ފުރިހަމަ، މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރަށްވެސް ފާރަވެރިވާނޭ 4 ވަނަ ބާރެއް އޮވެއެވެ. އަދި ޑިމޮކްރަސީގެ 4 ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން މިނިވަންކަމާއި، ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ.
2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް "ފެހި ގާނޫނު އަސާސީ"އިން އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަޑައަޅާ، އެގާނޫނު އަސާސީގެ 2 ވަނަ ބާނުގެ 28ވަނަ މާއްދާގެ އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މައްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑު ކަމުންނެވެ.
ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބު (ދެވަނަ ބާބު)ގެ 28 ވަނަ މާއްދާގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކޮށްދީފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.
ނޫސްވެރިކަމުގެ މިނިވަންކަން:
ނޫސްވެރިކަން ކުރުމާއި، މުއާޟަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.
ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާދީ، އެމާއްދާގެ ދަށުން ދުލާއި ގަލަމުގެ މިނިވަންކަމުގެ ބޭނުން ކުރެވޭނޭ ހުދޫދުތަކުގެ މައިގަޑު އަސާސްތައް ބަޔާން ކޮށްފައިއެވަނީ، މި މުހިންމު އަސާސީ ހައްގުގެ ފޮނިމީހުރުކަން ރައްޔިތުންނަށް ލިބި ދީގެން މެނުވީ މިނިވަން ޑިމޮކްރަސީއަކަށް ދިރި ދެމި ނުއޮވެވޭނެކަން، ފެހި ގާނޫނު އަސާސީ ފަރުމާކޮށް، އެގާނޫނު އަސާސީއަށް ވޯޓުދީ، އެގާނޫނު އަސާސީ ފާސްކޮށް ތަސްދީގު ކުރެއްވި ބޭފުޅުންނަށް ރަގަޅަށް އޭރުވެސް ފަހުމް ވެގެންނެވެ.

އަދި ހަމަ އެފަދައިން، އާގާނޫނު އަސާސީ ތަސްދީގުކުރެވުމަށްފަހު، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވާ ސިޔާސީ އެތަކެއް ހަލަބޮލިކަމެއްގެ ތެރެއިންވެސް، ގާނޫނޫއަސާސީން ލިބިދީފައި އޮތް އިސްވެ ދެންނެވުނު ނޫސްވެރިކަމުގެ މިނިވަންކަން މަރާނުލެވި، ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ނޫސްވެރިކަން މިހާތަނަށް ވާސިލްވެގެން އައިސްފައި ވާކަން މިއަދު ފާހަގަ ކޮށްލަން ޖެހެއެވެ.
މިސާލެއްގެ ގޮތުން، 2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ނޫސްވެރިކަމަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، ރައީސް ޔާމިންގެ ވެރިކަމުގައި، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ނޫސްވެރިކަމަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ދިވެހި ނޫސްވެރިކަމަށް އިރެއް ނުއޮއްސުނެވެ.
އެންމެ އަސާސީ ހަމަތަކުން ބަޔާން ކުރާނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް، ހިފެހެއްޓެން ނެތް ހައްގެކެވެ. އެހައްގު ރައްކާތެރި ކުރުމުގެ ގޮތުން، ގާނޫނު އަސާސީން ލިބިދީފައިއޮތް، މަސްދަރު ރައްކާތެރިކުމުގެ ހައްގު އެއްވެސް ހާލަތެއްގައި، އެއްވެސް ބަޔަކަށް ނިގުޅައިގަތުމުގެ ފުރުސަތެއް ނެތެވެ.
15 ދަރަޖަ ފަހަތަށް! މިވީ ކިހިނެއް؟
ދުނިޔޭގެ ގައުމުތަކުގައި ލިބިދީފައި އޮންނަ ނޫސްވެރިކަމުގެ މިނިވަންކަމާއި، އަދި ނޫސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް އާންމުކޮށް މިން ކުރެވެމުން އަންނަނީ ނޫސްވެރިކަމުގެ ދާއިރާއާމެދު ގައުމުތަކުގެ ސަރުކާރުތަކުން އަމަލްކުރަމުންދާ ގޮތްތަކުގެ މައްޗަށެވެ. ސަބަބަކީ، ސިޔާސީ މީހުންނާއި ސަރުކާރުތަކުގައި ތިބޭ ނުފޫޒުގަދަ ސިޔާސީ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ގައުމުތަކުގައި ކުރިމަތިވެފައި އޮންނަ ގޮންޖެހުންތަކުގެ ސަބަބުންނެވެ.
އަދި މިފަދަ ގޮންޖެހުންތަކުގައި ނޫސްވެރިން މަރާލެވި، އަދި އެތައް ނޫސްވެރިންނެއް މިއަދުވެސް ގައުމުތަކުން ޖަލަށް ލާފައި ތިބިކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، ރާއްޖޭގައި އަދި މިހާލަތު ނެތްނަމަވެސް، މީގެ 8 ވަރަކަށް އަހަރު ކުރިން ގެއްލުވާލެވުނު، ނުސްވެރިޔާ ރިޟުވާންއާއި އަދި އޭގެ ފަހުން މަރާލެވިފައިވާ، ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ ހާދިސާ ވެގެން ގޮސްފައިވަނީ، އަބަދަށްޓަކާ ރާއްޖޭގެ ނުސްވެރިކަމުގެ ހަޔާތުގައި ޖެހިގެންދިޔަ ބޮޑު ލަށްގަޑެއް ކަމުގައެވެ. ހަމައެއާއެކު މަރުގެ މި ދެހާދިސާގެ ތަހުގީގުތައް ނުނިމި ދިގުލައިގެން ދިއުމާއި، އަދި މ ހާދިސާތަކުގެ އަޑި ނުހޯދުންވެސް ވެގެން ގޮސްފައިވަނީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މިންކުރުމުގައި އަބަދުވެސް، އެމިންގަޑުން ކުރިއެރުން ހޯދުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމުގައެވެ.

މަސްދަރު ހާމަކުރުމުގެ މައްސަލަ!
މީގެ އިތުރުން، ދެންއޮތީ، ގާނޫނު އަސާސީންވެސް ނޫސްވެރިކަމަށް ލިބިދީފަ އޮތް އެންމެ ބޮޑު ރައްކާތެރިކަން ކަމުގައިވާ "މަސްދަރު" ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރު ކުރުވުމަށް ސަރުކާރުގެ ބައެއް ފަންތިތަކުގައި ވިސްނުން އުފެދި، އެމަގުން ކުރެވުނު މަސައްކަތްތަކެވެ.
އަދި ވަކީން ޚާއްސަކޮށް، 2021ވަނަ އަހަރުގެ މޭމަހުގެ 6ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވުނު ހަމަލާއާއި ގުޅިގެން މިހާރު ނޫހުގައި ލިޔުނު ލިޔުމެއްގެ މަސަދަރު ހޯދުމަށް އޭރުގެ 241 ކޮމިޓީން މަސައްކަތް ކޮށްފައިވާއިރު، އެއަށްފަހު، ގާނޫނުލް އުގޫބާތަށް ގެންނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި، މަސްދަރު ހާމަކުރަން މަޖުބުރުވާ ހާލަތްތަކެއް ސަރުކާރުން ހިމަނާފައި ވެއެވެ.
ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއަށް ސަރުކާރުން އޭރު ހުށަހެޅި އިސްލާހުގައި ވާގޮތުން، ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފިނަަމަ ނޫސްވެރިން އާންމުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެ މާއްދާގެ (ހ) ގައި ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް އެ މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެބިލު އޮތްގޮތުން އެ ދެހާލަތުގައި ކޯޓަށް ފެނިއްޖެ ނަމަ ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނެ އެވެ.
އެހެންނަމަވެސް، މި އިސްލާހަށްފަހު، ނޫސްވެރިންގެ ފަރާތުންނާއި އަދި މީޑިއާގެ ދާއިރާއިން ކުރިމަތިވި ބޮޑެތި ޕްރެޝަރުތަކުގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުން ސްޕޮންސާ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ލިޔާ ޚަބަރުތަކުގެ މަސްދަރު ބައެއް ހާލަތްތަކުގައި ހާމަކުރަންޖެހޭ ކަމަށް އޮތް މާއްދާ އަލުން މުރާޖާޢާ ކުރުމަށް ސަރުކާރުން، ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގައި ނިންމާފައި ވެއެވެ.
ނޫސްވެރިކަމަށް ގާނޫނު އަސާސީން ފޯރުކޮދީފައިވާ ރައްކާތެރިކަމުގެ މި އަސާސީ މިންގަޑަށް ބަދަލު ގެންނަން ސަރުކާރުން ފާއިތުވެދިޔަ އަހަރު ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ ކުރީ އަހަރަށް ވުރެ މިއަހަރު ވަނީ 15 ދަރަޖަ ވެއްޓިފައެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު ވަޒަން ކުރުމަށްފަހު، އިންޑެކްސްގައި ލިޔެފައިވާ ގޮތުން ރާއްޖޭގެ ގާނޫނު އަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ހައްގު ހަނިވާނެ ގޮތަށް ހެއްކާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ނޫސްވެރިން ލިޔާ ހަބަރެއް ނުވަތަ ރިޕޯޓެއްގައި ހިމެނޭ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެ ބިލުގައި ހުށަހެޅި ހުށަހެޅުން އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑުން ރާއްޖެ ބޮޑުތަނުން ފަހަތަށް ވެއްޓެން މެދުވެރިވީ މައިގަޑު ސަބަބު ކަމުގައެވެ.

ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ!
ރާއްޖޭގައި މީޑިއާގެ މިނިވަންކަމަށް މިސަރުކާރުގައި އޮތް ގޮންޖެހުން ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ކުޑަ ނަމަވެސް، މީޑިއާތަކުގެ މެދުގައި މި ސަރުކާރުންވެސް ހަމަަހަމަ އުސޫލުތަކެއް ނުގެންގުޅޭކަމުގެ ޝަކުވާތައް މިއީ ކަންބޮޑުވުމާއެކު ގިނަބަޔަކު ފާހަގަކުރާ ކަމެކެވެ.
އަދި ވަކީން ޚާއްސަކޮށް، ސަރުކާރުގެ އިދާރާތަކުންނާއި، ކުންފުނިތަކުން ފޯރު ކޮށްދެމުންދާ ސްޕޮންސާރޝިޕްތަކާއި، ރައީސް އޮފީހުން މީޑިއާތަކަށް އެކި ނަންނަމުގައި ދޭ ފައިސާގެ އެހީ މީޑިއާތަކަށް ފޯރުކޮށް ދެމުންދަނީ އެކަށައެޅިފައިވާ އެއްވެސް މިންގަޑެއްނެތިކަން ވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާން ޖެހެނީ، ނޫސްވެރިކަންވެސް ސަރުކާރުގެ އެހީތެރިކަމާ ނުލާ ކުރިޔަށް ނުދާނޭކަމެވެ. އަދި އެހެން ބައެއް ދާއިރާތަކެކޭ އެއްފަދައިން، އެކަށައެޅިފައިވާ މިންގަޑުތަކެއްގެ ދަށުން، އެކަށިގެންވާ ގޮތެއްގައި ހިނގަމުންދާ ނޫސްތަކާއި، ދުވާލަކަށް ދެތިން ޚަބަރު އޮންލައިން ވެބްސައިޓެއްގައި ޝާޢިއު ކޮށްލައިގެން މީޑިއާއެއްގެ ޓެގް އަޅުވައިގެން ޖީބަށް ފައިސާކޮށްލެއް ލުމަށް ހިންގަމުންދާ ވެބްސައިޓްތައް ވަކިކޮށް، ސަރުކާރުން، މިދާއިރާއަށް ސަބްސިޑީ ފޯރުކޮށް ދިނުމަކީ، މީޑިއާގެ ކުރިއެރުމާއި މިނިވަންކަމަށްޓަކާ ސަރުކާރުން މިއަދު ފޯރުކޮށްދޭން ޖެހިފައިވާ އެންމެ ބޮޑު އެހީތެރިކަމެވެ.
އެހެންކަމުން، ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް އޮތް ހުރަސްތަކާއި، ދަތިތައް ނައްތާލާ، ފާއިތުވެދިޔަ 4 އަހަރު ސަރުކާރުން ދީފައިވާ މިނިވަންކަމުގެ ދާއިރާ ހަރުދަނާކޮށް، މިއަދު ފަހަތަށް ގޮސްފައި އޮތް ނޫސްވެރިކަމުގެ މިންގަޑަށް ހެޔޮ ބަދަލުތަކެއް ގެނެސް، ކުރިއެރުން ހޯދުމަކީ ސަރުކާރުގެ ކުރިމަތީގައި އޮތް އެހާބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފެންނާން ނެތްކަމުގައި ދަންނަވާން ޖެހެއެވެ.
ކޮމެންޓު ފޮނުވާ