ރަޝިއާގެ އިދިކޮޅު ލީޑަރު ނަވާލްނީގެ މައްޗަށް މަކަރާއި ހީލަތުގެ ކުށް ސާބިތު ވެއްޖެ

ރަޝިއާގެ އިދިކޮޅު ލީޑަރު ނަވާލްނީގެ މައްޗަށް މަކަރާއި ހީލަތުގެ ކުށް ސާބިތު ވެއްޖެ

Author
ހުސެއިން
22 މާރޗް 2022 05:17
0

ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިންގެ ސިޔާސީ ވާދަވެރިޔާ އެލެކްސީ ނަވާލްނީ މަކަރާއި ހީލަތުގެ އަމަލު ހިންގާފައިވާކަން ސާބިތުވާކަމަށް، ރަޝިއާގެ މޮސްކޯގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

"ނަވާލްނީ ވަނީ މަކަރާއި ހީލަތުގެ އަމަލު ހިންގާފަ.. އޭނާވަނީ އޮޅުވާލައިގެން އެހެން މީހުންގެ މުދާ ބޭނުން ކޮށްފަ،" ފަނޑިޔާރު މާގްރިޓާ ކޮޓޮވާ އިއްވި ހުކުމުގައި ވާކަމަށް، ރަޝިއާގެ ދައުލަތުގެ މީޑިއާ ޓާސް ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައި ވެއެވެ.

އޭނާގެ މައްޗަށް ސަސްޕެންޑް ވާގޮތަށް ކުރިންކޮށްފައިވާ ހުކުމަކާއި ޚިލާފްވެގެން މިހާރުވެސް 2 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެލެކްސީ ނަވާލްނީގެ މައްޗަށް 13 އަހަރުގެ ހުކުމެއް އަންނަޖެހޭނެ ކަމަށް ރަޝިއާގެ ޕްރޮސެކިއުޓަރުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. އަދި ރަޝިއާގެ ޕްރޮސެކިއުޓަރުން މަސައްކަތް ކުރަމުންދަނީ، އޭނާ ރަޝިއާގެ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލަކަށް ބަދަލު ކުރުމަށްވެސް ވަކާލާތު ކުރަމުންނެވެ.

ނަވާލްނީ ހުކުމް އިއްފާވައިވަނީ އޮންލައިންކޮށް ކުރިޔަށްދިޔަ އަޑު އެހުމެއްގައެވެ. އަދި އޭނާގެ ހުކުމް ފަނޑިޔާރު އިއްވަމުން ދަނިކޮށް، އޭނާގެ ވަކީލުންނާއެކު ހުންނަވާ ނަވާލީ ވަނީ، އޭނާގެ މައުސޫމްކަން ދޭހަވާގޮތަށް، ފަނޑިޔާރަށް އަތުން އިޝާރާތް ކުރައްވާފައެވެ. ނަވާނީ ހުންނެވި ކޮޓަރީގައި އޭނާގެ ގާނޫނީ ވަކީލުންގެ އިތުރުން ދެން ތިބީ މުޅިންވެސް ފުލުހުންގެ ސެކިއުރިޓީ އޮފިޝަލުންނެވެ.

އެލެކްސީ ނަވާލްނީ އުފައްދާފައިވާ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ފައުންޑޭޝަންއަކީ "ހައްދު ފަހަނަ އަޅާފއަިވާ" ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާ، އެއީ ރަޝިއާގައި ހިންގުން މަނާ ޖަމާއަތެއްގެ ގޮތުގައި، ރަޝިއާގެ ކޯޓަކުން ފާއިތިވެދިޔަ އަހަރުގެ ޖޫންމަހުވަނީ ކަނޑައަޅާފައެވެ.

ރަޝިއާގެ ސަލާމަތީ ބާރުތަކުން ނަވާލްނީ ހައްޔަރު ކޮށްފައިވަނީ، 2021ވަނަ އަަހަރުގެ ޖެނުއަރީމަހު އޭނާ ޖާމަނީގެ ބާލިންގައި ފަރުވާ ހޯއްދެވުމަށްފަހު އެބުރި ރަޝިއާއިން އައުމާއެކުއެވެ.

2020ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20ވަނަ ދުވަހު، ސާބިއާގައި ވިހަ ދިނުމުގެ ސަބަބުން ނަވާލްނީ ފަރުވާ ހޯދުމަށް ގެންގޮސްފައިވަނީ ޖަރުމަނުވިލާތަށެވެ. އަދި ކުރެވުނު ތަހުލީލުތަކަށްފަހު، ހުޅަނގުގެ ގައުމުތަކުގެ ތަޖުރިބާކާރުން ވަނީ، ނަވާލްނީއަށް ދީފައިވަނީ އަސްކަރިއްޔާތަކުން ބޭނުންކުރާ ނާވް އޭޖެންޓެއް ކަމުގައި ބުނެފައެވެ. އަދި މިއީ ސޯވިއެޓް ޔޫނިއެން ރޫޅިގެން ދިއުމަށްފަހު އަދިވެސް ރަޝިއާގެ އަސްކަރިއްޔާގައި ހުރި ވިހަ މާއްދާތަކުގެ ތެރޭގައި ހިމެނޭ މާއްދާއެއް ކަމުގައިވެސް ހުޅަގުގެ ގައުމުތަކުންވަނީ ބުނެފައެވެ.

އެހެންނަމަވެސް، މީ ތަހުގީގުގެ ހޯދުންތައް ރަޝިއާއިންވަނީ ގަބޫލު ނުކޮށްފައެވެ. އަދި އެގައުމުން ބުނެފައިވަނީ މިއީ އެގައުމާ ދެކޮޅަށް ރޭވިގެން ހިންގާ ޕްރޮޕަގެންޑާ ކެމްޕޭނެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.