ވަގުތުލިބި ބައި އިލެކްޝަނަށް ކުރިމަތިނުލުމުން އެމްޑީޕީއަށް ފުރުސަތު ގެއްލިއްޖެ

ވަގުތުލިބި ބައި އިލެކްޝަނަށް ކުރިމަތިނުލުމުން އެމްޑީޕީއަށް ފުރުސަތު ގެއްލިއްޖެ

Author
މުޙައްމަދު ޝަޒައިމް
14 އޭޕްރިލް 2022 08:06
0

އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮމެޓީގެ މެމްބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ނަމެއް ފޮނުވަން ވަގުތުލިބި، ނަމެއް ނުފުނުވުމުން އެމްޑީޕީއަށް އެބައި އިލެކްޝަން ގެއްލިއްޖެއެވެ.

އިންތިޚާބުތަކުގައި ވާދަކުރުމާއި، އިންތިޚާބުތަކަށް އަބަދުވެސް ތަރުހީބު ދެއްވާ އެމްޑީޕީން މިފަހަރުގެ އިންތިޚާބުގައި ކުރިމަތިލުމަށް ހުޅުވާލީވެސް އިއްޔެ ހަވީރުއެވެ. މިއަދު މެންދުރު 12 ޖެހުމާއި ހަމައަށް ކުރިމަތިލުމުގެ މުއްދަތު ހަވެގެން ދިޔައިރުވެސް އެމްޑީޕީން އިލެކްޝަނަށް ނަމެއް ހުށަހަޅާފައި ނުވެއެވެ.

އިލެކްޝަނަށް އެމްޑީޕީން ފޯމު ހުށަހެޅީވެސް ވަގުތު ހަމަވެ، މާގިނަ އިރުފަހުންނެވެ. އެހެންކަމަށް ވުމުން އިލެކްޝަން ކޮމިޝަނުން ވަނީ އެފޯމު ބަލައި ނުގަންނަން ނިންމާފައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ އެމްޑީޕީއަކީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް އެންމެ ފަހު ވަގުތު ފޮނުވި ޕާޓީއެވެ. އެމްޑީޕީގެ ހިންގުމުގައި މިވަގުތު ތިބި ގިނަ ބޭފުޅުންނަށް މިކަންކަމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

އެމްޑީޕީގެ ރައީސަނަށް ރައީސް ނަޝީދު ހުންނަވައި، އަދި ޕާޓީގެ އިދާރީ ހިންގުމުގައި ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބޭފުޅުން ތިބިއިރު، މިފަދަ އިދާރީ ކަންކަން އަތުން ދޫވެގެން ދިއުމަކީ އެމްޑީޕީ ލީޑަރޝިޕް ބަދަލުކުރަންޖެހޭ ކަމުގެ އެންމެ ބޮޑު ސަބަބުކަމަށް އެމްޑީޕީގެ އާންމު މެމްބަރުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.