މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ކަނޑައެޅިއިރު، ރައްޔިތުންގެ ދިރި އުޅުމަށް އައި ހެޔޮ ބަދަލުގެ ދިރާސާއެއް ނަހަދައި، ހިމޭނުން ތިބުމަކީ މޮޅުންނަށް މޮޅުގޮތް ހޯދުމަށް ކުރި ކަމެއް ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ މިނިމަމްވޭޖާއިއެކު ކުލިތަކުގެ އަގު އުފުލި، ތަކެތީގެ އަގުވެސް އުފެލުމެމުންދާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިނިމަމް ވޭޖު ތައާރަފްކުރުމުން ރިސޯޓުތަކަށް މާލީ ގޮތުން ކުރާ އަސަރު ކުޑަކޮށްދިނުމަށް ރާއްޖޭގެ ގިނަ ހިސާބުތަކުގައި ހިންގާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފައިވާ ދަނޑިވަޅެއްގައެވެ.
ޝިޔާމް ވިދާޅުވީ ދައުލަަތަށް އާމްދަނީ ހޯދާނެ ހޮދެއް ވެރިކަމުގައި ތިބި މީހުންނަށް ހޯދައި ނުވާއިރު، މިނިމަމް ވޭޖް ތަޢާރަފްކޮށް އެކަމުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެ ގަތުމަށް ސަރުކާރުން މަސައްކަތް ނުކުރާކަމަށެވެ. މިއަދު ތަކެތީގެ އަގު އިންތިހާއަށް އުފުލި، ގޭބިސީތަކުގެ އަގުތައް އިންތިހާއަށް އުފެލެމުންދާއިރު މިކަން ބަލައި މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާކަމީ މިގެނައި ބަދަލުން އާންމު ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތްކަން ހާމަވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވާނެ ގޮތެއް މިވެރިން ވެއްޖެ ހޯދަން. މިނިމަމް ވޭޖާއި ގުޅިގެން ރައްޔިތުންގެ ދިރި އުޅުމަށް އައި ހެޔޮ ބަދަލުގެ ދިރާސާއެއް ހެދީކީނޫން. މިނިމަމް ވޭޖާއިއެކު ގޭބިސީތަކުގެ އަސާސީ ތަކެތީގެ އަގު ބޮޑުވެ ކުލިތައް ވަނީ އުފުލިފަ. މޮޅުންނަށް މޮޅުގޮތް.
– ޝިޔާމް ވިދާޅުވިއެވެ.
އެންމެ ކުޑައުޖޫރަ ކަނޑައެޅުމާއިއެކު، ރާއްޖޭގެ ގޭބިސީތަކުގެ ކުލި ބޮޑުވެ، ޒަރޫރީ ބޭނުންމަށް ބޭނުންވާ ތަކެތީގެ އަގުދަނީ އިންތިހާއަށް ބޮޑުވަމުންވެެ. ޓުވަރިޒަމް ޤާނޫނަށް ގެނައި އިސްލާހަށް ބަލާއިރު މި ބިލުގައި އެންމެ ބޮޑު އިސްލާހަކަށް އޮތީ ރާއްޖޭގެ ދެ ޒޯނެއްގެ ރިސޯޓް، ހޮޓާ، ޔޮޓް މެރިނާ އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްގީކުރުމަށް ކުއްޔަށް ދޭ ރަށްރަށާއި ފަޅުތަކުގެ ބިމު ކުލި ކުޑަ ކުރުމަށެވެ.
މިހާރު ކަނޑައަޅާފައިވާ ކުލިތައް ބޮޑުވެގެން އެންމެ އެކަށީގެންވާ މަސައްކަތެއް ކުރުމަށާއި، އިންވެސްޓަރުން ހޯދުމަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ސަރުކާރުން އުންމީދު ކުރި މިންވަރާއި ގާތަށްވެސް ދެކުނުގެ ރަށްރަށުގައި ޓުވަރިޒަމް ފުޅާވަމުން ނުދާކަން ފާހަގަ ކޮށްލެވެއެވެ.