ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ބައެއް ޤާނޫނުތަކަށް އިޞްލާޙުގެނައުންމަށް ބޭނުންވާ ބިލުތައް މަޖިލީހަށް ހުށައެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.
އޭޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި
ކަމާގުޅޭ ބިލުތައް އެކުލަވާލާފައިވާކަމަށެވެ. އަދި އެ ބިލުތައްރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިހާރު ފޮނުއްވާފައިވާކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ކޯޓުތަކުގެ ޤާނޫނަށާއި، ފަނޑިޔާރުންގެ ޤާނޫނަށް ގިނަ އިޞްލާހުތަކެއް ގެނައުމަށް ބިލުގައި ހިމަނާފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިޞްލާޙުތަކަކީ، ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޝަރުޢީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަޙައްދުކުގައި ޤާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި، ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން ޢައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ސަރކިޓްތަކެއް ޤާއިމުކުރުންކަމަށެވެ. އަދި މެޖިސްޓްރޭޓުން ޢައްޔަންކުރާނީ ކަނޑައެޅޭ ސަރކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށާއި، ކޯޓުތައް ހިންގުމާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުމަކީވެސް ކޯޓުތަކުގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ މަޤްޞަދެއްކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު އިޞްލާޙުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމަށާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްޞީލުކުރުންކަމަށް އޭޖީ އޮފީހުން ބުންޏެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިޞްލާޙުކުރުމަށާއި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުޢާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ
އުސޫލުތައް އިތުރަށް ތަފްޞީލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް އެ އިޞޤލާހުތައް ގެނައުމުގެ މަޤްޞަދެއްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ، އިޖްތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދުކަމަށް އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ