މިހާތަނަށް ނުކުރެވުނު ކަމެއް ދެންވެސް ނުކުރެވޭނެ، އެމްޑީޕީ ހިންގާލެވޭނީ ފަޔާއަށް: އަސްލަމް

މިހާތަނަށް ނުކުރެވުނު ކަމެއް ދެންވެސް ނުކުރެވޭނެ، އެމްޑީޕީ ހިންގާލެވޭނީ ފަޔާއަށް: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2022 11:11
0

އެމްޑީޕީގެ އަސާސީ ގަވާއިދުން ބަޔާންކޮށްފައިވާ އެތައް ކަމެއް މިވީހާ ތަނަށް ނުކޮށް، ދޫކޮށްލާފައި އޮތް އޮތުން އަލުން އިޔާދަކޮށް ކުރާނެކަމަށް އިންތިޚާބުގެ ތެރޭގައި ބުނިނަމަވެސް، ދެން އެކަން އެބޭފުޅުންނަށް ނުވާނެކަމަށާއި، އެމްޑީޕީ ހިންގާވެލެވޭނީ ފައްޔާޟު އިސްމާއިލަށް ކަމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި، ކ.އަތޮޅު ކާށިދޫ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީ ހިންގަން ޖެހޭ ގޮތާއި، އަތޮޅު ތެރޭގައި ތިބި މެމްބަރުންނާއި ގުޅުން ގާއިމްކުރާނެ ގޮތް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް އެކަން މިހާތަނަށް ނުކޮށް، އަނެއްކާވެސް އިންތިޚާބެއް ބޯމަތިވުމުން، އިތުރު ގޮފިތައް ހަދާނެ ވާހަތަކާއި، ޕާޓީ އަލުން ކުރިއަށް ގެންދާނެކަމުގެ ވާހަކަ ދެއްކެވިޔަސް އެކަން ގަބޫލު ކުރުމަކީ ދަތިކަމެއްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެޕާސަން އިންތިޚާބުގައި ވާދަކުރާ އިންތިގެ ޓީމުން ވަމުންދާ ވައުދުތަކަށް އިޝާރާތް ކުރައްވައެވެ. އިންތިގެ ޓީމަކީ މިހާރުވެސް އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނެވެ. އަސްލަމް ވިދާޅުވީ ހިންގަންޖެހޭ އެތައް ކަމެއްނުކޮށް، އަސާސީ ގަވާއިދުގައިވާ އެތައް ގުނަވަނެއް ނުހިންގި އޮތްކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތްކަމަށެވެ. މިހާރުވެސް އަސާސީ ގަވާއިދުގައި ދާއިރާތަކުގެ ގައުމީ މަޖިލިސް ހެދިފައިވާއިރު އެތަންތަން ހުރި ތަނެއް، ގޮފިތައް ހުރި ގޮތެއް މަސައްކަތް ކުރެވޭ ގޮތެއްވެސް ނޭގޭއިރު އަލުން އަނެއްކާވެސް ފުރުސަތު ދީގެން ކުރެވޭ ކަމެއް ނެތްކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއިންތިޚާބުގައި ފައްޔާޟަށް އެމްޑީޕީ މެމްބަރުން ވޯޓު ދޭންޖެހޭ އެންމެ ބޮޑު ސަބަބީ ވެރިކަމުގައި ޕާޓީ އޮވެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކުރައްވާފައިވާ މަސައްކަތާއި، ނެރޭ ނަތީޖާތަކަށް ބަލާފައިކަމަށެވެ. މިސަރުކާރުގެ މިހާތަނަށް ނިންމާފައިވާ ގިނަ މަސައްކަތްތަކާއި ކުރަމުންދާ ގިނަ މަސައްކަތްތަކީ ސީދާ ފައްޔާޟުގެ ބެލުމުގެ ދަށުން ކުރަމުންދާ ކަންކަމަށްވާއިރު މިކަންކަމުންވެސް ހިންގާލާވަރު ފެންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަޅުގަނޑަށް ޔަގީންކަން އޮތީ ފައްޔާޟު އިސްމާއިލްގެ މަސައްކަތްޕުޅު މިހިސާބަށް ގެނައުމުގައި. ވައުދުތަކަށް ބެލި ކަމުގައިވީނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ބެލި ކަމުގައިވީނަމަވެސް، ރިޔާސީ ބަޔާންތަކުގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން ފައްޔާޟު އިސްމާއިލްގެ މިނިސްޓްރީއާއި ގުޅޭ ކަންކަން އެންމެ ބާރަށް ހިނގާފައި އޮތީ.

– އަސްލަމް ވިދާޅުވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިގެ ޓީމުން އެންމެ ބޮޑަށް ތުހުމަތުކުރާ އެއްކަމަކީ ފައްޔާޟު މަަސައްކަތް ކުރަނީ ރައީސް ނަޝީދު އެއްފަރާތްކޮށް، އެކަހެރިކޮށްގެން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައެވެ. ނަމަވެސް ތަކުރާރުކޮށް ފައްޔާޟު ވަނީ ރައީސް ނަޝީދު އެމްޑީޕީން ދުރު ކުރެވޭނެ މީހަކު ކައިރި ޒަމާނެއްގައިވެސް ނާންނާނެކަމަށް ވިދާޅުވެފައެވެ.

އަދި މަސައްކަތް ކުރައްވާނީ އެއްބައިވަންތަކަމާއިއެކު ކުރިއަށް އޮތް އިންތިޚާބުތަކުގައި ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ހޯދަން ކަމަށާއި، އެކަން ކުރެވޭނީ އެމްޑީޕީ ހިންގާލެވިގެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީ ހިންގުމުގައި ކޮންމެ ދުވަހަކުހެން މަސައްކަތް ކުރަންޖެހޭ އެންނެ މުހިންމު ފަރާތަކީ އެމްޑީޕީގެ ޗެއަޕާސަނަށްވާއިރު، މިއިންތިޚާބުގައި ވާދަކުރަން ނިންމެވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމުގެ ވަރުގަދަ އަޒުމުގައިކަމަށް ފައްޔާޟު ވިދާޅުވިއެވެ. މިކަން ފެށިއިރު ރައީސް ނަޝީދާއިވެސް މަޝްވަރާ ކުރެއްވިކަމަށާއި، މިކަމުގައި އޭރު ރައީސް ނަޝީދުގެ ތާއީދުވެސް އޮތް ކަމަށެވެ. ނަމަވެސް ފަހުން ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި، މަސައްކަތް ކުރާނީ އެންމެން އެކީ އެއް އަމާޒަކަށް ދިއުމަށް ކަމުގައި ފައްޔާޟު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H HK
އަސްލަމުވެސް ފައްޔާޒްވެސް އިހައް ވައުދު ފުއްދަވާށެވެ. ދެން އޭގެފަހުން ޕާޓީ ގަންހިންގަން ވަޑާގަންނަވާށެވެ. މީގެކުރިން އިބުރާހިމް އިސްމާއީލް ކިޔާބޭފުޅަކައް ޕާޓީ ދިނީމަހިންގީ ޕާޓީން ޕާޓީވިއްސީއެވެ މިފަހަރު ހިންގޭނެ ކަމައް ފެންނަނީ ގަންހިންގޭތަނެ