ޓެކްސް ދެއްކުމުގައި ނަމޫނާ 19 ފަރާތަކަށް މީރާގެ "ރަންލާރި" އެވޯޑް ދީފި

ޓެކްސް ދެއްކުމުގައި ނަމޫނާ 19 ފަރާތަކަށް މީރާގެ "ރަންލާރި" އެވޯޑް ދީފި

Author
އަހުމަދު
08 އޮގަސްޓް 2026 11:00
0

މިދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި 19 ފަރާތެއްގެ އަގު ވަޒަންކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ރަންލާރި" އެވޯޑް ދީފި އެވެ.

މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި އެވޯޑް ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މި އެވޯޑް ދީފައިވަނީ ޓެކުހުގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމައަށް އަދާކޮށް، އެންމެ ބޮޑު އަދަދަކުން ޓެކްސް ދައްކާފައިވާ ފަރާތްތަކަށެވެ.

ޖުމުލަ 12 ގިންތިއަކުން 19 ފަރާތަކަށް ރަންލާރި އެވޯޑް ލިބުނުއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ރިޒޯޓް ގިންތިން ބެޑް ކެޕޭސިޓީ 150 އަށްވުރެ ދަށް ރިޒޯޓުތަކުގެ ކެޓަގަރީން އެވޯޑް ހާސިލުކުރީ ވެލާ އައިލެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ "ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް" އެވެ. ބެޑް ކެޕޭސިޓީ 151 އާއި 250 އާ ދެމެދު ރިޒޯޓުތަކުގެ ކެޓަގަރީން ސީޕީއާރްސީ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ "ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް" އެވޯޑް ހާސިލްކުރިއިރު، 250 އަށްވުރެ މަތީގެ ބެޑް ކެޕޭސިޓީ ހުރި ރިޒޯޓުތަކުގެ ކެޓަގަރީން އެވޯޑް ލިބުނީ އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ "ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، އިތާފުށި" އަށެވެ.

ޓޫރިސްޓް ހޮޓާ ކެޓަގަރީން މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ "ހުޅުލެ އައިލެންޑް ހޮޓެލް" އަދި ޓޫރިސްޓް ގެސްޓްހައުސް ކެޓަގަރީން ސަމަން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ "އޯޝަން ގްރޭންޑް" ހޮވިފައިވާއިރު، ޓޫރިސްޓް އުޅަނދު ކެޓަގަރީން އެވޯޑް ހާސިލްކުރީ ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ "ގޮމަފުޅު" އެވެ. ޓްރެވަލް އޭޖެންސީ ކެޓަގަރީން އިންޓުއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އަދި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ ކެޓަގަރީން ޓްރާންސް މޯލްޑިވިއަން އެއާވޭސް ޕްރައިވެޓް ލިމިޓެޑް ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ.

ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ޖީއެސްޓީ ކެޓަގަރީގައި، 30 މިލިއަން ރުފިޔާއަށްވުރެ ދަށުގެ އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބުނީ އަހުމަދު ނިޔާޒަށެވެ. 30 އާއި 100 މިލިއަން ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، 100 އާއި 200 މިލިއަން ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ވާސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، އަދި 200 މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ. އެއާޕޯޓު ޓެކުހާއި ފީގެ ކެޓަގަރީން އިއްތިހާދު އެއާވޭސް ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ.

އާމްދަނީން ނަގާ ޓެކުހުގެ ފަރުދުންގެ ބައިން މި އަހަރުގެ އެވޯޑް ހާސިލްކުރެއްވީ ސަން ސިޔާމްގެ ނަމުން މަޝްހޫރު އަހުމަދު ސިޔާމް މުހައްމަދެވެ. ފަރުދުން ނޫން އެހެން ފަރާތްތަކުގެ ތެރެއިން، 30 މިލިއަން ރުފިޔާއަށްވުރެ ދަށުގެ އާމްދަނީ ލިބޭ ފަރާތްތަކުގެ ބައިން އެޓްމޮސްފިއާ ކަނި ރިޒޯޓް ޕްރައިވެޓް ލިމިޓެޑް، 30 އާއި 100 މިލިއަން ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ ބައިން ކަނޑޫމާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް، 100 އާއި 200 މިލިއަން ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ ފަރާތްތަކުގެ ބައިން ވާސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، އަދި 200 މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ ބައިން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ. ބޭންކްތަކުގެ ބައިން ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ.

މީރާއިން ބުނީ ރަންލާރި އެވޯޑް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ކުރިން ކަނޑައަޅައި އާންމުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެވޯޑް ލިބުނު ފަރާތްތަކުން ދައްކާފައިވާ ފައިސާގެ އަދަދެއް މީރާއިން ހާމައެއް ނުކުރެ އެވެ. އެވޯޑް ދިނުމުގެ ކުރިން، އެ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން ކަށަވަރުކޮށްފައިވާ ކަމަށާއި، އިއުތިރާޒުކުރާ ފަރާތެއް ވާނަމަ، އެ ފަރާތުގެ ބަދަލުގައި ދެން ހޮވޭ ފަރާތަކަށް އެވޯޑް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މީރާއިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.