"ހަލާލު ޓޫރިޒަމް މޮޑެލް" ގެ ދަށުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ރާއްޖޭގެ ތިން ސަރަހައްދެއް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
މީގެ ތެރޭގައި، ފަންޑު މެނޭޖުމަންޓުން ކުރިން ހަލާލު ޓޫރިޒަމަށް ތަރައްޤީކުރަން އިއުލާނުކުރި އައްޑޫ ދޮންހެރައިގެ އިތުރުން، ހދ. އަތޮޅުގައި މަކުނުދޫ ފަޅުން ބައެއް، އަދި ލ. ފޮނަގާދޫ ވެސް ހިމެނެ އެވެ.
މި ތިން ސަރަހައްދުގެ ތެރެއިން އެންމެ ބޮޑީ ހދ. އަތޮޅުން ދޫކުރާ 200 ހެކްޓަރުގެ ސަރަހައްދެވެ. މި ސަރަހައްދުގައި މަދުވެގެން 150 އެނދު ތަރައްޤީކުރަން ޖެހޭއިރު، އެންމެ ކުޑަކޮށް ހުށަހެޅޭނެ ލީސް އެކުއިޒިޝަން ކޮސްޓަކީ 1,269,000 އެމެރިކާ ޑޮލަރެވެ. 8.18 ހެކްޓަރުގެ ފޮނަގާދޫ އާއި، ޖުމްލަ 9.23 ހެކްޓަރުގެ ދޮންހެރައާއި ކައިރި ކުޑަ ރަށެއް ހިމެނޭ ސަރަހައްދުގައި، ކޮންމެ ރަށެއްގައި ވެސް މަދުވެގެން 100 އެނދު ތަރައްޤީކުރަން ޖެހޭނެ އެވެ. މި ދެ ސަރަހައްދުގެ ލީސް އެކުއިޒިޝަން ކޮސްޓު ފެށޭ އަގަކީ ފޮނަގާދޫއަށް 588,960 ޑޮލަރު އަދި ދޮންހެރައަށް 498,420 ޑޮލަރެވެ.
މި ރަށްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަލާލު ޓޫރިޒަމްގެ ހަރުދަނާ މިންގަނޑުތަކެއްގެ ދަށުންނެވެ. އެގޮތުން، މުޅި ރަށަކީ ރާ އާއި އޫރުމަހާއި، އޫރުމަސް އެކުލެވޭ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާ ރަށަކަށް ވާންޖެހޭނެ އެވެ. ފަތުރުވެރިންނަށާއި މުވައްޒަފުންނަށް ވަކިން ދެ މިސްކިތް ރަށުގައި ބިނާކުރުމުގެ އިތުރުން، ކޮޓަރިތަކުގައި ގިބްލަ އެނގޭނެހެން ހުރުމާއި، މުސައްލައާއި ޤުރުއާން ބެހެއްޓުމަކީ ވެސް ލާޒިމުކަމެކެވެ. އަދި، ކާބޯތަކެއްޗަކީ ޙަލާލު ތަކެތި ކަން ކަށަވަރުކުރުމާއެކު، ސްޕާ އާއި ޖިމް ފަދަ ވަސީލަތްތައް ދެ ޖިންސަށް ވަކިން ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވިފައި ހުންނަން ޖެހެ އެވެ.
އިންވެސްޓަރުންނަށް ދޭ ލުއިފަސޭހަތަކުގެ ތެރޭގައި، މި ރަށްތައް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓު ތަރައްޤީކުރުމަށް ތިން އަހަރުގެ މުއްދަތެއް ދިނުން ހިމެނެ އެވެ. މި މުއްދަތުގެ ތެރޭގައި ރިސޯޓު ހުޅުވައި އޮޕަރޭޝަނަށް ގެނެސްފި ނަމަ ކުލި މާފުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި، ޕްރޮޖެކްޓުގެ ކެޕިޓަލް އިންވެސްޓްމަންޓުގެ 20 ޕަސެންޓާ ހަމައަށް، ފަރުނީޗަރާއި ބަދިގޭ ސާމާނާއި ރިސޯޓަށް ބޭނުންވާ އިކުއިޕްމަންޓުން ޑިއުޓީ މާފުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މި ޕްރޮޖެކްޓުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 35,000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭއިރު، ބީލަން ފޮތް ގަތުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ އަންނަ މަހުގެ 17 ގެ ނިޔަލަށެވެ. ބީލަން ފޮތުގެ އަގަކީ ދިވެހިންނަށް 1,500 ޑޮލަރު އަދި ބިދޭސީންނަށް 2,000 ޑޮލަރެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 09:00 ކަމަށާއި، މިކަމާ ގުޅޭ ޕްރީ-ބިޑް ބައްދަލުވުންތައް އަންނަ ސެޕްޓެމްބަރު 09 އަދި އޮކްޓޯބަރު 14 ގައި އޮންލައިންކޮށް ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓު ފޮނުވާ