ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށައިފިއެވެ.
އެޗްޑީސީން ބުނެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓްގެ ކުލި ބަލައި ގަންނަން ފަށާފައިވާކަމަށެވެ. ހިޔާ ފްލެޓްގެ ކުލި ބަލައި ގަތުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން އޮންލައިން "ޕޭމަންޓް ޕޯޓަލް" އާއި އެޗްޑީސީ ކަލެކްޝަން ކައުންޓަރުން ފައިސާ ބަލައިގަންނާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ މައިހުޅުމާލެ: ވެބް ޕޯޓަލް ލިންކް (https://my.hdc.com.mv) އިން ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށެވެ. އެގޮތަށް އޮންލައިން ކޮށް މިވަގުތު ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުގެ ޒަރީއާއިން ކަމުގައި ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށްޓަކައި ހާއްސަ ކޮށްފައިވާ ކައުންޓަރުތައް މެދުވެރިކޮށް ނަގުދު ފައިސާ އާއި ޗެކު އަދި ބޭންކް ކާޑުން ފައިސާ ދެއްކެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
މިދިޔަ ސަރުކާރުގައި އަޅަން ފެށި ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެތަނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުން ފެށިގެންނެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު 2000 އަށްވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އެތަނުގެ ކުންޏަކީ މަހަކު 75000ރ.އެވެ. އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި 1000ރ. ދައްކަން ޖެހެއެވެ. ހިޔާ ފްލެޓް ސަރަހައްދަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ވަސީލަތްތަކާއި ތަންތަން ގާއިމް ކުރުމަށް އެޗްޑީސީން ދަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.