މި ކެމްޕެއިނަކީ "ވޯލްޑް ރިސައިކްލިންގ ޑޭ" އާއި ގުޅުވައިގެން އެއްފަހަރު ބޭނުންކޮށްފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް ބާރުއެޅުމުގެގޮތުން އެޗް.ޑީ.ސީން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އެޗްޑީސީން ބުނެފައިވަނީ އެއްގެއިން އަނެއްގެއަށް” ކެމްޕެއިންގެ ދަށުން ތަކެތި ގެންދިއުމަށް 24 މާރިޗު 2022 ގައި ހުޅުވާލެވޭނެ ކަމަށެވެ. ރޯދަމަހާއި ގުޅިގެން ގޭތެރެ ޒީނަތްތެރި ކުރުމަށް ގޭގައި ބޭނުންކުރާ ފަރުނީޗަރުފަދަ ތަކެތި ބަދަލުކުރުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދަކާދައިގެ ތެރޭގައިވާކަމެއްކަމުން، މި ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.
“އެއްގެއިން އަނެއްގެއަށް” ކެމްޕެއިންގެ ދަށުން ތަކެތި ގެންދިއުމަށް 24 މާރިޗު 2022 ގައި ހުޅުވާލެވޭނެ.
އެކަކު އަނެނަކަށް އެހީތެެރިވާން ތައްޔާރުތޯ؟#EhgeinAnehGeyah #Myhulhumalé pic.twitter.com/mn4frCgijV
— HDC (@hdcmaldives) March 23, 2022
އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 އިން ފެށިގެން މިމަހުގެ 26 ވާ ހޮނިހިރު ދުވަހުގެ މެންދުރު 2 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަޙައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް އެޗް.ޑީ.ސީން ވަނީ ހަމަޖައްސާފައެވެ.
މި ކެމްޕޭންގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެއްޗެވެ. އަދި ރުއްގަނޑު ސަރަހައްދަށް މި ތަކެތި ގެނައުމާއި، އަނބުރާ ގެންދިއުމުގެ އިންތިޒާމް އެފަރާތަކުން ހަމަޖައްސަންވާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. މީގެއިތުރުން، ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި މި ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މި އިވެންޓް ތެރެއިން ހިންގުން އެޗް.ޑީ.ސީން ވަނީ މަނާކޮށްފައެވެ.
މިއީ، އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި ދެވަނަފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމުގެ ގޮތުން އެޗް.ޑީ.ސީގެ ފަރާތުން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ސަބަބުން އާންމުންނަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އަދި މުސްތަޤުބަލުގައިވެސް އާންމުންނަށް ބޭނުންވާނެ ކަންތައްތައް އެ ފަރާތްތަކަށް ހޯދައިދިނުމުގައި އެޗް.ޑީ.ސީން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.