ޖަލުތަކުގެ ޖާގަ ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 400 ޖާގަ އިތުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސީޕީ މި މަޢުލޫމާތު ހާމަކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގި އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. ޒަރީރު ވިދާޅުވީ، ކައިރި މުސްތަޤްބަލެއްގައި އިތުރު 300 އަށްވުރެ ގިނަ ޖާގަ ނުހޯދިއްޖެނަމަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ދޫނިދޫ ޖަލާއި މާލޭ ޖަލު ބަންދުކުރުމުން ގެއްލުނު ގޮޅިތަކުގެ ބަދަލު ހޯދުމުގެ ކުރިން 520 އަށްވުރެ ގިނަ މީހުން ޖަލުތަކަށް ވައްދަން ޖެހުނު ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ޖާގައިގެ ދަތިކަމަށް އިތުރުވެ، ގާނޫނުގައި ލާޒިމުކުރާ ނިސްބަތަށްވުރެ އޮފިސަރުން މަދުވެ، ތިބި އޮފިސަރުންނަށް ބުރަ ބޮޑުވެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮފިސަރުންގެ އުނިކަން ފޫބެއްދުމަށް މިފަހަރު ދަސްވެނިވި 10 މީހުންގެ އިތުރުން، މިހާރު ވެސް މާފުށީ ޖަލުގައި ބައެއް އޮފިސަރުން ތަމްރީނު ހާސިލުކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. ޒަމާނީ ވަސީލަތްތައް މަދުކަމުގައި ވިޔަސް ޖަލުތަކަށް މަނާ ތަކެތި ވެއްދުން ހުއްޓުވުމަށް އޮފިސަރުން މަސައްކަތްކުރާކަން ފާހަގަކުރައްވަމުން، ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު ޚިދުމަތް ކުރުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ