ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ އެތައްބަޔަކު ސިޔާސީ މަގާމްތަކުގައި! ހަމަޖެހޭ ސިޔާސަތެއްތަ؟

ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ އެތައްބަޔަކު ސިޔާސީ މަގާމްތަކުގައި! ހަމަޖެހޭ ސިޔާސަތެއްތަ؟

Author
ހުސެއިން
14 އޭޕްރިލް 2022 08:14
0

2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ވާންއޮތް އެއްކަމަކީ ސިޔާސީ ޕާޓީތަކުގެ ވެރިކަން ރާއްޖެއަށް ތައާރަފް ވެގެން ދިއުމެވެ. ވަކި މެނިފެސްޓޯއެއް އޮވެފަ، އެކަށައެޅިފައިވާ ސިޔާސަތަކަކާއެކީ ވެރިކަން ކުރުމެވެ. އަދި އެ ސިޔާސަތުތައް ކުރިއަރުވާ، އެވަގުތަކު ހުންނަވާ ރައީސަކު އެކަށައަޅުއްވާ މި ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކާ ސިޔާސަތު ރާވާ ހިންގާ ފަރާތްތަކުން އެކަމަށްޓަކާ ގަދައަޅާ މަސައްކަތް ކުރަންޖެހުމެވެ.

މިގޮތުން ބަލާއިރު، ރާއްޖޭގަ މިހާރު އޮތް ރިޔާސީ ނިޒާމުގައި، ސަރުކާރު ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަކު ހުންނަވާއިރު، ވެރިކަމަށް ވަޑައިގެންނެވުމަށްޓަކާ ކުރައްވާފައިވާ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތަކާއި، އަދި އާންމު ކުރެއްވި މެނިފެސްޓޯގައި ހިމަނުއްވާފައިހުރި ވައުދުތައް 5 އަހަރުގެ ދައުރުގައި ތަންފީޒު ކުރެއްވުން އަބަދުވެސް ވެފައި އޮންނަނީ ރައީސުލްޖުމުހޫރިއްޔާގެ މަގާމްގައި ހުންނަވާ ބޭފުޅަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އަދި ބުރަ މަސައްކަތަކަށްވެސް މެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، އަދި ގައުމުގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން، ސަރުކާރުގެ އިސް މަގާމްތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބަޔަކު އިސްކޮށް، ސަރުކާރު އެކުލަވާލުމުގެ ބާރު، ފެހި ގާނޫނު އަސާސީން، ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވާ ބޭފުޅަކަށް ވަނީ ވަރަށްވެސް ފުޅާ ދާއިރާއެއްގައި ލިބި ދީފައެވެ.

މިގޮތުން ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. ފާއިތުވެދިޔަ ޕީޕީއެމްގެ ވެރިކަމުގައި އެޕާޓީގެ އެތައް ބަޔަކު ތިބީ ސިޔާސީ މަގާމް ތަކުގައެވެ. މި ސަރުކާރުގައި އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމުހޫރީ ޕާޓީ އަދި އެމްއާރުއެމްގެ އެތައް އެކްޓިވިސްޓުންނެއް ސިޔާސީ މަގާމްތަކުގައި އެބަ ތިއްބެވެ.

ސިޔާސީ ވަޒީފާ ތަކަކީ ހުރިހާ ސަރުކާރެއްގައިވެސް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ މަގާމްތަކެއް

އެހެންނަމަވެސް، މި ސަރުކާރުގައި، ރައީސުލްޖުމްހުރިއްޔާ ވަޒިފާ ދެއްވައިގެން ސިޔާސީ މަގާތަކުގައި މިހާރުވެސް އެތައް ސަތޭކަ މުވައްޒަފުންނެއް ތިބިއިރު، ފާއިތުވެދިޔަ ސަރުކާރުތަކާއި ޚިލާފަށް، މިސަރުކާރުގެ ސިޔާސީ އިސް މަގާމްތަކުން ތަފާތުތަކެއް ފާހަގަވާން ހުރިކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އެއީ ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ރައީސް ސާލިހަށް ސީދާކޮށް ފާޑު ވިދާޅުވަމުންދާ ދިއުމެވެ. އެމަނިކުފާނުގެ ސިޔާސަތުތަކާއި ސީދާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުން ދިއުމެވެ. ރައީސް ސާލިހުއާއި ދެކޮޅުކަން އަމަލާއި ބަހުން ސާފުކޮށް މޭރުން ކުރެވޭ އެތައް ބަޔަކު ސިޔާސީ އިސް މަގާމްތަކުގައި ތިބުމެވެ. ސަރުކާރު ޕްރޮމޯޓު ކުރަން ޓީވީތަކަށް ނޭރުއްވުމެވެ. ސޯޝަލް މީޑިއާގައި ރައީސް ސާލިހުގެ ސަރުކާރަށް ތާއީދުކޮށް ޚިޔާލު ފާޅު ނުކުރުމެވެ.

 

ސިޔާސީ މަގާމްތަކުގައި ސަރުކާރުގެ ސިޔާސަތު ޕްރޮމޯޓު ނުކުރާ އެތައް ބަޔަކު!

ރައީސް ސާލިހު ކުރައްވަމުން ގެންދަވަނީ ކޯލިޝަން ވެރިކަމަކަށް ވިނަމަވެސް، ހުރިހާ ޕާޓީތަކުންވެސް ކޯލިޝަކްގައި ތިބީ އެމަނިކްފާނުގެ ސިޔާސަތުތަކައް ރުހި ގަބޫލުވެ އަދި އެއީ ގައުމަށް އެންމެ ރަގަޅު ސިޔާސަތުތައް ކަމުގައި ގަބޫލު ކޮށްގެންނެވެ. އެއީ އެމަނިކްފާނުގެ ޕާޓީންނާއި އަދި ކޯލިޝަން ޕާޓީތަކުންވެސް ރުހި ގަބޫލު ކޮށްފައިވާ ގޮތެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ކޯލިޝަން ޕާޓީތަކުން ކަމުގައިވި ނަމަވެސް، އަދި އަމިއްލަފުޅު ޕާޓީ އެމްޑީޕީން ކަމުގައިވި ނަމަވެސް، ސަރުކާރުގެ ސިޔާސީ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ސީދާ ރައީސް ސާލިހުކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ސިޔާސީ ވަޒީފާތަކަށް ވަޑައިގަންނަވާ ބޭބޭފުޅުން ސަރުކާރާއެކީ ހިފާ އަހުދު ކަށަވަރަކީ، ގައުމުގެ ހެވާއި ލާބައަށް އަދި ތަރައްގީއަށް، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކޮށްދީ، އެމަނިކްފާނުގެ ސިޔާސަތުތައް ބަލައިގަތުމެވެ.

އެހެންނަމަވެސް، މިއީ މިސަރުކާރުގައި، ވަކީން ޚާއްސަކޮށް ރައީސް ސާލިހުގެ އަމިއްލަފުޅު ޕާޓީގެ ތެރެއިން އެމަނިކްފާނު ވަޒީފާ ދެއްވާފައިވާ ބައެއް ފަރާތްތަކުގެ ކިބައިން، މިއާއި ދިމާ އިދިކޮޅަށް ފެންނަމުންދާ ހަމައަކާއި އުސޫލެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ފަހަރެއްގައި ބައެއް ފަރާތްތަކަށް، މިކަން މިއުސޫލުން ހިނގަމުންދަނީ މިހާރު ކުރިޔަށްދާ އެ ޕާޓީގެ ޗެއަޕާރސަންގެ އިންތިޚާބުގެ ކެމްޕޭނާއި ގުޅުވައިގެން ކަމުގައި ހީކުރެވުނުނަމަވެސ،ް ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް، ރައީސް ސާލިހުގެ އަމިއްލަފުޅު ޕާޓީ، އެމްޑީޕީން ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް އެކްޓިވިސްޓުންވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވެފައެވެ. ރައީސް ސާލިހުގެ ސިޔާސަތުތަކާއި ފާޅުގައި ދެކޮޅު ހައްދަވާފައެވެ.

ރައީސް ސާލިހުގެ ކެބިނެޓްގަ ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުންނަކީވެސް މީޑިއާތަކުގައި ސަރުކާރާ އެއްކޮޅަށް ޝުއޫރު ފާޅު ނުކުރައްވާ ވަޒީރުން

ހަމައެއާއެކު، ރައީސް ސާލިހު ވަޒީފާ ދެއްވާފައިވާ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުންވެސް ސިޔާސީ މަގާމްތަކުގައި އެތައް ބޭފުޅުންނެއް ތިއްބެވިއިރު، މި ބޭބޭފުޅުންވެސް ސަރުކާރުގެ ސިޔާސަތުތައް ކުރިއަރުވާ، ސަރުކާރަށް އަމާޒުވާ ސިޔާސީ ހަމަލާތަކުގެ ދިފާއުގައި މަސައްކަތް ކުރައްވާ މަންޒަރުތައް ހަގީގަތުގައިވެސް ފެންނަމުން ނުދާކަމުގައި ދަންނަވާން ޖެހެއެވެ.

މިގޮތުން، ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާއިތުވެދިޔަ ތަނުގައި ކުރިމަތިވެގެންދިޔަ ބައެއް ބޮޑެތި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަވާން ހުރި، އިދިކޮޅު ފަރާތްތަކުން އަދިވެސް ކުރިޔަށް ގެންދަމުންދާ "އިންޑިއާ އަައުޓު" ކެމްޕޭންއާއި ދެކޮޅަށް، ސަރުކާރު ސިޔާސަތުތައް ހާމަކޮށްދީ، ސަރުކާރުގެ ދިފާޢުގައި، ޚުދު ރައީސް ސާލިހުގެ ކެބިނެޓުގެ ވަޒީރުންވެސް އަމިއްލަފުޅު ޓުވިޓަރ އެކައުންޓުން ޓުވީޓެއްހާ މިންވަރުވެސް ކޮށްލާތަން ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިނުވާކަމީ، އޮޅުވާލެވެން ނެތް، ސާފު ހަގީގަތެކެވެ.

އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި، އަމިއްލަފުޅު ޕާޓީގެ ގިނަ އެކްޓިވިސްޓުންނަށް މިއަދު، ސީދާ އެމަނިކފާނުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާން ކެރިވަޑައިގަންނަވާ ހިސާބަށް ހާލަތު ބަދަލުވެގެން ދިއުމުން، މިއީ ސިޔާސީ ގޮތުންނާއި، އަދި ކުރިޔަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކްފާނު ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވާ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ބަލާއިރު، ސަރުކާރުގެ ކުރިމަތީގައި އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މެނުވީ މިއަދު ފެންނާކަށް ނެތެވެ.

 

ބޮޑު ގޮންޖެހުމެއް!

ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސް ސާލިހުގެ ސިޔާސަތުތަކެވެ. ކުރިއަރުވަން ޖެހޭނީ ސަރުކާރުގެ އެޖެންޑާއެވެ. މެނިފެސްޓޯއެވެ. އަދި ޓީވީތަކަށް އަރުއްވާ އެވާހަކަތައް ދައްކަވާ، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މިމަގުން މަސައްކަތް ކުރެއްވުން ވާންވާނީ އެބޭބޭފުޅުން ވަޒީފާގައި ދެމިތިބުމަށް ހިފި އަހުދު ކަށަވަރުގެ މުހިންމު އެއްބައެއް ކަމުގައެވެ.

އަދި ހަމައެއާއެކު ފާހަގަ ކޮށްލާންޖެހޭ އަނެއް ނުކުތާއަކީ، އަޚްލާގީ މިންގަޑުން ބަލާނަމަ، ރައީސް ސާލިހު ދެއްވި ސިޔާސީ މަގާމްތަކުގައި ތިއްބަވައިގެން އެމަނިކްފާނުގެ ސިޔާސަތުތަކާ ދެކޮޅަށް ވަކާލާތުކޮށް، ސަރުކާރުގެ ތަރައްގީއާއި އަދި އެނޫންވެސް ސިޔާސަތުތަކާއި ދެކޮޅަށް ޝުޢޫރު ފާޅުކޮށް، ދެވަނަ ސިޔާސީ ފިކުރެއްގައި (ސަރުކާރުގެ ސިޔާސަތުތަކާއި ޚިލާފް) ސިޔާސީ ވަޒިފާތަކުގައި ދެމި ތިބެގެން ނުވާނެ ކަމެވެ. އަދި ދެމި ތިބެވިގެންވެސް ނުވާނެ މެއެވެ.

ރައީސް ސުލްޖުމުހޫރިއްޔާ ސަރުކާރުގެ ބައެއް އިސސް ސިޔާސީ މުވައްޒަފުންނާއި ބައްދަލު ކުރައްވަނީ: އެމްޑީޕީގެ އެތެރޭގަ އޮތް ބައިބައި ވުމުގެ ނަތީޖާއެއްގެ ގޮތުން, މަގާމްތަކުގަ ތިއްބެވި އެޕާޓީގެ ބައެއް އެކްޓިވިސްޓުންވަނީ ފާޅުގައި ރައީސް ސާލިހުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފައްޓަވާފަ

އެހެންނަމަވެސް، މިއަދު ފެންނާން އޮތް އެންމެ ބޮޑު އެއް ހަގީގަތަކީ، ސަރުކާރުގެ ސިޔާސީ މަގާމްތައް "ވަރިހަމަ" ވެފައި އޮތްތަނެވެ. ރައީސް ސާލިހު ދެއްވި ވަޒީފާއެއްގައި ހުންނަވައިގެން އެމަނިކްފާނަށް "މައްލަވަ"ވެސް ކުރަންވީއެވެ. އެމަނިކްފާނުގެ ސިޔާސަތުތަކާއި ދެކޮޅަށް ދެއްކުނުހާ ވާހަކައެއްވެސް ދައްކަންވީއެވެ. ހިތައް އެރިހާ އެއްޗެއް ގޮވަންވެސް ވީއެވެ. ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވިޔަސްވެސް، ސިޔާސީ މަގާމްތަކުގަ ތިއްބަވައިގެންވެސް ބޭނުންހާ ސިޔާސީ ފިކުރެއް ޕްރޮމޯޓުވެސް ކުރަންވީއެވެ.

ހަގީގަތުގައިވެސް މި ސަރުކާރުގެ ސިޔާސީ މަގާމްތައް މިއަދު ފެންނާން އޮތީ "ފި ސަބީލިއްލާހި" ސިޔާސީ މަގާމްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއީ އެއްވެސް ސަރުކާރެއްގައި ސިޔާސީ މަގާމްތައް ބެހުން އެންމެ ރަގަޅު އުސޫލު ކަމުގައި ބެލެވެން ނެތްކަމީ ކަށަވަރުވެ ޔަގީން ވާން އޮތް ކަމެކެެވެ. އަދި މިއީ އުސޫލުކަމުގައިވެ، "އަސް ވިއްކާ" އަދި "ލަގަންވެސް ވިއްކާލައިގެން" ސަރުކާރު އޮންނާން ވެއްޖެނަމަ، ކުރިޔަށް އޮތް ތަނުގައި ސަރުކާރަށް ކުރިމަތި ލާންޖެހޭނޭ ގޮންޖެހުތައް ހައްތަހާ ދާނީ ބޮޑުވަމުން ކަމުގައި ދަންނަވާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރީނާ
މިހަބަރެއް ވުރެން ރީތިވާނެ ރައީސް ސޯލިހު ވެރިކަށް އައީ ސީދާ އެމްޑީޕީގެ ސިޔާސަތުތަށް ރައްޔިތުންނަށް ވިކައިގެން މިސިޔާސަތުތަށް ތަންފީޒު ކުރުމަށް ސޯލިހުގެ ސަރުކާރުން ކިހާ މިންވަރަކަށް ބާރުއަޅުވާތޯ އަދި ކިހާ މިންވަރަކަށް ފުދާފައިވޭތޯ!
ދ ދޮންއަލީ
މިހަބަރެއް ވުރެން ރީތިވާނެ ރައީސް ސޯލިހު ވެރިކަށް އައީ ސީދާ އެމްޑީޕީގެ ސިޔާސަތުތަށް ރައްޔިތުންނަށް ވިކައިގެން މިސިޔާސަތުތަށް ތަންފީޒު ކުރުމަށް ސޯލިހުގެ ސަރުކާރުން ކިހާ މިންވަރަކަށް ބާރުއަޅުވާތޯ އަދި ކިހާ މިންވަރަކަށް ފުދާފައިވޭތޯ،
ރ ރާފިއު
މިދަތި ހާލަތުގަވެސް އެވައުދުތައް ފުއްދަމުން ދާތަން ފެނޭ! ނަމަވެސް ނިޒާމް ބަދަލުކޮށް ބޮޑުވަޒީރާ ޤައުމު ހަވާލު ކުރުމަކީ ސޯލިހު ނުކުރާކަމަކީ! އެކަމާ ހިތްހަމަ ނުޖެހުނަސް އެގޮތައް އެކަމެއް ނުކުރެވޭނެ. މިބޮޑު ބަލިމަޑުކަމުގަ ދިވެހިން ބަނޑަށް ނުޖެހި ސަލާމަތްވުމަކީ އިރާދަ ފުޅާއެކު ޞާލިހު ހުރިހާ ވައުދެއް ފުއްދުންފަދަ ކަމެއް..
ޔ ޔޫސުފް
ސިޔާސަތެއް އެބައޮތްތަ؟