ފްރާންސްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ފްރާންސްގެ މިހާރުގެ ރައީސް އެމަނޫލް މެކްރޮން ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގެންފިއެވެ.
ދެވަނަ ދައުރަކަށް މެކްރޮން އިންތިޚާބު ވެވަޑައިގެންފައިވަނީ، އޭނާއާއި ވާދަކުރެއްވި، ކަނާތުފިޔައިގެ ކެނޑިޑޭޓް މެރިން ލެޕެން، އިންތިޚާބުގެ ދެވަނަ ބުރުގައި ބަލި ކުރައްވައިގެންނެވެ.
މިގޮތުން ދެވަނަ ބުރުގައި މެކްރޮންއަށް 58.55 އިންސައްތަ ވޯޓު ލިބިގެންދިޔައިރު ލެޕެންއަށް ލިބިފައިވަނީ 41.45 އިންސައްތަ ވޯޓެވެ. މިއީ މި ބުރުގައި ދެބޭދުޅުންގެ މެދުގައި ހުންނާނޭކަމަށް ކުރިން ހީކުރެވުނު ވަރަށްވުރެ ބޮޑު ތަފާތެކެވެ.
އިންތިޚާބު ކާމިޔާބު ވުމާއި ގުޅިގެން، އުފާ ފާޅުކުރެއްވުމަށް، ފްރާންސްގެ މަޝްހޫރު އެފެލްޓަވަރު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން، މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދުކުރައްވާ މެކްރޮން ވިދާޅުވެފައިވަނީ، މިހާރު އިންތިޚާބު ނިމިގެންދިޔައީ ކަމަށާއި، އޭނާ ވެވަޑައިގަންނަވާނީ ފްރާންސްގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމުގައެވެ.
އިންތިޚާބުން ބަލިވެވަޑައިގަތްކަމުގައި ވިނަމަވެސް، އިދިކޮޅު ލީޑަރު ލެޕެން ވިދާޅުވެފައިވަނީ، އޭއަށް ލިބިވަޑައިގެންވި ވޯޓަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ. އެއްވުމެއްގައި ސަޕޯޓަރުންނާއި މުޚާތަބުކޮށް ލެޕެން ވިދާޅުވެފައިވަނީ، އޭނާގެ ޕާޓީއަށް ލިބުނު ވޯޓުގެ އަދަދު އެހެންފަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެގެން ގޮސްފައި ވާކަމުގައެވެ.
މިއީ ލެޕެން ފްރާންސްގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ބަލިވި 3ވަނަ ފަހަރެވެ.
މެކްރޮން ފްރާންސްގެ ރިޔާސީ އިންތިޚާބު ދެވަނަ ދައުރަކަށް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުގެ ވެރީން ގެންދަވަނީ އޭނާއަށް މަރުހަބާ ވިދާޅުވަމުންނެވެ.
މިގޮތުން ޔޫކުރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވެފައިވަނީ، ހަގީގީ ރަހުމަތްތެރިއަކުން ފްރާންސްގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފަލެއް ކަމުގައެވެ.
އަދި މީގެއިތުރުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ މެކްރޮންއަށް މަރުހަބާ ވިދާޅުވެފައެވެ.
Congratulations to @EmmanuelMacron on your re-election as President of France. France is one of our closest and most important allies. I look forward to continuing to work together on the issues which matter most to our two countries and to the world.
????????????????
— Boris Johnson (@BorisJohnson) April 24, 2022