އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީ، އެމްޑީޕީއަކީ މުހައްމަދު ނަޝީދޭ ބުނާ މަފުހޫމެއްގެ އަޑު ފަހަކަށްއައިސް އިވިގެން ގޮސްފައި ވެއެވެ. އެހެންނަމަވެސް އެއީ ސިޔާސީ އިސްލާޙީ ޙަރަކާތެއްގެ ގޮތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނު އިރުގެ މަފްހޫމެއް ނޫނެވެ. އަދި އެއީ، ޒަމާނީ ޑިމޮކްރަސީއާއި މަލްޓި ޕާޓީ ނިޒާމު ރާއްޖެއަށް ތަޢާރަފް ވުމަށްފަހު، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ސިޔާސީން ފަރާތްތަކުން ފެށި މަސައްކަތުގެ ތެރޭގައި އެއްވެސް މިންވަރަކަށް އޮތް ވިސްނުމެއްވެސް ނޫނެވެ.
ސަބަބަކީ، އެމްޑީޕީއަކީ ރައީސް ނަޝީދުވެސް ހިމެނޭ ގޮތުން، ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރި ގިނަބަޔަކު ވެގެން މީގެ 16 އަހަރު ކުރިން އުފެއްދި ސިޔާސީ ޕްލެޓްފޯމަކަށް ވާތީއެވެ.
މިގޮތުން، އެޕާޓީގެ ފެށުމަށް ބަލާއިރު، އޭރު ރައީސް ނަޝީދުގެ ނަމަށްވުރެ މާ މަޝްހޫރު އެތައް ނަމެއް އެމްޑީޕީގައި ވިއެވެ. ގޯގޯ ލަތީފެވެ. އަޙްމަދު އައްބާސެވެ. ބޯގަންވިލާ އިބުރާއެވެ. އިބްރާހީމް ޙުސައިން ޒަކީއެވެ. މުޙައްމަދު ޝިހާބެވެ. ފުވައްމުލަކު މޮޑީއެވެ. ޑީއޯ ސައްޕެއެވެ. ޑރ. މުނައްވަރެވެ. މާރިޔާ ދީދީއެވެ. ފުރަހަނި ޝުޢައިބެވެ. މީގެ ތެރޭގައި މިހާރުގެ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްވެސް ހިމެނިވަޑައިގަންނަވައެވެ. މިހެންގޮސް އެތައް ނަމެކެވެ.
މިހުރިހާ ބޭފުޅުން އެކުވެގެން ކުރެއްވި މަސައްކަތަކުގެ ނަތީއާއެއްގެ ގޮތުން އެމްޑީޕީ އުފަންވެ، އަދި އެއަށްފަހު އޭރުގެ ޙާލަތަށް ބަލާ، އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށް ނަޝީދު ހެއްދެވުމަށް ޕާޓީގެ އެތެރެއިން ނިންމީ އެތައް ސަބަބުތަކެއް ހުރުމުންނެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރެވޭނެ ފޯމިއުލާއެއް ނެރުމަކީ އޭގެ އެންމެ މުހިންމު އެއް ސަބަބެވެ. އަދި އެމަސައްކަތަށް ބައިނަލްއަގުވާމީ އެހީތެރިކަމާއި، އެނޫންވެސް ވަރަށްގިނަ ކަންކަމުގެ ހިސާބު ދިމާކުރުމަށް ރައީސް ނަޝީދުގެ ނަން އޭރަށް މުހިންމު ވެގެން ދިޔައީއެވެ.
އަދި މުޅި ގައުމުގެ ޒުވާން އާބާދީގެ ތެރޭގައި ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމާއި، އަދި އެވެރިކަމާއި ދެކޮޅަށް އޭރު ސިޔާސީގޮތުން އިސްކޮށް ތިއްބެވި އެތައް ބަޔަކު ތެދުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، ރައީސް މައުމޫނުގެ ވެރިކަން ނިމިދިއުމަށްފަހު، ވެރިކަމަށް އެމްޑީޕީއަށް އާދެވުމެވެ. އެޕާޓީގެ ފަރާތުން ގައުމުގެ ރައީސްކަމަށް ރައީސް ނަޝީދު ވަޑައިގެންނެވުމެވެ.
އަދި އެހާތަނުން މުޅި މަންޒަރު ބަދަލުވެ، އެމްޑީޕީއަކީ، ރައީސް ނަޝީދުގެ ލީޑަރޝޕުގައި ހިންގަންފެށި ޕާޓީއަކަށްވެ، ފާއިތުވެދިޔަ 15 ވަރަކަށް އަހަރު ފާހަގަވެގެން ގޮސްފައިވަނީ، އެމްޑީޕީއަކީ އެމަނިކްފާނުގެ އަމުރު މައުރޫފުގެ ދަށުން ހިންގަމުން އަންނަ ޕާޓީއެއްގެ ގޮތުގައެވެ.
15 އަހަރުގެ މާޒީގައި ކަން ހިނގީ ކިހިނެއް؟
އެމްޑީޕީގެ އެންމެފުރަތަމަ ރައީސަކީ މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބްރާ)އެވެ. ޕާޓީ އުފެދިގެން އަހަރެއްވީއިރު ފުރަތަމަ ރައީސް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ 2006ވަނަ އަހަރުގެ މެއިމަހުގެ 2 ވަނަދުވަހެވެ. އިސްތިއުފާގެ ސަބަބެއް ކަމަށް އޭރު އިބުރާ ވިދާޅުވީ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރަން އޭރުގެ ޗެއާޕާސަން މުޙަންމަދު ނަޝީދު އޭނާއަށް ކުރިމަތިކުރެއްވި ހުރަސްތަކެވެ. އަދި ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ވެސް އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރެއްވުމަށް ކުރިމަތިވި ތަފާތު ހުރަސްތަކުގެ ނަތީޖާއެއްގެ ގޮތުން އިބްރާއަށް ޖެހިވަޑައިގަތީ ޕާޓީންވެސް ވަކިވެވަޑައި ގަންނަވާށެވެ. އެގޮތުން 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އިބްރާ އެމްޑީޕީން ވަކިވެ ވަޑައިގަތެވެ.
އިބްރާ އިސްތިއުފާ ދެއްވިފަހުން އަހަރަކަށްވުރެ ގިނަދުވަހު އެމްޑީޕީ ހިނގަމުންދިޔައީ، އިންތިޚާބުކުރެވުނު ރައީސަކާ ނުލައެވެ. ޕާޓީއަށް ރައީސަކު ހޮވާފައިވަނީ އިންތިޚާބީ ލީޑަރޝިޕެއް ނެތަސް، ނަޝީދުގެ ވިސްނުންފުޅާ އެއްގޮތަށް އެމްޑީޕީ ހިންގަމުންދިޔަތާ އަހަރަކަށްވުރެ ގިނަދުވަސް ވީފަހުން، 2007ވަނަ އަހަރުގެ ޖޫންމަހުގެ ދެވަނަ ދުވަހުއެވެ.
މިފަހަރުގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. އެހެންނަމަވެސް މުނައްވަރަށްވެސް ޖެހިވަޑައިގަތީ އިބްރާއަށް ޖެހިވަޑައިގަތް ދަތުރެވެ. ޤާނޫނީ ހަމަތަކުގެ މަތިން ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތި ވެވަޑައި ގެންނެވީއެވެ. ޑރ. މުނައްވަރަށް ކުރިމަތިވެވަޑައިގަތް ބޮޑެތި ހުރަސްތައް އޭގެ ހައްދު ފަހަނަޅައި ދިޔައީ 2008ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހުއެވެ.
އެ ޕްރައިމަރީން ޑރ. މުނައްވަރާއި ވާދަކުރައްވައި، ކުރި ހޯއްދެވީ ޚުދު ރައީސް ނަޝީދެވެ. އެހެންނަމަވެސް މުނައްވަރަށް ތާޢީދުކުރާ ގިނަބަޔަކު ބުނެފައިވަނީ އެ އިންތިޚާބުގައި ވޯޓު އޮޅުވާލާފައި ވާކަމަށާއި، ޕްރައިމަރީގައި މަކަރާއި ޙީލަތް ހަދާފައި ވާކަމަށެވެ.
ކޮންމެއަކަސް، 2008 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13ވަނަ ދުވަހު އެމްޑީޕީގެ ދެވަނަ ރައީސްވެސް މަޤާމުން އިސްތިއުފާ ދެއްވައި ޕާޓީންވެސް ވަކިވެވަޑައި ގެންނެވިއެވެ. ޑރ. މުނައްވަރަށްވެސް ޕާޓީގެ ރައީސްކަމުގައި ހުރެވުނީ އިބުރާއެކޭ އެއްފަދައިން އަހަރެއްހައި ދުވަހުއެވެ.
ދެވަނަ ރައީސް ޑރ. މުނައްވަރަށްފަހު އެމްޑީޕީ ހިނގަމުންދިޔައީ އިންތިޚާބުކުރެވުނު ވެރިއެއް ނެތިއެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ލީޑަރޝިޕްގައެވެ. މިގޮތުން ޑރ. މުނައްވަރަށްފަހު، އެމްޑީޕީގެ ރައީސަކު ހޮވުމަށް އިންތިޚާބެއް ބާއްވާފައިވަނީ، 2011ވަނަ އަހަރުގެ މެއިމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ ރައީސަކު ނެތި ޕާޓީ ހިންގާތާ ދެއަހަރަށްވުރެ ގިނަދުވަސް ވީފަހުން ބޭއްވި އިންތިޚާބެކެވެ. އަދި 2008 ވަނަ އަހަރު ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެން ވެރިކަމުގަ، ޕާޓީގެ ހުރިހާ ބާރަކާއި ނުފޫޒެއް އަތްޕުޅުގައި އޮވެގެން، ޕާޓީ ހިންގެވިއިރު ބޭއްވި އިންތިޚާބެކެވެ.
މިގޮތުން ބޭއްވިގެންދިޔަ އިންތިޚާބުގައި، ރައީސްކަމުގެ މަގާމަށް ރައީސް ނަޝީދުގެ އޭރުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީއާ ވާދަކުރައްވައި އިންތިޚާބީ ރޭހުން ކުރި ހޯއްދެވީ ޑރ. އިބްރާހިމް ދީދީ އެވެ. އެހެންނަމަ ވެސް ޑރ. ދީދީއަށް ވެސް ޖެހިވަޑައިގަތީ ހަމަ އާދައިގެމަތިން އެމްޑީޕީގެ ރައީސުންނަށް ޖެހިވަޑައިގަންނަވާ ދަތުރެވެ. މާޒީ އަނެއްކާވެސް އިއާދަވެގެން ދިޔައީއެވެ. ޑރ. ދީދީގެ ބަހުން ނަމަ، އެމްޑީޕީގެ ތެރޭގައި އޮތް ވަކިބައެއްގެ ނުފޫޒާއި، ބަސްބުނުމާއި، ފުރުސަތު ނުލިބުކުގެ ނަތީޖާއެއްގެ ގޮތުން، ޑރ. ދީދީއަށްވެސް ރައީސްކަމުގެ މަޤާމުގައި ހުންނެވުނީ އަހަރެއްހައި ދުވަހު އެވެ.
ޑރ. ދީދީ އޭރު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ކަމުގެ މަޤާމަށް އަހަރު ނުވަނީސް ކުރިމަތިވާންފެށި، ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ޕާޓީ ހިންގުމަށް ގިނަދަތިތަކާ ކުރިމަތިވެ ވަޑައިގަތެވެ. ޕާޓީގެ ޤައުމީ މަޖިލީހުގައި ޑރ. ދީދީއަކަށް ގޮނޑިކޮޅެއް ނުހުރެއެވެ. ޕާޓީގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ޕާޓީގެ ރައީސަކަށް ނޯވެއެވެ. އެންމެ އިސްބަސް ވިދާޅުވާ ފަރާތަކީ ރައީސް ނަޝީދެވެ. އޭރު ރައީސް ނަޝީދުގެ ދަށުން ހުންނެވީ އިންތިޚާބަކާ ނުލައި ޕާޓީގެ ރިޔާސަތުގެ މައްޗަށް ޢައްޔަންކުރައްވާފައި ހުންނެވި ރީކޯ މޫސާ މަނިކެވެ.
އެންމެފަހުން ޑރ. ދީދީ އަށްވެސް ޖެހިވަޑައިގަތި އެމްޑީޕީގެ ހަރުނުލާ ރައީސުންގެ ލިސްޓަށް އަރާ ވަޑައިގަންނަވާށެވެ. މިފަހަރު ކުޑަކޮށް ތަފާތެވެ. ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ޑރ. ދީދީ އެއް ނުގުޑިއެވެ. އެހެންނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތަށް މަސްއޫލިއްޔަތު އަދާކުރައްވަން އުޅުއްވުމުން ޑރ. ދީދީއަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ ވަޑައިގެންނެވިއެވެ. އަދި ރައީސް ނަޝީދުގެ މަގުބޫލުކަން އިންތިހާއަށް އޮތް، އެމްޑީޕީގެ އޭރުގެ ގައުމީ މަޖިލީހުން ޑރ. ދީދީއާއި އޭނާގެ ނާއިބު، އަލްހާން ފަހުމީ އެންމެފަހުން މަޤާމުން ވަކި ކުރެއްވީއެވެ.
ރައީސް ނަޝީދު އެމްޑީޕީން ބޭރު ކޮށްލެވިދާނެތަ؟
ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރުމުގެ ވާހަކައަކީ، މިހާރު ހިގަމުންދާ އެޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކުރިން އަޑު އިވިފައިވާ ވާހަކައެއް ނޫނެވެ. އަދި ފާއިތުވެދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، ރައީސް ސާލިހާއި، ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި އުފުދުނު ޚިޔާލު ތަފާތުވުންތަކާ އެކީވެސް އިވިގެންދިޔަ ވާހަކަތަކެއް ނޫނެނެވެ.
އަދި އެމްޑީޕީއަކީ، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އިސްލާހީ އެތައް މަސައްކަތްތަކެއް ކުރެއްވި ގިނަ ބަޔަކު އެކުވެގެން އުފެއްދި ޕާޓީއަކަށް ވިނަމަވެސް، ފާއިތުވެދިޔަ 16 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެޕާޓީއަށް އައިސްގޮސްފައިވާ މީހުންނާއި، އަދި އޭގެ ސަބަބުތަކަށް ރަގަޅަށް ރިއާޔަތްކޮށް ބަލާލުމުން، އެމްޑީޕީއަކީ ހަގީގަތުގައިވެސް ރައީސް ނަޝީދުގެ ލެގަސީއެއްގެ ގޮތުގައި މެނުވީ މިއަދު ފެންނާން ނެތްކަމުގައި ދަންނަވާން ޖެހެއެވެ. އޭގެ މާނައަކީ، އެޕާޓީގެ ގްރާސްރޫޓުގައި ރައީސް ނަޝީދަށް އޮތް ތާއީދު ކުޑަވެގެން ހިގައިދާނޭ ގޮތެއް އަދި ފެންނާން އޮތް ކަމުގައި ނުބެލެވެއެވެ.
އަދި މިކަން މިގޮތުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ޕާޓީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ދާދިފަހުން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރު ކޮށްލެވޭނޭ ވަރުގެ ބޭފުޅަކު ކައިރި މުސްތަގުބަލެއްގައި އެޕާޓީއަށް ނާންނާނޭ ކަމުގައެވެ.
އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ގިނަބަޔަކު އެޕާޓީއެއްގެ މެމްބަރުންގެ ގޮތުގައި ތިބި، އަދި އަމުދުން ޕާޓީގެ ބޭފުޅަކު ގައުމުގެ ވެރިކަމުގައި ހުންނަވާއިރު، އެކަނި ވަކި ފަރުދެއްގެ ވިސްނުމާ އެއްގޮތަށް ޕާޓީގެ ހުރިހާކަމެއް އެބީދައިން ހިގަމުން ނުދިއުމެވެ. އަދި ވަކީން ޚާއްސަކޮށް، ގައުމުގެ ރައީސްއާއި ޕާޓީގެ ރައީސަކީ ދެބޭފުޅަކަށް ވެގެންދިއުމުން، މިހަގީގަތް އަދި މާފާޅުކަން ބޮޑުކޮށް ސާފުންވާން އޮންނާނޭކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
އެހެންކަމުން، ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލުމުގެ ވިސްނުމަކީ، ހަގީގަތުގައިވެސް، "ކޮޅަކު މެދަކު" ޖެހޭ ވާހަކައެއްގެ ގޮތުގައި ބުއްދީގެ ތަރާދުން މިނާ ވިސްނާއިރު، ބެލޭވޭން އޮތްކަމުގައި ދެންނެވޭކަށް ނެތެވެ.
އަދި އޭގެ ބަދަލުގައި މިއީ، މިއީ މިހާރު ކުރިޔަށްދާ ޗެއަރޕާރސަން އިންތިޚާބުގައި ވާދައްކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމަށް ފައިދާ ކުރުވަނިވި ކެމްޕޭން އުކުޅަކަށް ވެގެން ހިގައިދާނެއެވެ. މިވާހަކަ ފުޅާ ދާއިރާއެއްގައި ދެއްކުމުން މިއީ ޕާޓީ ކޮންމެވެސް ބަޔަކޫ ގަބޫލު ކޮށްފާނޭ ވާހަކައެއްވެސް މެއެވެ. އެހެންނަމަވެސް އެއީވެސް، މިވާހަކަ އަޑުއަހާ މީހުންގެ ބުއްދިއަށް ގަބޫލު ކުރެވޭނޭ ހަމައަކުން ކެމްޕޭންގެ ކުރިޔަށް އޮތްތަނުގައި އެޓީމުން ދައްކައިފި ނަމައެވެ.
One Response
އަންނި އަކީ ކެމްޕޭނަކާ ޖެހިއްޖެއްޔާ ދީންވެސް ވިއްކާލާ މީހެއް. އެހެންވީމަ އެކަހަލަ މުނާފިގުން ދައްކާނެ އެކހަލަ ވާހަކަ. ހައިރާންވާންވީ ކަމެއް ނޫން އެއީ. މިސާލަކަށް ބަލަމަ ހިނގާ މިވާހަކަތަކަށް
"ބޯން ވާނެ. ބޯން ޖެހޭނެ.
ހިކި އެއްޗެހިގެ ބދަލު ކޮންމެވެސް އެހެން ކަހަލަ އެއްޗަކުން މަސްތުވާންވީ.
އަހަރެން ބުއީ ވިކާތު މޮޅު ޝަރުބަތުު
މަގުމައްޗަށް ފުލުހުންނާ ދެކޮޅަށް ތަޅާނެ ކުދިންކޮޅެއް ނެރެދީބަލަ މާރީ.
ގުރުއާނާ ރަސޫލާގެ ހަދީސް ނޫން އެހެން އެއްޗެއް ހޯދަން އެބަޖެ