ސައުދީގެ ޕްރިންސެސްއެއް އަވަހާރަ ވެއްޖެ

ސައުދީގެ ޕްރިންސެސްއެއް އަވަހާރަ ވެއްޖެ

Author
ހުސެއިން
19 އޭޕްރިލް 2022 06:38
0

ސައުދީ އަރަބިއާގެ ޝާހީ އާއިލާއަށް ނިސްބަތްވާ، ޕްރިންސެސް ލޮލްވާޙު ބިންތި ފަހުދު ބިން އަބުދުލްއަޒީޒު އަލް ސައުދު އަވަހާރަ ވެއްޖެކަމަށް ސައުދީ ރޯޔަލް ކޯޓުން ހޯމަދުވަހު އިއުލާން ކޮށްފިއެވެ.

ސައުދީ އަރަބިއާގެ ކުރީގެ ރަސްގެފާނު ފަހުދު ބިން އަބުދުލް އަޒީޒުގެ އަންހެން ދަރިކަނބަލުންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ވެރިރަށް ރިޔާދުގައި، ދުވާލުގެ މެންދުރު ނަމާދަށް ފަހުގައި ކަމުގައި، ސައުދީ ޕްރެސް އޭޖެންސީ SPA އިން ރިޕޯޓު ކޮށްފައި ވެއެވެ.

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އިމާމް ތުރުކީ ބިން އަބުދުﷲ މިސްކިތުގައެވެ.

ސައުދީ އަރަބިއާގެ ކުރީގެ ރަސްގެފާނުގެ ދަރިކަނބަލުން އަވަހާރަވުމާއި ގުޅިގެން ސައުދީގެ އަވައްޓެރި ގައުމުތަކުގެ ވެރިންވަނީ ހޯމަދުވަހުއާއި އަންގާރަ ދުވަހުގެ ހެނދުނު އަހާރަވި ޕްރިންސެސްއަށް އެންމެފަހުގެ އަލްވަދާޢު ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވަލީ އަަޙުދުއާއި، ވެރިޔާގެ ނައިބުންވަނީ ސަލްމާން ރަސްގެފާނަށް ތައުޒުޔާ ވިދާޅުވެފައެވެ.

އަދި އޮމާންގެ ރަސްގެފާނު ސުލްތާން ހައިތަމް ބިން ތާރީޚްވެސް ވަނީ ޕްރިންސެސް އަވަހާރަ ވުމާއި ގުޅިގެން ސައުދީ ރަސްގެފާނަށް ތައުޒިޔާ ވިދާޅުވެފައެވެ.

ފަހުދު ބިން އަބުދުލް އަޒީޒު އަލް ސައުދު ސައުދީ އަރަބިއާގެ ރަސްކަން ކުރައްވާފައިވަނީ 1982 އިން 2005 އަހަރާއި ހަމައަށެވެ. ފަހުދު ރަސްގެފާނަކީ މިހާރުގެ ސައުދީ އަރަބިއާގެ ބާނީ ކަމުގައިވާ ކިންގ އަބުދުލް އަޒީޒުގެ 8 ވަނަ ދަރިކަލުންނެވެ. ފަހުދު ރަސްގެފާނަށްފަހު 2005ވަނަ އަހަރު ސައުދީ ރަސްކަމަށް އިސްވެ ވަޑައިގަތީ އޭނާގެ އެއްބަފާ ބޭބެ އަބުދުﷲ ރަސްގެފާނެވެ. އެއަށްފަހު ރަސްކަމަށް އިސްވެ ވަޑައިގެންފައިވަނީ އަބުދުﷲ ރަސްގެފާނުގެ އެއްބަފާ ބޭބެ، މިހާރުގެ ރަސްގެފާނު ކިންގ ސަލްމާންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.