ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުން ނުދާތީ އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަ މަޖިލީހުން ބަލައި ނުގަތުމަކީ މަޖިލިހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން، ގައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވި ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގު ވަޒަން ނުކުރުން ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުން ނުދާތީ އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް، އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟް މިއަދު މަޖުލީހަށް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައިވަނީ، ޕެންޝަނާއިބެހޭ ގާނޫނާއި ގުޅޭގޮތުން އެމްއެންޕީން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، މިގާނޫނު ވުޖޫދުވެ ތަންފީޒު ކުރެވެން ފެށިގެން މިއަދާހަމައަށް އައިރު، މިގާނޫނުގެ މަގުސަދުތަކާއި ލާޒިމް ކޮށްފައިވާ ޒިންމާތަކާއި މިގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ފެންޝަންގެ ހައްގުވެރިންނަށް ލިބެމުން ނުދާކަން ފާހަގަވެފައި ވާކުގައެވެ.
ދައުލަތައް ގިނަދުވަހު ޚިދުމަތް ކޮށްފަވާ ބައެއް ބޭފުޅުންގެ ހައްޤުތަައް ޕެންސަން ގާނޫނުން ގެއްލިފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައަށް MDP އިން ތާއިދު ނުކުރުމަކީ އެބޭފުޅުން ގައުމަށް ދިގުމުއްދަތައް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ނުކުރެއްވުން. https://t.co/3jBVVRM7GS
— Abdulla Riyaz MP (@riyazabdulla) May 18, 2022
މިގޮތުން ރިޔާޒު ފާހަގަ ކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި، އަސާސީ ޕެންޝަންގެ އިތުރުން އެހެން ޕެންޝަންގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންޝަންގެ ދެގުނައަށްވުރެ ދަށް އަދަދެއްނަމަ އެއަދަދުގެ %50 އަސާސީ ޕެންޝަންއިން އުނިކުރަންޖެހޭ ގޮތަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ އޮތުމައި، އަދި އޭގެ އިތުރުން އެހެން ޕެންޝަންގެ ގޮތުގައި ލިބޭ އަދަދު އަސާސީ ޕެންޝަންގެ ދެގުނައަށްވުރެ ބޮޑުނަމަ، އެފަރާތަކަށް އަސާސީ ޕެންޝަ ނުލިބޭގޮތަށް ގާނޫނުގައި އޮންނަ މައްސަލައެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި، ގަނޫނުގައި މިގޮތަށް ބަޔާން ކޮށްފައި އޮންނަ އޮތުމުގެ ނަތިޖާއެއްގެ ގޮތުން، އަސާސީ ޕެންޝަންގެ ހައްގުވެރިންނަށް ލިބިދޭންޖެހޭ 5،000 ރުފިޔާގެ ޕެންޝަންގެ އިނާޔަތް ފުރިހަމައަށް އޭގެ ހައްގުވެރިންނަށް ލިބުމަށް ވަނީ ހުރަސް އެޅިފައެވެ.
ރިޔާޒު ވިދާޅުވެފައިވަނީ، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި އުމުރުން ދުވަސްވީ މީހުންނަށް ދެވޭ ޕެންޝަންއަކީ މުޅިން ތަފާތު ދެ ޕެންޝަނަކަށް ވެފައި، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަންނަންޖެހޭ ކަމެއް ނޫންކަމުގައެވެ.
ޕެންޝަން ފައިސާ އޭގެ ޙައްގުވެރިންނަށް ލިބެމުން ނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު މަޖިލީހުން ބޭރު ކޮށްލާފައިވަނީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ތެރެއިން 19 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަތުމަށް ފަސް މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ