ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޖިމީ
10 އޭޕްރިލް 2022 02:11
0

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 83 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓިސީސީން ބުނީ ހުޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހާބަރ ބްރިޖްގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ބުންޏެވެ.

ހުޅުދޫ ބަނދަރުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސަމާނު އެރަށަށް ގެންގޮސްފައިވަނީ ނިމުނު ޖުލައިމަހުގެ 28ވަނަ ދުވަހުއެވެ.
ބަނދަރު ހެދުމުގެ މަސައްކަތުގެދަށުން މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. އެގޮތުން 88000 ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ހުޅުދޫގައި ހަދާ ބަނދަރަކީ 742 މީޓަރު ދިގު ބަނދަރެކެވެ. ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މިޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަދި އެއްގަމުތޮއްޓާއި ބޭރު ތޮށި ގުޅާލުމަށް 9 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް އެޅުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތްތަކުގެ އިތުރަށް ބަނދަރުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތިއާއި، ނެރު ބައްތިޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީއާއި ދެމެދު ސޮއިކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން 61.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބަނދަރުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރާއި ދިހަދުވަހުގެ މުއްދަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.