެރިކަމުގެ ނިޒާމު ރާއްޖެއަށް ތައާރަފް ކުރުމެވެ. މާނައަކީ، އާ ގާނޫނު އަސާސީން ރާއްޖެ ބަލައިގަތް ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މުހިންމު މުއްސަސާތަކަށް ވެގެންދަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްގެން އުފައްދާ ސިޔާސީ ޕާޓީތަކެވެ.

މިގޮތުން، ފެހި ގާނޫނު އަސާސީގެ ދެވަނަ ބާބު، އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 30ވަނަ މާއްދާއިން، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސިޔާސީ ޕާޓީތައް އުފެއްދުމާއި، ހިންގުމާއި، އަދި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުވަނީ ފުރިހަމަޔަށް ލިބި ދީފައެވެ.

މިބާބުގައި ބަޔާންކޮށްފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

2:30: ސިޔާސީ ޕާޓީތަކާއި، ޖަމްއިއްޔާތަކާއި، ޖަމާއަތްތައް ހެދުމުގެ މިނިވަންކަން

(ހ) ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެން ވެއެވެ.

މިއީ، ފެހިގާނޫނު އަސާސީގެ ކުރިއަށް، ދިވެހި ރައްޔިތުންނަށް ލިބިދީފައި ނުވާ، އަދި އެ ހައްގެއް ހޯދުމަށްޓަކާ އެތައް ރައްޔިތުންނެއް އެތައް ޒަމާނެއް ވަންދެން ވަކާލާތު ކުރަމުން އައި، އަސާސީ ހައްގެކެވެ.

އެހެންނަމުން، އާގާނޫނު އަސާސީން ލިބިދީފައިވާ މި ހައްގުގެ ބޭނުންކޮށް، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކާ ގާނޫނުތައް އެކުލަވާލެވި އަދި އެ ގާނޫނުތަކުގެ ޒަރީއާއިން ޕާޓީތަކަށް ދައުލަތުގެ މާލިއްޔަތުން ފާއިތުވެދިޔަ ތަނުގައި ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެހެންނަމަވެސް، ސިޔާސީ ޕާޓީތައް އުފައްދާ ހިންގުމުގެ ހައްގަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިދީފައި އޮތް އަސާސީ ހައްގަކަށްވި ނަމަވެސް، މިހަގުގެ ބޭނުން ކުރުމުގެ ފުރުސަތު އިތުރަށް ފަހި ކޮށްދިނުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރެވޭނީ ހަމައެކަނި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: އާ ގާނޫނު އަސާސީންވަނީ ސިޔާސީ ޕާޓީތައް އުފައްދާ ހިންގުމަކީ އަސާސީ ހައްގެއްކަމުގައި ކަނޑައަޅާދީފަ

ކުދި ޕާޓީތައް މި ފުރުސަތުންު މަހުރޫމްކޮށް، މަޖިލިހުގައި އައުލަބިއްޔަތު އޮތުމުން، ބޮޑެތި ޕާޓީތަކަށް ފައިދާވާގޮތަށް، އެޕާޓީތަކުގެ އަމިއްލަ މަސްލަހަތުގައި ގާނޫނުތަކަށް ބަދަލު ގެނެސްގެން، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުން ދައުލަތުގެ މާލިއްޔަތުން އޭގެ ފަހުން ގެންދަނީ ކޮންމެ އަހަރަކުވެސް 30 ވަރަކަށް މިލިއަން ރުފިޔާ ނަގަމުންނެވެ.

މިފައިސާ މި ދެންނެވުނު ބޮޑެތި ޕާޓީތަކުން ނަގަމުންދާއިރު، އަދި ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ މީހުންގެ އަދަދަށް ފައިސާ ޕާޓީތަކަށް ދޫކުރަމުން ދާއިރު، ޕާޓީތަކުގެ ދަފްތަރުގެ ސައްޙަކަމެއް ބެލެވޭނެ އުސޫލެއް އެކަށައެޅިފައެއް ނެތެވެ. ޕާޓީތަކަށް، ގަދަކަމުން މީހުން ވެއްދިޔަސް، ވަގަށް މީހުން ވެއްދިޔަސް، އަދި އެނޫން އުސޫލަކުން މީހުންވެއްދި ނަމަވެސް، ޕާޓީތަކުގެ ދަފްތަރުގައި ތިބޭ މީހުންގެ ބޮލަށް ދައުލަތުގެ މާލިއްޔަތުން ފައިސާ ނަގަމުން، ޕާޓީތަކުން ދަނީ ހޭދަ ކުރަމުންނެވެ.

 

ކޮންމެ އަހަރަކުވެސް ބޮޑު ޚަރަދެއް!

ސިޔާސީ ޕާޓީތައް ހިންގާ ބަލަހައްޓާ ދައުލަތުގެ މުވައްސަސާ ކަމުގައިވާ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު، ރަޖިސްޓްރީ ކޮށްފައިވާ 11 ސިޔާސީ ޕާޓީއެއް އެބަ އޮތެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ޕާޓީތަކަކީ އެއްވެސް މިންވަރަކަށް ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ، އަދި ބޭއްވޭ އިންތިޚާބުތަކުގައިވެސް ޕާޓީތަކުން ކެނޑިޑޭޓުން ވާދަ ނުކުރާ ޕާޓީތަކެވެ.

ހަމަ އެއާއެކި، ގިނަ ޕާޓީތަކަކީ، ޕާޓީ ދެމި އޮތުމަށް ބޭނުންވާ 3،000 މެމްބަރުން ކިރިޔާ ހަމަވާ ޕާޓީތަކެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ޕާޓީތަކުގެ މެމްބަރުންގެ އަދަދު 3،000 މެމްބަރުންނަށްވުރެ މަދު ވުމުގެ ސަބަބުން އެޕާޓީތަކަށް އިލެކްޝްންސް ކޮމިޝަނުންވަނީ ދާދިފަހުން ޕާޓީ އުވާލުމަށް ދޭންޖެހޭ ނޯޓިސްވެސް ދީފައެވެ.

އެހެންނަމަވެސް، މިދެންނެވުނު ޕާޓީތަކަކީ، ދައުލަތުގެ މާލިއްޔަތުން ޚަރަދު ނުކުރާ ޕާޓީތަކަށް ވީނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ 11 ސިޔާސީ ޕާޓީގެ ތެރެއިން 4 ސިޔާސީ ޕާޓީއަކީ ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރަންޖެހޭ މިންވަރަށް މެމްބަރުން ހަމަކޮށްފައިވާ ޕާޓީތަކެވެ. އެ ޕާޓީތަކަކީ، އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން، ޖުމުހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އެންމެ ފަހުން އުފެއްދި އެމްއެންޕީއެވެ. އެހެންނަަމެވެސް އެމްއެންޕީއަށް 10،000 މެމްބަރުން ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށެހެޅިފައިވަނީ މިއަހަރުގެ ބަޖެޓުން ފައިސާ ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މުއްދަތަށްވުރެ ފަހުންކަމަށް ވުމާއެކު، މިއަހަރުގެ ބަޖެޓުން އެޕާޓީއަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

މިހާރު ސިޔާސީ މަސްރަހުގައި އޮތް އެންމެ ދުވަސްވީ އެއް ސިޔާސީ ޕާޓީކަމުގައިވާ ޖުމުހޫރީ ޕާޓީން: ސިޔާސީ ހަރަކާތެއް ނުހިންގިޔަސް އެޕާޓީއަށްވެސް ދަނީ ކޮންމެ އަހަރަކުވެސް ބަޖެޓުން ފައިސާ ލިބެމުން

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކަށް ފަހު އަހަރަކަށް ދައުލަތުގެ ބަޖެޓް ބޮޑު ވަމުންދާއިރު، އެނިސްބަތުން ސިޔާސީ ޕާޓީތަކަށް ދޭ އަދަދުވެސް އިތުރުވާ ގޮތަށް ކަނޑައަޅާފައި އޮންނަ މި އުސޫލުގެ ދަށުން، މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަނީ 32 މިލިއަން ރުފިޔާ މިހާރު ދޫކޮށްފައެވެ.

ހަތަރު ސިޔާސީ ޕާޓީއަކަށް މިއަހަރު ދޫކޮށްފައިވާ ފައިސާތަކުގެ އަދަދު:

އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ

ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ

ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ

އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

 

ފައިސާ ދޫކުރަމުންދަނީ ސައްޙަ ނޫން ދަފްތަރުތަކަށް!

އިސްވެ ދެންނެވުނު އުސޫލުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މާލިއްޔަތުން ގިނަ އަދަދެއްގެ ފައިސާ ކޮންމެ އަހަރަކުވެސް ކުރަމުންދާއިރު، ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ދައުލަތުގެ މާލިއްޔަތުން ކޮންމެ އަހަރަކުވެސް ސިޔާސީ ޕާޓީތަކަށް ކުރަމުންދާ 30 މިލިއަން ރުފިޔާގެ ބޮޑު ހޭދައިގެ ސައްޙަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމެވެ.

ޕާޓީތަކުން އެޕާޓީތަކުގެ ދަފްތަރުތަކުގައި ހިމެނިފައިވާ މީހުންގެ ބޮލަށް ފައިސާ ނަގަމުން ދިޔަނަމަވެސް، ޕާޓީތަކަށް މީހުން ވައްދާ، ދަފްތަރު އަޕްޑޭޓްކޮށް، ދަފްތަރު ފުޅާކޮށް ބޮޑު ކުރަމުން ދިއުމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތެވެ. ފާއިތުވެދިޔަ ތަނުގައި "ވަގު" އައިޑީ ކާޑުތަކުގެ ބޭނުން ކޮށްގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާފައިވާކަން ސާބިތުވެފައިވެސް އެބަހުއްޓެވެ.

އަދި އެއް ޕާޓީއަކަށް ވަނުމަށްފަހު، އަނެއް ދުވަހު އަނެއް ޕާޓީއަކަށްވެސް ވަންނަންވީއެވެ. ޕާޓިތަކަށް މީހުން ވަނުމުގައާއި ވެއްދުމުގައި ހަމައެއް ލަމައެއް ނެތެވެ.

ދައުލަތުގެ މާލިއްޔަތުން ފައިސާ ނަގަމުންދާ ޕާޓީތަކުގެ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މެމްބަރުން ތިބި ނިސްބަތް:

  • އެމްޑީޕީ: 54،782
  • ޕީޕީއެމް: 34،368
  • ޖޭޕީ: 20،139
  • އަދާލަތު ޕާޓީ: 10،589

ދައުލަތުގެ މާލިއްޔަތުން ކޮންމެ އަހަރުކުވެސް އެންމެ ގިނަ އަދަދެއްގެ ފައިސާ ނަގަމުންދާ އެމްޑީޕީގެ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 54،782 މީހުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކާއިރު، ދާދި ފަހުން ބޭއްވިގެންދިޔަ އެޕާޓީގެ އެތެރޭގައި އިންތިޚާބުގައި ވޯޓު ލާފައިވާކަމަށް ދައްކަނީ 48،266 މީހުންނެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ ނުކުތާއަކީ، މިއިންތިޚާބުގައި ވޯޓުލުމުގެ ހައްގު އެޕާޓީގެ 90 އެތައްހާސް މެމްބަރުންނަކަށް ލިބޭނޭކަމަށް އެޕާޓީން އާންމުކޮށްފައިވާ ޕާޓީގެ ދަފްތަރުން އެގެން އޮތްއިރު، މިއިންތިޚާބަށް އެކަނި އަމާޒުކޮށްގެވެސް، އެހެން ޕާޓީތަކުގެ މެމްބަރުން އެޕާޓީއަށް ވައްދާފައިވާކަން އެގެން ހުރިކަމެވެ. އަދި މީގެކުރިން ބޭއްވިފައިވާ އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް އަމާޒު ކޮށްގެންވެސް، އެހެން ޕާޓީތަކުގެ މެމްބަރުން ޕާޓީއަށް ވައްދާ، އެތައް ބަޔަކު އެއުސޫލުންވެސް ޕާޓީގެ ދަފްތަރުގައި ހިމަނާފައި ވާކަން މިއީވެސް ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.

ސައްޙަ ނޫން ދަފްތަރުތަކަށް ޕާޓީތަކުން ފައިސާ ނަގަމުން ދިޔަނަމަވސް އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ އެއްވެސް ކަމެއް އޮތްކަމަށް ފެންނާކަށް ނެތް

މީގެ އިތުރުން، މީހުންނަށް ނޭގި، އައިޑީ ކާޑުގެ ބޭނުންކޮށްގެން ވަގަށް ޕާޓީތަކަށް މީހުން ވައްދާ ކަމުގެ ޝަކުވާތަކާއި، އެއްޕާޓީގެ މެމްބަރުން އަނެއް ޕާޓީއަކަށް، ޚުދު މެމްބަރުންނަށްވެސް ނޭގި ވައްދާފައިވާކަމުގެ ޝަކުވާތައް ޕާޓީތަކުން ކުރަމުން ދިއުންވެސް މިއީ މިއަދު އާންމު ކަމެކެވެ. އަދި މިމައްސަލަ ހައްލުކުރާނޭ މަގެއް އިލެކޮމިޝަނަށް މިހާތަަނަށް ހޯދިފައި ނުވާއިރު، މިމައްސަލަ ހައްލުކޮށް، ދައުލަތުން ޕާޓީތަކަށް ކޮންމެ އަހަރަކުވެސް ކުރަމުންދާ 30 މިލިއަން ރުފިޔާގެ ބޮޑު ހޭދައަކީ ސައްހަ ގޮތުގައި ކުރެވޭ ހޭދައެއްކަން ކަށަވަރު ކުރުމުގައި އިލެކްޝަން ކޮމިޝަން ފެންނަނީ ގޮތް ހުސްވެފައި އޮތްތަނެވެ.

ނަތީޖާއެއްގެ ގޮތުން، ޕާޓީތަކުން ދަނީ އެގޮތް މިގޮތުން، "ހެދުނު އެއްޗެއް ހަދައިގެން" ނަމަވެސް ޕާޓީތަކަށް މީހުން ވައްދާ އެމީހުންގެ ބޮލަށް ދައުލަތުގެ މާލިއްޔަތުން ފައިސާ ނަގަމުންނެވެ. ތިމާއަށް އެނގުމަކާ ނުލާވެސް، ޕާޓީގެ ދަފްތަރުގައި ނަން ހިމަނައިގެން، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމާއެކު، އެމީހެއްގެ ނަމުގައި ޕާޓީއަށް ފައިސާ ހައްގުވެގެން ދަނީއެވެ.

ދެފުށް ފެންނާން ނެތް މިއުސޫލުގެ ބޭނުން ކޮށްގެން، ޕާޓީތަކުން ދައުލަތު މާލިއްޔަތުން ފައިސާ ނަގަމުން ދިޔަނަމަވެސް، މިއީ އިހުމާލެއްކަމުގައި ބަލައިގަންނަ މުވައްސަސާއެއް ނެތެވެ. ޕާޓީތަކަށް މީހުން ވައްދާ އެމީހުންގެ ބޮލަށް ފައިސާ ނަގަމުން ދިއުުމުގައި، އޮޅުވާލުމާއި، ވަގަށް މީހުން ވައްދާކަން ސާފުކޮށް އެގެން އޮތްނަމަވެސް، ރައްޔިތުންގެ ޓެކްސްފައިސާ މިއުސޫލުން ބަޔަކު މީހުން ފައިސާ ނަގަމުން ދިއުމުގައި މައްސަލަ އޮތް ކަމުގައި ދެކޭނޭ ބަޔަކު ނެތެވެ. މިއީ ޚިޔާނާތަކަށްވެސް، ވައްކަމަކަށްވެސް ވާނޭ ގޮތެއް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.