ނަޝީދާ ދެކޮޅަށް އަނދުން ހުސައިން ހުށައެޅި މައްސަލަ ކޮމިޓީން ބަލައިގެންފި

ނަޝީދާ ދެކޮޅަށް އަނދުން ހުސައިން ހުށައެޅި މައްސަލަ ކޮމިޓީން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނާޝިދު އަވަހަރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގެ ހަގީގަތް ފޮރުވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ސަރުކާރަށް ވާގިވެރިވާކަމަށް ވިދާޅުވެ އެމަނިކުފާނު ކުރެއްވި ތުހުމަތުތަކަށް ފިޔަވަޅު އަޅައިދިނުމަށް ހުށައެޅި މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައިގެންފިއެވެ.

މި މައްސަލަ ކޮމިޓީއަށް ބަލައިގަތުމަށް ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ. އަދި އެ މައްސަލަ ބަލައިގަތުމަށް ތާޢީދުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ. އަދި އެ މައްސަލަ ބެލުމަށް ކޮމިޓީން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމަށް ތުހުމަތުތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދިން ހަމަލާގެ ރޭވެންތައް ފޮރުވުމުގައި ސަރުކާރަށް މެންބަރު ޙުސައިން ޝަހީމް ވާގިވެރިވާކަމަށެވެ. މި ތުހުމަތުތަކާއި ގުޅިގެން ޙުސައިން ޝަހީމް ވަނީ އޭނާގެ ނަން ތަހުގީގު ރިޕޯޓާއި އިންކުއަރީ ރިޕޯޓްގައި އޮތްތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝިދުގެ ތުހުމަތުތަކާއި ގުޅިގެން މި މައްސަލަ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީން ބަލައިދިނުމަށް އެދި ޙުސައިން ޝަހީމް ހުށައެޅުއްވި މައްސަލާގައި ވަނީ އޭނާގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތުތަކަކީ އިމްތިޔާޒު ލިބިވަޑައިގަންނަވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީވެސް ޤާނޫނޫ އަސާސީއާއި ކަމާގުޅުންހުރި ޤާނޫނުތަކާއި ހުދޫދުގެ ތެރެއިން ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅެއްކަމަށެވެ. ޝަހީމް ވަނީ އޭނާއަށް ތުހުމަތުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރެއްވި ހަގީގަތެއް ނެތް ތުހުމަތުތަކެއްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެ ތުހުމަތުތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *