މުސާރަތަކަށް އަންނަ ބަދަލު ވާންޖެހޭނީ އިގްތިސާދީ ހައްލަކަށް! ނޫންނަމަ ހަގީގީ ފައިދާ ނުފެނިދާނެ!

މުސާރަތަކަށް އަންނަ ބަދަލު ވާންޖެހޭނީ އިގްތިސާދީ ހައްލަކަށް! ނޫންނަމަ ހަގީގީ ފައިދާ ނުފެނިދާނެ!

Author
ހުސެއިން
08 މެއި 2022 07:39
0

ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވީ، ރައްޔިތުންގެ ދުޅަހެޔޮކަމަށް ގިނަގުނަ ވައުދުތަކެއް ވެވަޑައިގެން، އިގްތިސާދީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނޭ ކަމުގެ ވައުދުތަކާވެސް އެކީއެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވައުދަކީ، ސަރުކާރުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ މަސައްކަތްތެރީންގެ މުސާރަތަކަށް ހެޔޮ ބަދަލު ގެނެސްދީ، މަސައްކަތްތެރީގެ ހައްގުތައް ފުރިހަމަ ގޮތުގައި ރައްކާތެރި ކޮށްދިނުމުގެ ވައުދެވެ.

އަދި އެމަނިކްފާނުގެ މި ވައުދު ފުއްދުމުގެ ގޮތުން، ފާއިތިވެދިޔަ ތަނުގައި، މީގެ ކުރީގެ ސަރުކާރުތަކަށް ހައްލު ހޯދާދެވިފައިނުވާ، އިގްތިސާދީ ބައެއް ހެޔޮ ބަދަލުތައް މަސައްކަތްތެރީންގެ ދުޅަހެޔޮ ކަމަށްޓަކާ ގެސް ދެއްވާފައި ވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މީގެތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލާންޖެހޭ އެއް ބަދަލަކީ، މަސައްކަތްތެރީންގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، ކުޑަ މުސާރާގައި، މުސާރައާއި އެކަށީގެން ނުވާ މަސައްކަތްތައް މުވައްޒަފުން ލައްވާ ކުރުވުމަށް ހުރި ދޮރުތައް ބަންދު ކުރެއްވުމެވެ.

އަދި އޭގެ އިތުރުން، މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެކަމަށް ވިދާޅުވެ، ވަޑައިގެންނެވި ވައުދު ފުއްދަވާ ދެއްވުމުގެ ގޮތުން، މިއަހަރުގެ ރިޔާސީ ބަޔާން މަޖިލިހަށް އިއްވި ދުވަހު ވެޑައިގެންނެވި ވައުދު ފުއްދަވާ، ރައީސް ސާލިހު ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާފައެވެ. މިގޮތުން ވަކީން ޚާއްސަކޮށް، ތައުލީމީ ދާއިރާގައި ކިޔަވައި ދެއްވުމުގައި މަސައްކަތް ކުރައްވާ މުޒައްޒަފުންގެ މުސާރައަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލަކީ، ފާއިތުވެދިޔަ ތަނުގައި، މުވައްޒަފުންގެ މުސާރައަށް އައި އެންމެ ބޮޑު ބަދަލުކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މިގޮތުުން އައި ބަދަލާއެކު، އާންމު ޓީޗަރުންގެ މުސާރަވެސް 20،000 އަށްވުރެ ބޮޑުވެފައިވާއިރު، އެވްރެޖް ގޮތެއްގައި ގިނަ ޓީޗަރުންގެ މުސާރަވަނީ %50އަށްވުރެ މަތިވެގެން ގޮސްފައެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ތައުީމީ ދާއިރާގެ ގިނަ މުވައްޒިފުން ތިބީ ހިނުތުންވެފަ

އަދި، ޓީޗަރުންގެ މުސާރަ ބޮޑު ކޮށްދެއްވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، ސިއްޙީ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަވެސް ބޮޑު ކޮށްދެއްވާނޭ ކަމުގައެވެ. އަދި ސަރުކާރުން ބުނެފައިވަނީ، ޔުނިވަރސިޓީގައި ކިޔަވާ ދެއްވުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ލެކްޗަރަރއިންގެ މުސާރަވެސް ސަރުކާރުން ބޮޑު ކޮށްދެއްވާނޭ ކަމުގައެވެ.

އެހެންކަމުން، ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރަތައް އެއް ހަަމަކޮށް، އަދި މުސާރަތައް ބޮޑު ކޮށްދެއްވަން ސަރުކާރުން ފައްޓަވާފައިވާ މިންގަޑައް ބަލާއިރު، ސިއްޙީ ދާއިރާއާއި، އަދި ލެކްޗަރާރއިންގެ މުސާރަތަކަށްވެސް ސަރުކާރުން ބަދަލު ގެންނަވަނާއިރު، ޓީޗަރުންގެ މުސާރަ ބޮޑުކޮށް ދެއްވި އެވްރެޖް މިންގަޑަކީ އެއީ ބޭސްލައިންގެ ގޮތުގައި ބެލުން ސަރުކާރަށް މުޖުބޫވާނޭ ކަމުގައި ބެލެވެއެވެ.

 

ބޮޑު ހޭދައެއް، ބަޖެޓަށް ބާރު ބޮޑުވާނެ!

ފާއިތިވެދިޔަ ތަނުގައި ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ އެކި ފަންތިތަކާއި ގިންތިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒިފުން ވެގެން ގޮސްފައިވަނީ، މަގާމުގެ ޒިންމާތައް ބޮޑު، އެހެންނަމަވެސް ލިބޭ މުސާރަ ކުޑަ ބައެއްގެ ގޮތުގައެވެ.

އެހެންނަމަވަސް، މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހު، ޓީޗަރުންގެ މުސާރައަށް ރައީސް ސާލިހު ގެންނެވި ހެޔޮ ބަދަލާއެކު، ތައުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މުވައްޒިފުންގެ މުސާރައަށް ބޮޑު ބަދަލެއް އައިސް، ސިވިލް ސާވިސްގެ މުވައްޒިފުންގެ ތެރެއިން 8،000 އެއްހާ މުވައްޒިފުންގެ މުސާއަރައަށް މިހާރު މިވަނީ، އެމީހުންނަށް މީގެ ކުރިން ލިބެމުންދިޔަ މުސާރައިގެ އެންމެ ކުޑަވެގެންވެސް %50ގެ ކުރިއެރުމެއް އައިސްފައެވެ. އަދި ބައެއް މުވައްޒިފުންގެ މުސާރައަށް %80އިން ކުރިއެރުން ލިބިގެން ގޮސްފައިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އިދާރީ މުވައްޒިފުންގެ މުސާރައަށްވެސް %35ގެ ކުރިއެރުމެއް އަންނާނޭކަމުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރުން ހާމަ ކޮށްފައިވަނީ، ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރައަށް މި ގެނައި ބަދަލާއެކު، ދައުލަތުގެ ބަޖެޓުން އަހަރަކު 488 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހޭނެ ކަމުގައެވެ.

އިގްތިސާދީ ގިނަ ޖަތުރިބާކާރުން ވިދާޅުވަނީ, އިގްތިސާދީ ކުރިއެރުން ނުހޯދި, މުސާރަތައް އިންފްލޭޓް ވަމުން ދިއުމުގައި އިގްތިސާދަށް ކުރިމަތިވެދާނެ މައްސަލަތަކެއް ހުރެދާނެކަމަށް

އެހެންނަމަވެސް، ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތަކީ، ތަރައްގީގެ މަޝްރޫޢުތަކަށް ކުރަމުންއަންނަ ބޮޑެތި ހޭދަތަކަށް ހުއްޓުމެއް ނުގެނެސް، އިތުރުވަމުންދާ ސިޔާސީ މަގާމްތަކަށް ކުރާ ހޭދަތަކަށް އެއްވެސް ސަރުކާރަކުން ހުއްޓުމެއް ނުގެނެސް، ހަމައެއާއެކު ދައުތަށް ލިބޭ އާމްދަނީ އިތުރުނުކޮށް، މުސާރައިގެ އޮނިގަޑަށް ބޮޑެތި ބަދަލު ގެނައުމުން، ހަގީގަތުގައިވެސް ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނޭކަމެވެ.

އަދި މިހާރުވެސް ދައުލަތުގެ ދަރަނި 100 ބިލިއަން ފަސްދީ، ޖީޑީޕީގެ ނިސްބަތުން، %100 އަށްވުރެ މައްޗަށް ދަރަނީގެ މިސްރާބު ހިފާފައިވާއިރު، ސިވިލް ސާވިސްގެ 27،000 މުވައްޒިފުންގެ މުސާރައަށް ސަރުކާރުން ބޮޑު ބަދަލެއް ގެންނާނީ ކިހިނަކުންތޯ މިއީ، އިގްތިސާދީ ނަޒަރިއްޔާތަކުން ވިސްނާއިރު، ހަގީގަތުގައިވެސް "ދެކޮޅު ޖެހޭ" ޖަވާބެއް ބޭނުންވާ ސުވާލެކެވެ.

2022 ވަނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލިހަށް ހުށަހަޅުވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، 2021 ވަނައަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 94 ބިލިއަށް އަރާނެ ކަމުގައެވެ.

މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތައެވެ.

މިގޮތުން ދައުލަތުގެ ދަރަނި އަތްފޯރާފަށްވުރެ މާމައްޗަށް އަރައިގެން ގޮސްފައިވާއިރު، މުސާރައަށް މިގޮތުން ގެނެވޭ ބޮޑު ބދަލުތަކާއެކު، މުޅި ދައުލަތުގެ ބަޖެޓްގެ ރިކަރަންޓް ޚަރަދު އެއް މިންގަޑެއްގައި ނުހިފެހެއްޓިއްޖެނަމަ (%60 އަށްވުރެ ދަށުގައި ނުހިފެހެއްޓިއްޖެ ނަމަ)، މުސާރަތަކަށް މިގެނެވެނު ބަދަލުތަކުގެ ނުރަގަޅު ނަތީޖާ އިގްތިސާދުން ފެންނާން ފެށުމަކީވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.

 

މުސާރަ ބޮޑުކުރި ނަމަވެސް، ދައުލަތުގެ އާމްދަނީ އިތުރު ނުވާނަމަ، ޖީބަށް ލުޔެއް ނާންނާނެ!

ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި، ލެކްޗަރަރއިންނާއި، އަދި އޭގެ އިތުރަށް ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން، ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލު ގެންނައިރު، ހަމައެކަނި މުސާރަ ބޮޑު ކުރުމަށްޓަކާ ބިލިއަނެއްހާ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަނުކޮށް މި ލަނޑުދަޑިއާއި ހަމައަށް ވާސިލް ވެވިދާނެކަމަށް ނުބެވެއެވެ.

މިއީ އަހަރުން އަހަރަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވެގެންދާ ދިއުމުގެ މައްޗަށް ސަރުކާރުން ކުރާންޖެހޭނެ ހޭދައެއްކަންވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި ކުރިޔަށް އޮތް އަހަރަކީ ރިޔާސީ އިންތިޚާބުގެ އަހަރަށް ވުމާއެކު، ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ހޭދަތަކަށް ކުޑަވެސް ހުއްޓުމެއް ގެނައުމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއް ކަމުގައި ބެލެވޭކަށްވެސް ނޯންނާނެއެވެ.

2021ވަނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ޚަރަދުގައި ގޮތުގައި 65% ހިއްސާކުރާނެ ކަމަށް ލަފާ ކޮށްފައިވޭ

އަދި ހަމައެއާއެކު ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ ކޯވިޑްގެ ކާރިސާއިން އަދިވެސް ދުނިޔެއަށް އަރައިގަނެވިފައި ނުވުމާއެކު ދުނިޔޭގެ އިގްތިސާދު އަދިވެސް މުޅިން ހަމަޔަކަށް އެޅިފައި ނުވުމުގެ އިތުރުން، މިހާރު ކުރެވެމުންދާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގަށް އަންނަމުންދާ ނުރަގަޅު ބަދަލުތަކާއެކު، އާންމު ރައްޔިތުންގެ އަތުގައި ހުންނަ ފައިސާގެ "ބައިންގ ޕަވަރ" (ގިނަ ފައިސާއިން މަދު ތަކެތި ގަންނަން ޖެހުން) އިންތިހާއަށް ދަށްވެ، އާންމު ރައްޔިތު މީހާގެ ޖީބަށް ބާރު މިހާރުވެސް ބޮޑުވާން ފަށާފައި ވާކަމެވެ.

ސަބަބަކީ، ތެލުގެ އަގު މަތިވެ، ދަތުރުފަތުރުގެ އަގު އުފުލި، އިންފްލޭޝަން މަތިވެ (ތަކެތީގެ އަގު އުފުލި) އަދި ކާބޯތެކެތީގެ ދަތިކަމާވެސް ދުނިޔެ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދުނިޔޭގެ އިގްތިސާދީ މާހިރުން މިހާރުވެސް ދޭން ފަށާފައި ވާތީއެވެ.

އެހެންކަމުން، މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އަތަށް ލިބޭ ފައިސާގެ އަދަދު އިތުރު ވެގެންދާއިރު، މިފައިސާގެ އަގު ހިފެއްހެއްޓުމަަށްޓަކާ، އިގްތިސާދަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވަން އެބަ ޖެހެއެވެ. ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދާން އެބަ ޖެހެއެވެ. ޑޮލަރުގެ އަގު އެއް މިންގަޑެއްގައި ހިފެހެއްޓެން އެބަޖެހެއެވެ. ދަރަނީގެ މައްޗަށް ދަރަނި ނެގުމުގެ ބަދަލުގައި، ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭނެ ގޮތްތަކާމެދު ސަރުކާރުން ވިސްނާން ފިކުރު ކުރާން އެބަޖެހެއެވެ. ތަރައްގީގެ ހުރިހާ މަޝްރޫޢުތަކެއް ދަރަންޏަށް ބަރޯސާ ކުރުމުގެ ބަދަލުގައި، ދަރަނި ހިފެހެއްޓުމެއް ނެތި އުފުލިގެން ނުދާނޭ ނިސްބަތަކުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން އެބަ ޖެހެއެވެ.

އެހެން ނޫންނަމަ، މުސާރަ ބޮޑު ކުރުމެކޭ، "ވެންމަސް ވެނަށް" ކާންދިނުމެކޭ އެއްވެސް ތަފާތެއް އޮންނާނޭ ކަމުގައި ނުބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.