ހިޔާ ސަރަހައްދު ގައި ތަރައްޤީކުރާ ހިޔާ ލޯކަލް މާރުކޭޓުން 19 ގޮޅިއެއް ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ވަނީ ހުޅުވާލައިފައެވެ.
އެޗްޑީސީން ބުނެފައިވަނީ ހިޔާ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ކޮންމެ ފަރާތެއްގެ ނަމުގައި ވެސް ހުށަހެޅޭނީ 1 ފޯމުކަމަށެވެ. މިގޮތުން، ފޯމު ބަލައިގަތުން ކުރިޔަށް ދާނީ 28 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 09:00 އިން 11:00 އަށް ހުރަވީ ސުކޫލު ހޯލުގައި ކަމަށާއި، އަދި ގުރުއަތު ނެގުން ކުރިޔަށް ދާނީ 28 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 11:30 ގައިކަމަށެވެ.
ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ ފަރާތްތަކުން 1 މަހަށް ވާވަރަށް އެޑްވާންސް ކުލީގެ ގޮތުގައި 2000 ރުފިޔާ އެޗްޑީސީން ސިޓީ ފޮނުވާތާ 2 ދުވަހުގެ ތެރޭގައި ދައްކަންވާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި ގުރުއަތު ނެގުން ކުރިޔަށްގެންދާ ވަގުތު ގުރުއަތުން ހޮވޭ ފަރާތުގެ ނަން އިއުލާން ކުރުމުން އިވެންޓް ހޯލުގައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކައުންޓަރަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 1500 ރުފިޔާ ވަގުތުން ދައްކަންޖެހެއެވެ.
ގޮޅި ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން ގޮޅި އަނބުރާ ހަވާލުކުރާއިރު ގޮޅިއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނަގައިފައިވާ ފައިސާ އަނބުރާ ރައްދުކުރެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ގޮޅި ދޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ގޮޅި ކުއްޔަށް ނެގުމުގެ ފުރުސަތު ދޫކޮށްލައިފިނަމަ، މި ފައިސާ އެޗްޑީސީ އަށް ނެގޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ހިޔާ ލޯކަލް މާރުކޭޓުން ގޮޅިއެއް ހޮވިފައިވާ ކަމުގެ ސިޓީގައިވާ ޝަރުތުތައް ފުރިހަމަކުރުމުން 2 ދުވަހުގެ ތެރޭގައި މި ކޯޕަރޭޝަނާއި އެކު އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށާއި، އަދި ގޮޅި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށަންވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މި މުއްދަތުގައި ހިދުމަތް ދޭން ނުފަށާނަމަ މި އެއްބަސްވުން ބާތިލްކުރެވޭނެ ކަމަށާއި، މިއީ ރަމަޟާން މަހާއި ގުޅިގެން ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.