ހަމަނުޖެހުން އުފައްދައި ސުލްހަ މަސަލަސްކަން ނަގާލާ މީހާ އެ ތަބާ ވަނީ އޭނާގެ ހަވާ ނަފްސައްކަމަށާއި އެފަދަ ހާލުގައި އެމީހަކަށް މި ދުނިޔެ މަތީގައިވެސް އަދި އާހިރަތުގައިވެސް އަމާންކަމެއް ނުލިބޭނެކަމަށް ރާއްޖޭގެ ޙާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުއްﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްްޓަރ ޝާހިދު މިހެން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުގައި މިއަދު އެމަނިކުފާނު އިމާމުވެ ކުރެއްވި ހުކުރު ނަމާދުގައި ދެއްވި ހުތުބާގައެވެ.
އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އދ.ގެ މައި މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވިއިރު، މިއީ އދ. ގެ ތާރީޚުގައިވެސް ދިވެއްސަކު، އދ.ގެ މައިމަރުކަޒުގައި ހުކުރު ނަމާދު އިމާމުވެކުރެއްވި ފުރަތަމަ ފަހަރެވެ.
ހުތުބާގައި ޝާހިދު ވިދާޅުވީ އަޅުގަނޑުމެންގެ ފުށުން މީހުންނަށް ފުރައްސާރަ ކުރިމަތިވެ އެހެން މީހުންގެ ހައްގަށް އަރައިގަންނަ ހިނދު މާތްﷲގެ ހަސުރަތުން ހިތްހަމަޖެހުމަކަށް އުންމީދުކޮށްގެން ނުވާނެކަމަށެވެ. އަދި ހަމަނުޖެހުން އުފައްދައި ސުލްހަ މަސަލަސްކަން ނަގާލާ މީހާ އެތަބާ ވަނީ އޭނާގެ ހަވާނަފްސަށްކަމަށާއި އެފަދަ ހާލުގައި އެމީހަކަށް އާޙިރަތުގައިވެސް އަމާންކަން ނުލިބޭނެކަމަށް ހުތުބާގައި ޝާހިދު ވިދާޅުވިއެވެ.
މުސްލިމުންނަކީ ސުލްހައަށް ލޯބިކުރާ ބައެއް. އައްސަލާމް އަކީ މާތްﷲގެ މަތިވެރި އިސްމުފުޅެއް. މުސްލިމުން އެމީހުންގެ ދިރިއުޅުމުގައި ގަދައަޅައި މަސައްކަތް ކުރަނީ އެމީހުންގެ ވަށައިގެންވާ މީހުންގެ މެދުގައާއި މާހައުލުގައި ސުލްހައާއި އަމާންކަން ފެތުރުމަށް.
– ހުތުބާގައި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ލީޑަރޝިޕްގެ އެންމެ މުހިއްމު އަސާސަކީ ދެކޮޅުވެރިކަމުގައި އިސްވެ ގޮސްފައިވާ ކަންކަމަށް މައާފް ކުރުމާއެކު ކުރިމަގަށް ވިސްނާ އަނެކުންގެ މައްޗަށް ރަހުމުކުރުމުގެ ގާބިލްކަން މީހާގެ ކިބައިގައި ހުރުންކަމަށެވެ. ވަކިން ހާއްސަކޮށް ތިމާއާ ދެކޮޅަށް ނޭންގާނީ އަމަލުތައް މާޒީގައި ހިންގާފައިވާ މީހުންނާއިމެދު ހިތްތިރި ކުރުމަށް ހުތުބާގައި ގޮވާލެއްވިއެވެ.
މިއަދުގެ ހުކުރު ނަމާދުގައި އިސްލާމީ ޤައުމުތަކުން އދ އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އެޤައުމުތަކުގެ މިޝަންތަކުގައި މަސައްކަތްކުރައްވާ ޑިޕްލޮމެޓުންނާއި، އދގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ބައިވެރިވިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮންމެ ހުކުރު ދުވަހަކު އދ.ގެ މައި މަރުކަޒުގައި އިސްލާމީ ޤައުމުތަކުގެ މަންދޫބުންނާއި އދ. ގައި މަސައްކަތްކުރާ މުސްލިމު މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރާ ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތާއި ހަވާލުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ޝާހިދަކީ ރާއްޖޭގެ ތާރީޚުގައިވެސް އދ.ގެ މިފަދަ އިސް މަޤާމަކަށް އިންތިހާބެވަޑައިގަތް ފުރަތަމަ ދިވެހި ރައްޔިތެވެ.