ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލައިފއިވާކަމަށެވެ.
މުޙައްމަދު ސަޢީދު ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަރ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސަރޗު) 760 ސްކެއަރ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައެވެ.
ސައީދު ހޯދުމަށް ކުރި މަސައްކަތުން ސައީދު މަސްހިފުމަށް ބޭނުންކުރިކަމަށް ލަފާކުރެވޭ އާލާތެއް ކޯސްޓްގާޑް ޑައިވަރުން ވަނީ ހޯދާފައެވެ. އަދި މިމަސައްކަތުގައި ޑައިވް ބެލްޓެއް ފެނިފައިވާކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަމުންދާ މުޙައްމަދު ސަޢީދު ޑައިވިނަށް ފޭބީ 2022 މެއި 2 ވަނަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެކަމަށް ކޯސްޓްގާޑުން ވަނީ ބުނެފައެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި މުޙައްމަދު ސަޢީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ 2022 މެއި 2 ވަނަ ދުވަހު 15:36 ހާއިރުއެވެ.
ކޮމެންޓު ފޮނުވާ