އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކުން އަރައިގަތުމަށް، ގދ. އަތޮޅު ހަރަތު ރަށަކަށް އަމާޒުކޮށް ހުވަދޫ އެއިޑުން ހިންގާ "ވަލްނަރަބަލް ޔޫތު ސަޕޯޓް" ޕްރޮޖެކްޓް ހިންގުމުގައި އެއްބާރުލުން ދިނުމަށް ގދ.ހޯޑެއްދޫ ކައުންސިލް އަދި މަޑަވެލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުވަދޫ އެއިޑާއި އެކު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފިއެވެ.
ވަކިވަކިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މަޑަވެލި އަދި ހޯޑެއްދޫގައި މިޕރޮޖެކްޓް ހަރަކާތްތައް ހިންގުމަށް އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ޔޫ.އެސް އެއިޑްގެ އެހީގައި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ހިންގާ ’"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް (ޕްރައިމް)' ޕްރޮޖެކްޓގެ ތެރެއިން ރާއްޖޭގެ މަދަނީ ޖަމްއިއްޔަތަކަށް ދޭ ދޭ ސަބްގްރާންޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މިޕްރޮޖެކްޓުގެ ދަށުން ގދ އަތޮޅު ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވާނުންނަށް އަމާޒުކޮށް ލައިފް ސްކިލްސް، ކެރިއަރ ގައިޑެންސް، ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ޕްރޮގްރާމްތަކުގެ އިތުރުން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަދަނީ ޖަމްއިއްޔާތަކާއި ކައުންސިލް، ކޮމިޔުނިޓީ ސެންޓަރ، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.
އަދި ކަންކަން ނިންމުމުގައި ޒުވަނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއެކު ޒުވާނުންނަށް އަމާޒުކޮށް ޔޫތު ކޭމްޕް ބާއްވައި، ޒުވާނުންގެ ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުމާއި ޒުވާނުންނަށް ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގުންވެސް މިމަޝްރޫއުގައި ހިމެނެއެވެ.
މިމަޝްރޫއު ހިންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ގދ. ތިނަދޫ އަދި ނަޑެއްލާގެ މުއައްސަސާތަކާއި އެކުވެސް އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމުގެ ކަންކަން މަސަކަތް ދަނީ ކުރެވެމުންނެވެ.
ހުވަދޫ އެއިޑަކީ މީގެ ކުރިންވެސް ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، އަދި ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަމްއިއްޔާއެއްކަން ފަހަގަކުރެވެއެވެ.