ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި އިއްޔެ 5 ރޫޓަކުން 200 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ވަނީ އިއްޔެގެ ދަތުރުތަކާއި ގުޅޭ ތަފްސީލް ހާމަކޮށްފައެވެ. މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވާއިރު، ރައްކާތެރި ކަމާއިއެކު ދަތުރު ކުރެވޭނެ އިންތިޒާމު ތަކާއިއެކު އިއްޔެ ކުރި ދަތުރުތަކުގައިވެސް 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ޤައުމީ ފެރީގެ ޚިދުމަތަކީ މުޅިން އަލަށް ފަށާ ޚިދުމަތަކަށް ވުމާއެކު ރައްޔިތުން އަހުލުވެރިވުމަކީ މުހިންމުކަމެއް ކަމަށް ދެކޭކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ޢީދު ބަންދަށް ދަތުރުތައް ފެށިގެންދިޔުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މިމަހުގެ 10ގެ ނިޔަލަށް ހދ އަތޮޅުގައި ކުރެވޭ ދަތުރުތައް މުޅިން ހިލޭ ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް @RTLnetwork އިން ހދ ގައި ކުރިއަށްގެންދާ ދަތުރުތަކުގައި ރައްޔިތުން. pic.twitter.com/LzkakeA5uR
— Min.of National Planning, Housing & Infrastructure (@MoNPHImv) May 4, 2022
އާރް.ޓީ.އެލްގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭ މުއްދަތުގެ ތެރޭގައި ފެރީގެ ޖާގަ ހޯދޭނީ ހަމައެކަނި ހދ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް މެދުވެރިކޮށްކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. އަދި މި މުއްދަތައްފަހު މިމަހުގެ 11އިން ފެށިގެން އާރް.ޓީ.އެލްގެ ފެރީ ޚިދުމަތައް ކަނޑައެޅިފައިވާ ރޭޓްތަކުގައި ފައިސާ ނަގާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މި ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެ ސްޕީޑް ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަކަމާއިއެކު ދަތުރުކުރެވޭނެގޮތަށް ފަރުމާކޮށްފައިވާ ފެރީތަކެއްވެސްމެއެވެ. އެގޮތުން އެއަރކޯން ކޮށްފައިވާއިރު ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ހުރީ އެ ފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ. މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖް ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރެއެވެ. ފެރީގައި ފާޚާނާއާއި، ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަ ކުރެވިފައި ހުންނާނެއެވެ. އަދި އާރްޓީއެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން އެކެއްގެ 3 އަތޮޅުގައި ޚިދުމަތް ފެށުމަށް 17 ފެރީ ވަނީ ބަނދެފައެވެ.
ކޮމެންޓު ފޮނުވާ