އުމްރާގެ މަތިވެރި އަޅުކަން އަދާކުރަމުން ދަނިކޮށް ބ.އޭދަފުށީ މާބަގީޗާގޭ އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަން (ބަކުރުބެ) ގެ މައްޗަށް މަސްޖިދުލް ހަރަމުގައި ކަށުނަމާދުކޮށްފިއެވެ.
ބަކުރުބޭގެ ކަށުނަމާދު އޮތީ ރަމަޟާންމަހުގެ 27 ވިލޭރޭ މާތްވެގެންވާ ހަރަމްފުޅުގައެވެ. ވަޅުލީ މައްކާގެ މާތް ބިމުގައެވެ. މި މާތް ރޭގައި ބަކުރުބޭގެ ކަށުނަމާދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޢުމްރާއަށް ގޮސްތިބި އެތައް ހާސްބަޔަކު ބައިވެރިވިއެވެ.
މައްކާގެ މާތް ބިމުގައި ބަކުރުބޭގެ އެންމެފަހު ނޭވާ ދޫކޮށްލިއިރު، ޢާއިލާގެ އެންމެންނާއި އެންމެ ގާތް ރަޙުމަތްތެރިޔާވެސް އެކުގައި ހުއްޓެވެ. މިއީ ވަރަށްބޮޑު އިއްތިފާގެކެވެ. ދުނިޔެ ދޫކުރުމުގެ ވަގުތު ޖެހުމުގެކުރިން ފުރިހަމަވާން އަބަދުވެސް ބަކުރުބޭ އެދެމުންދިޔަ އެއް ކަންތަކެވެ.
ބަކުރުބޭ މިދުނިޔެއާ ވަކިވެގެން ދިޔައިރު ގާތުގައި 7 ދަރިންނާއި އަނބިމީހާއާއި އަނބިމީހާގެ ދައްތަގެ އާއިލާގެ މެންބަރުންނާއި ބަކުރުބޭގެ އެންމެ ގާތް އެކުވެރިޔާ ނުވަތަ އޭނާގެ ބެސްޓް ފްރެންޑްވެސް ހުއްޓެވެ. މިއެންމެންވެސް މިފަހަރު ބަކުރުބެއާއެކު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔައެވެ. އެއީ ބަކުރުބޭގެ އެދުމެކެވެ. ބަކުރުބޭއަށް ކާފަކިޔާ 11 ކުދިން އެބަތިއްބެވެ. އޭގެތެރެއިން ޢުމްރާދަތުރުގައި ބައިވެރިވީ އެންމެ ކުއްޖެކެވެ.
ކޮމެންޓު ފޮނުވާ