އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖޫން 2ގައި ފަސް ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ބައްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫގައެވެ.
އެމްޑީޕިން ބުނީ، 2 ޖުލައި ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ހއ.ވަށަފަރު، ށ.ޅައިމަގު، ށ.ކޮމަންޑޫ، ކ.ތުލުސްދޫ އަދި އއ.ތޮއްޑޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަންގެ، އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. އެހެންކަމުން ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދި ސިޓީ އަކާއިއެކު އައިޑީ ކާޑުގެ ސާފު ކޮޕީއެއް 23 މެއި ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެދޭކަމަށް އެމްޑީޕީން ބުންޏެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް އަވަސްއަވަހަށް ބާއްވަމުންދާއިރު، މިކަމަށް އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ވިލިމާލެ ދައިރާގެ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުވެސް ބާއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުލިބުމުގެ ކަންބޮޑުވުންވެސް އެކޮމިޝަނުން ފާޅުކޮށްފައިވެއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ބޮޑު ޚަރަދެއްކުރަންޖެހޭ ކަމަކަށްވާތީ ޤާނޫނީގޮތުން މިކަމަށް ހައްލެއް ގެނައުމުގެ ވިސްނުން ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް މެންބަރުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކޮށްފައެވެ.
ކޮމެންޓު ފޮނުވާ