ފްރާންސްގައި ފާއިތުވެދިޔަ 20 އަހަރު ތެރޭގައި، ޖެހިޖެހިގެން ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތް ހަމަ އެކަނީ ރައީސަކަށް، ފްރާންސްގެ މިހާރުގެ ރައީސް އެމަނުލް މެކްރޮން ވެވަޑައިގެންފިއެވެ.
އިއްޔެ ފްރާންސްގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަބުރު މިހާރުގެވެސް ރައީސް އެމަނުލް މެކްރޮން ކާމިޔާބު ކުރައްވާފައިވަނީ، އޭނާއާއި ވާދަކުރެއްވި، ކަނާތުފިޔައިގެ ކެނޑިޑޭޓް މެރިން ލެޕެން، އިންތިޚާބުގެ ދެވަނަ ބުރުގައި ބަލި ކުރައްވައިގެންނެވެ. މިއީ ލެޕެން ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ބަލިވި 3 ވަނަފަހަރެވެ.
ފްރާންސްގައި ދެދައުރުގައި އެންމެ ފަހުން ވެރިކަން ކުރައްވާފައިވަނީ، އެގައުމުގެ ކުރީގެ ރައީސް ޖެކް ޝިރާކެވެ. އޭނާ ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތީ 2002ވަނަ އަހަރު، މިފަހަރުގެ އިންތިޚާބުން ބަލިވި ލެޕެންގެ ބައްޕާފުޅު ބޮޑު ތަފާތަކުން ބަލި ކުރައްވައިގެންނެވެ.
ކަނާތުފިޔައިގެ އުސޫލުތަކަށް ތާއީދު ކުރައްވާ ލެޕެން އިންތިޚާބުގައި ކެމްޕޭން ކުރައްވާފައިވަނީ، އޭނާ ފްރާންސްގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންފިނަމަ، މުސްލިމުން އެގައުމުގައި ބުރުގާ އެޅުން މަނާ ކުރައްވާނެކަމަށް ވައުދުވަމުންނެވެ. އަދި އޭނާއަކީ ޔޫރަޕިއަން އިއްތިހާދުގެ މެމްބަރެއްގެ ގޮތުގައި ފްރާންސް އޮތުމާއިވެސް ދެކޮޅު، އަދި އިމިގްރޭޝަނާއިވެސް ދެކޮޅު ކެނޑިޑޭޓެކެވެ.
ދެވަނަ ބުރުގައި މެކްރޮންއަށް 58.55 އިންސައްތަ ވޯޓު ލިބިގެންދިޔައިރު ލެޕެންއަށް ލިބިފައިވަނީ 41.45 އިންސައްތަ ވޯޓެވެ. މިއީ މި ބުރުގައި ދެބޭދުޅުންގެ މެދުގައި ހުންނާނޭކަމަށް ކުރިން ހީކުރެވުނު ވަރަށްވުރެ ބޮޑު ތަފާތެކެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާފައިވަނީ 52 ނުވަތަ 51 އިންސައްތައިގެ ނަތީޖާއަކުން މެކްރޮން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގައެވެ.

އިންތިޚާބު ކާމިޔާބު ވުމާއި ގުޅިގެން، އުފާ ފާޅުކުރެއްވުމަށް، ފްރާންސްގެ މަޝްހޫރު އެފެލްޓަވަރު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން، މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދުކުރައްވާ މެކްރޮން ވިދާޅުވެފައިވަނީ، މިހާރު އިންތިޚާބު ނިމިގެންދިޔައީ ކަމަށާއި، އޭނާ ވެވަޑައިގަންނަވާނީ ފްރާންސްގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމުގައެވެ.
އިންތިޚާބުން ބަލިވެވަޑައިގަތްކަމުގައި ވިނަމަވެސް، އިދިކޮޅު ލީޑަރު ލެޕެން ވިދާޅުވެފައިވަނީ، އޭއަށް ލިބިވަޑައިގެންވި ވޯޓަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ. އެއްވުމެއްގައި ސަޕޯޓަރުންނާއި މުޚާތަބުކޮށް ލެޕެން ވިދާޅުވެފައިވަނީ، އޭނާގެ ޕާޓީއަށް ލިބުނު ވޯޓުގެ އަދަދު އެހެންފަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައި ވާކަމުގައެވެ.
މެކްރޮން ފްރާންސްގެ ރިޔާސީ އިންތިޚާބު ދެވަނަ ދައުރަކަށް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ވެރީން ގެންދަވަނީ އޭނާއަށް މަރުހަބާ ވިދާޅުވަމުންނެވެ.