މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަޑު އިވުމުން މަހްރޫމުވެފައި ތިބި މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތް ބަހުރަވައިން ކިޔައިދޭން ފަށައިފިއެވެ.
މިއަދުން ފެށިގެން ސައިން ލެންގްއޭޖުން މަޖިލީހުގެ ޖަލްސާތައް ގެނެސްދެނީ އިންޓަޕްރިޓާ މަރިޔަމް ފަޒްނީއެވެ. މަޖިލީހުގެ ޖަލްސާތައް އޮންނަ ކޮންމެ ދުވަހެއްގައި ފަޒްނީ ޖަލްސާތައް އިޝާރާތުން ގެނެސްދޭނެއެވެ.
ފަޒްނީއަކީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ބޭފުޅެކެވެ. އެންމެ ބޮޑަށް އޭނާ ފާހަގަވެގެން ގޮސްފައިވަނީ ކޯވިޑް-19ގެ ތެރޭގައި ކޮންމެ ދުވަހަކު އޭރު ބައްވަމުންދިޔަ ޕްރެސް ކޮންފަރެންސްތައް އިޝާރާތުން ގެނެސްދިން ހިސާބުންނެވެ.
އޭގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ފަޒްނީ ވަނީ އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޤައުމީ ފެންވަރުގައި ބާއްވާ ބޮޑެތި ޖަލްސާތަކާއި، އެކި އޮފީސްތަކުގެ އިވެންޓުތައްވެސް އޭނާ ވަނީ ރައްޔިތުންނާއި ހަމަައަށް އިޝާރާތުގެ ބަހުރުވައިން ގެނެސްދީފައެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރެވެ. އަދި ރައްޔިތުންނާއި އެންމެ ގުޅުންހުރި ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުންގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް އެންމެ ގާތުން ފެންނަ އެއްބާރެވެ.
މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން އިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ގެނެސްދޭން ނިންމާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން މަޖިލީހުން ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިއަމެންޓް ފޯ ޔޫތް" ޕްރޮގްރާމްގައި ބައިވެރިވި އިވުމުން މަހުރޫމް ވެފައިވާ "ނާއިޝް" މަޖިލިސް ރައީސް އަރިހުން އެކަމަށް އެދުމުންނެވެ. މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ އެދުވަހު މިކަން ކުރެވޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ނާއިޝްގެ އެދުނު ގޮތަށް އަންނަ މިއަދުން ފެށިިގެން މަޖިލީހުގެ ޖަލްސާތައް ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ ކިޔައިދޭ ގޮތަށް ހަމަޖެހިފައިވާއިރު މިއީ މައުލޫމާތު ފޯރުކޮށް ދިނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އެކަހެރިކޮށްނުލައި އެއްވެސް ތަފާތެއް ނެތި މައުލޫމާތު ލިބިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވިގެން ދިޔަ މުހިންމު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މަޖިލީހުގެ އަމާޒަކަށް ވެފައިވަނީ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމެޓީތަކުގައި ކުރެވޭ މަސައްކަތްތައްވެސް އަޑުއިވުމުން މަހުރޫމް ވެފައިވާ މީހުންނަށް ގެނެސްދެވޭނެ އިންތިޒާމު ހަމަޖެސުމެވެ.
ކޮމެންޓު ފޮނުވާ