ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް މަގާމް ދިފާއުކޮށްފި

ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް މަގާމް ދިފާއުކޮށްފި

Author
ޔޫސުފް
19 މާރޗް 2022 08:46
0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އިން މަގާމް ދިފާއުކޮށްފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ހޯދި 16 ޕޮއިންޓާއެކު އީގަލްސް އޮތީ 2 ވަނައިގައެވެ. 1 ވަނައިގައި މިވަގުތު މާޒިޔާ އޮތީ 6 މެޗުން 18 ޕޮއިންޓާއެކުއެވެ. ނަމަވެސް ލީގުގައި މިރޭ ވެލެންސިއާ އަތުން މޮޅުވެގެން މާޒިޔާއަށް 1 ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުޞަތު އެބައޮތެއެވެ.

ގްރީން ސްޓްރީޓްސް އާއި އީގަލްސް ބައްދަލުކުރި މެޗު ފަށައިގެން 5 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އީގަލްސް އަށް ކާމިޔާބުކޮށްދިނީ، އަޙުމަދު ހަސަންއެވެ. އަދި އޭގެ 2 މިނެޓު ފަހުން ޢަބްދުﷲ ސަމީހް މޫސާ ވަނީ އީގަލްސް އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2 ލަނޑުގެ ލީޑަކާއެކު އީގަލްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން 55 ވަނަ މިނެޓުގައި ގްރީން އިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަަރަގު ކުޑަކޮށްފައެވެ. މި ލަނޑު ގްރީން އަށް ކާމިޔާބުކޮށްދިނީ، ހަސަން ނަޒީމްއެވެ. ހަސަން ނަޒީމް ލަނޑު ޖެހިތާ 2 މިނެޓު ފަހުން އީގަލްސްގެ އަޙުމަދު ރިޒުވާން ވަނީ އީގަލްސްގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ އަނެއްކާވެސް 2 ލަނޑުގެ ލީޑެއް އީގަލްސްއަށް ހޯދަދީފައެވެ. މި ލަނޑު ޖެހިތާ މިނެޓެއް ފަހުން ރިޒުވާން ވަނީ އަނެއްކާވެސް އިތުރު ލަނޑެއް އީގަލްސް އަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ. ގްރީން އިން މި މެޗުގައި ޖެހި 2 ވަނަ ލަނޑަކީ މެޗުގެ 77 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެއެވެ. މި ލަނޑު ގްރީން އަށް ކާމިޔާބުކޮށްދިނީ، އެންހެލް ކަރަސްކޯސާ މުނޯޒްއެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮންނާނީ ފުރަތަމަ ބުރުގެ ފަހު މެޗެއެވެ. މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ވެލެންސިއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.