އެމެރިކާއިން އީރާނުގެ އޭވިއޭޝަން ދާއިރާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާ އެކު، އީރާނާ ގުޅޭ ގިނަ ބައިނަލްއަގުވާމީ ފްލައިޓްތަކެއް ކެންސަލްވެއްޖެ އެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވަނީ އިންޒާރެއް ދެއްވާފަ އެވެ. އެ އިންޒާރުގައި ވިދާޅުވީ، އީރާނުގެ އެއާލައިންތަކަށް ތެޔޮ އަޅައިދޭ ނުވަތަ ޓިކެޓް ވިއްކައިދޭ ބޭރުގެ އެއާޕޯޓްތަކާއި ކުންފުނިތަކަށް އެމެރިކާގެ ޑޮލަރުގެ ނިޒާމު ބޭނުންކުރުމުގެ ފުރުސަތު ގެއްލޭނެ ކަމަށެވެ. ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވިޔަސް އީރާނުގެ އެއާލައިންތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި، ބޯޓުތައް ޖައްސައިފި ނަމަވެސް ތެލާއި ލޭންޑިންގ ހިދުމަތާއި ޓިކެޓް ވިއްކުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ތެހެރާނުން ބަޣުދާދާއި މަސްކަޓަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. ޓާކިޝް އެއާލައިންސްއާއި، އޭގެ ދަށުން ހިންގާ އޭޖެޓް އަދި ޕެގަސަސް އެއާލައިންސްއިން ވެސް ވަނީ އީރާނުގެ ދަތުރުތައް 2027 ވަނަ އަހަރުގެ މާޗާ ހަމައަށް ހުއްޓާލާފަ އެވެ. އަޒަރުބައިޖާނުން އީރާނުގެ އެއާލައިންތަކަށް އެ ގައުމުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާއިރު، ޖޯޖިއާއިން އީރާނަށް ކުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓުވައިފި އެވެ. މެދުއިރުމަތީގެ ވައިގެ ސަރަހައްދުގެ ހާލަތާ ގުޅިގެން ގަތަރު އެއާވޭސްއިން ވެސް ވަނީ އީރާނުގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
އީރާނުގެ އެއާލައިންތަކުން އިސްތަންބޫލަށް ކުރާ ބައެއް ދަތުރުތައް އަދިވެސް ކުރިއަށް ދެ އެވެ. ނަމަވެސް ބޭރުގެ އެއާޕޯޓްތަކުން ކުއްލިއަކަށް ހިދުމަތްތައް ހުއްޓާލަމުން ދާތީ، ދަތުރުކުރާ މީހުން ފުރުމުގެ ކުރިން އެއާލައިންތަކުން މަޢުލޫމާތު ސާފުކުރުމަށް އީރާނުގެ ސިވިލް އޭވިއޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ