ޝެހެނާޒް ގިލް އަކީ "ބިގް ބޮސް 13″ އަށް ފަހު ގިނަ ބަޔަކު ދަންނަ މޫނެކެވެ. އެ ޝޯގައި އޭނާ ދެއްކި މިޒާޖު ވަނީ އެތައް ބަޔަކަށް ކަމުގޮސްފައެވެ. އެހެންނަމަވެސް އެ ޝޯގައި ފެނުނު އިރާއި ބަލާއިރު، ޝެހެނާޒް މިހާރު ފެންނަނީ ތަފާތުކޮށެވެ.
އެ ޝޯގައި ޝެހެނާޒް ފުދޭވަރަކަށް ފަލަކޮށް ހުރުމުން، ބައެއް މީހުންގެ މަލާމާތް އަމާޒުވެގެން ދިޔައެވެ. އެކަމަކު މިހާރު ޝެހެނާޒް ފެންނަނީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްލާ ލޫޅާފަތިކޮށެވެ. އެހާ ކުޑަ ދުވަސްކޮޅެއްގައި އެފަދަ ބޮޑު ބަދަލެއް ގެނައީ ކިހިނެއްކަން، 28 އަހަރުގެ އެކްޓްރެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ ލޯބިވެރިޔާގެ ގޮތުގައި އަޑުފެތުރިފައިވާ ސިދާތު ޝުކްލާ މަރުވުމުގެ ކުރިން އޭނާއާއެކު ކުރިއަށްގެންދިޔަ އިންސްޓަގްރާމް ލައިވްއެއްގައި ވާހަކަދައްކަމުން، ސިދާތު ވަނީ ޝެހެނާޒް ބަރުދަން ލުއިކުރި ގޮތް އޮޅުން ފިލުވާފައެވެ.
އެ ސުވާލަށް ޖަވާބުދެމުން ޝެހެނާޒް ބުނީ، ހުރިހާ ވެސް ސިއްރަކީ ކެއުމަށް ގެނައި ބަދަލު ކަމަށެވެ. އެގޮތުން ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ބޮނީ އެޕަލް ސިޑާ ވިނެގާ ކަމަށާއި، އޭގެފަހުން މެންދުރު ގަޑީގައި ކަނީ ދެ ރޮށްޓާއި ރިހަ ކަމަށް ބުންޏެވެ. "ދެ ރޮށި އިނގޭ. ތިނެއް ނޫން"، ޝެހެނާޒް ޔަގީން ކޮށްދިނެވެ.
އެއަށްފަހު ދެން ހަވީރު ގަޑީގައި ސައިތަށްޓެއް ބޮނީ ކަމަށާއި، ގިނަ ދުވަސް ދުވަހު ރޭގަނޑު ނިދަނީ މޭވާއެއް ކައިގެން ކަަމަށް ބުންޏެވެ. "މޭވާއެއް ނެތިއްޔާ ހުސްބަނޑާ ނިދަނީ"، ޝެހެނާޒް ބުންޏެވެ.
އޭގެ އިތުރުންވެސް ޝެހެނާޒް ވަނީ ބަރުދަން ލުއިކުރުމާ ބެހޭގޮތުން ބައެއް އިންޓަވިއުތަކުގައި ވާހަކަދައްކާފައެވެ. އޭނާ ބުނީ މިދިޔަ އަހަރުގެ ލޮކްޑައުން ތެރޭގައި 12 ކިލޯ ހިއްކާލީ އެއްވެސް ކަސްރަތަކާ ނުލައި، ހަމައެކަނި ޑައިޓް ކޮށްގެން ކަމަށެވެ. ކުރިން ކައި އުޅުނު ޗޮކްލެޓުތަކާއި، އައިސްކްރީމް އަދި ހުރިހާ މަހުގެ ބާވަތެއް ކެއުން ހުއްޓާލީ ކަމަށް ކިޔައިދިނެވެ.