ލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަރުހަބާ ކިޔައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަންކާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރަނިލް ވިކްރަމަސިންހައަށް އެ ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ނަންފުޅުގައާއި އެ ކޯލިޝަނުގެ އާންމު މެންބަރުންގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށެވެ.
މީގެ ކުރިން ދުވަހަކުވެސް ލަންކާ އަދި ދުނިޔެވެސް ތަޖުރިބާކޮށްފައިނުވާ ފަދަ އިޤުތިޞާދީ ދަތި ދަނޑިވަޅެއްގައި މިފަދަ ބޮޑު ޒިންމާއަކާ ހަވާލުވެވަޑައިގެންނެވީތީ ވިކްރަމަސިންހައަށް ހިތްވަރުދެމުން، ލަންކާގެ ހުރިހާ ސިޔާސީ ޕާޓީތަކާއި މުހިއްމު ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުން ކުރިއަށްގެންދިއުމާއި، އެ ޤައުމުގެ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ ކަންކަން އިސްކުރުމުގެ މުހިންމުކަން އިދިކޮޅު ކޯލިޝަނުން ފާހަގަކުރިއެވެ.
އަދި މިހާރު ލަންކާއަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމުގައި އައު ބޮޑުވަޒީރާއެކު ހުރިހާ ސިޔާސީ ޕާޓީތަކާއި މުހިއްމު ހިއްސާދާރުން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި އިދިކޮޅުން ފާހަގަކުރިއެވެ.
މި ވަގުތު އެ ގައުމަށް ކުރިމަތިވެފައިވާ ދަތިތަކާއި މައްސަލަތައް ހައްލުކުރެއްވުމަށް ވިކްރަމަސިންހައަކީ ޤާބިލު ބޭފުޅެއްކަން ޔަގީންކުރާކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ލަންކާގެ ރައްޔިތުންނަށް އެ ކޯލިޝަނުން އެދެނީ ހަމަޖެހުމާއި، ތަނަވަސްކަމާއި ތަރައްޤީކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިންވެސް ސްރީ ލަންކާގެ ބޮޑުވަޒީރުކަން އެތައް ފަހަރެއްގެ މަތިން އަދާ ކުރައްވާފައިވާ ރަނިލް، އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވާފައި މިވަނީ، ބޮޑުވަޒީރުކަމުގައި ހުންނެވި، މިހާރުގެ ރައީސްގެ ބޭބޭފުޅު، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އުމުރުފުޅުން 76 އަހަރުގެ މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އެގައުމަށް އަރައިގަނެވޭނެ މަގެއް ނުފެނި، ސްރީ ލަންކާގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަން ފަށާފައި ވަނިކޮށެވެ.