މާލޭގެއެއްގެ ބިންގަރާހެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ޝާމިލުވާ އިދިކޮޅު ޕީއެންސީ ކައުންސިލް މެމްބަރު އަޙްމަދު ޙުސައިން ޕީއެންސީގެ ކައުންސިލް މެމްބަރުގެ މަޤާމުން ވަކިކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ އެތެރޭގައި ހަދާފައިވާ ބިންގަރާހަކުންވަނީ ހޯދާފައެވެ. މާފަންނު ގެއެއްގެ ތެރެއިން އަތުލައިގަނެވުނު މިތަކެއްޗާއެކު އެވަގުތު މީހަކު ހައްޔަރުކޮށްފައިވާކަމަށް ސީޕީ ޙަމީދުވަނީ ވިދާޅުވެފައެވެ. އަދި މިހާރު މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާވެސް ހައްޔަރުކޮށްފައިވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޕީއެންސީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހްމަދު ޙުސައިންއެވެ. ޑަރަގުގެ މައްސަލާގައި ހައްޔަރު ކުރުމާއި ގުޅިގެން އަހްމަދު ޙުސައިން ހައްޔަރު ކުރުމާއި ގުޅިގެން އެމައްސަލަ ބެލުމަށްފަހު ޕީ.އެން.ސީ ގެ އަސާސީޤަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ވަނީ އެޕާޓީގެ ކައުންސިލް މެންބަރު ކަމުން ވަކި ކޮށް، ޕާޓީގެ ޢާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.
ޕީ.އެންސީ ގެ އަސާސީ ޤަވާއިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާއި ޚިލާފުވެ، ޤާނޫނާއި ޚިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ޤަވާއިދުން ޕާޓީއަށް ލިބިދީފައިވުމާއިއެކު، އަޙްމަދު ޙުސައިން ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ކުޑަބޮޑު މިނަށްބަލާ، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ޢަމަލުކުރެވިފައިވާ ގޮތްތަކަށް ރިޢާއަތް ކުރުމަށްފަހުގައިކަމަށް ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު އަޙްމަދު ޙުސައިންގެ މައްޗަށް ކުރެވިފައިވާ ތުޙުމަތުގެ މައްސަލަ ބަލާ ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.