ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި އަހަރުގެ ފުރަތަމަ ހަ މަހު ކުރި އިންޓަނޭޝަނަލް ފްލައިޓް ދަތުރުތަކުގެ އަދަދު 4.7 ޕަސެންޓް ދަށްވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ޖޫނަށް ވީއައިއޭ އަށް ޖުމްލަ 8،393 އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް ރެކޯޑްކުރެވިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑްކުރެވުނު 8،807 ފްލައިޓް މޫވްމެންޓާ އަޅާބަލާއިރު 414 ދަތުރުގެ ދަށްވުމެކެވެ.
މި ދަށްވުން ފެންނަން އޮތީ ޝެޑިއުލް ފްލައިޓް ދަތުރުތަކުންނެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 8،088 ޝެޑިއުލް ދަތުރު ކުރި ނަމަވެސް، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 7،352 އަށް ދަށްވެފަ އެވެ.
ނަމަވެސް ޗާޓަރު ފްލައިޓާއި ޕްރައިވެޓް ފްލައިޓް ދަތުރުތަކުގެ ބާރު ބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު މި ބާވަތުގެ 719 ދަތުރު ކުރި ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 1،041 އަށް އަރައި، ގާތްގަނޑަކަށް 45 ޕަސެންޓް އިތުރުވެފަ އެވެ.
މިއާ އެކު ފާއިތުވި މަސްތަކުގައި ފެންނަމުން ދިޔަ ފްލައިޓް މޫވްމެންޓް އިތުރުވުމުގެ ޓްރެންޑަށް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރު ފުރަތަމަ ހަ މަހު ފްލައިޓް މޫވްމެންޓް 5.6 ޕަސެންޓް އިތުރުވެފައިވާއިރު، ނޮވެމްބަރު މަހުގެ ނިޔަލަށް ވެސް ފްލައިޓް މޫވްމެންޓް ހުރީ އިތުރުވުމުގަ އެވެ.
ކޮމެންޓު ފޮނުވާ