އިތުރުފުޅު ހެއްދެވި ވަޒީރަކަށް ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް

އިތުރުފުޅު ހެއްދެވި ވަޒީރަކަށް ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2022 10:02
0

ފުލުހުންގެ ތެރޭގައި ގޯސްހަދާ މީހުން ތިބިކަމަށް ބަންޑާރަނަ ނައިބް މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެފައިވަނިކޮށް އެކަން މަޖިލީޙުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރ އިމްރާން ދޮގުކުރައްވާފައިވާތީ ދެވެޒީރުންގެ ތެރެއިން އިތުރުފުޅު ހެއްދެވި ވަޒީރަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މިމައްސަލަ ހެއްޅުވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. މިމައްސަލަ މަޖިލީހަށް ބަލައިގެން ބަހުސް ކުރުމަށް ފާސްވީ މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއިއެކުގައެވެ. މިމައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.

އާދަމް ޝަރީފް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރާ ކޮންމެ ސުވާލަކަށް ތެދުބަހުން ޖަވާބު ދޭންޖެހޭނެކަމަށް ޤާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވުމާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީ 2022 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ގޯސްހަދާ ފަރާތްތައް ފުލުހުންގެ އިދާރާއާއި ތަޙުޤީޤީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށާއި، އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން، އިންތިޒާމްވެގެން ކުރާކަމެއްގެ ގޮތުގައިކަމަށް އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލިޔުމުން ކުރެއްވި ސުވާލަކަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ފޮނުއްވި ޖަވާބުގައި، ޤަޞްދުގައި ގޯސްހަދާ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުގައި ނެތްކަމަށެވެ.

އިމްރާންގެ މިޖަވާބާ ގުޅިގެން، ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅު ހައްދަވާކަމަށް މަޖިލީހުގެ ރިޔާސަތުން ފާހަގަ ކުރައްވާފައިވާތީވެ، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ނުވަތަ ހޯމް މިނިސްޓަރ ޢިމްރާން ޤާނޫނުއަސާސީގެ 98 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ޤަބޫލު ކުރެވޭތީވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ޤާނޫނުއަސާސީއާ ޚިލާފުވެފައިވާ ވަޒީރު ދެނެގަނެ، އެ ވަޒީރާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.