ކުރިޔަށް އޮތް ވާރލްޑް ކަޕް ކޮލިފައިންގައި ރަޝިއާއަށް ނުކުޅެވޭނެ ކަމަށް ފީފާއިން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެނައުމަށް ކޯޓު އޮފް އާރބިޓްރޭޝަން ފޯރ ސްޕޯރޓްސް (CAS)އިން ދެކޮޅު ހަދައިފިއެވެ.
ކޯޓު އޮފް އާރބިޓްރޭޝަން ފޯރ ސްޕޯރޓްސްއިން ފީފާގެ ނިންމުން ބަދަލު ކުރުމަށް ދެކޮޅު ހެދި ކަމުގައިވި ނަމަަވެސް، ފީފާއިން ނިންމާފައިވާ މި ނިންމުމުގެ ގާނޫނީ ހައިސިއްޔަތާމެދު އެކޯޓުން އަދިވެސް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ކޯޓުގެ މި ނިންމުމާއި ހަމައަށް ދިއުމަށް އަދި އެތައް ހަފްތާއެއް ނަގާނެކަމަށް ވަނީ ބެލެވިފައެވެ.
"ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ، ފީފާގެ ހުރިހާ މުބާރާތަކުން ރަޝިއާ ސަސްޕެންޑް ކޮށްފައި އޮތް އޮތުން އެ ގޮތުގައި ދެމި އޮންނާނެ. އަދި ކޯޓު އޮފް އާރބިޓްރޭޝަން ފޯރ ސްޕޯރޓްސްގެ އަޑުއެހުންތައް ކުރިޔަށް ދާނެ،" ކޯޓުން ހުކުރު ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
މިމަހުގެ 24ވަނަ ދުވަހު ރަޝިއާއިން ޕޮލެންޑާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިގައިވާ ވާރލްޑްކަޕް ޕްލޭއޮފް މެޗް ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުން، ފުޓުބޯޅަ ޔޫނިއަން އޮފް ރަޝިއާއިން ވަނީ، ފީފާގެ ހުރިހާ މުބާރާތަކުން އެގައުމު ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުން އިސްތިއުނާފް ކޮށްފައެވެ.
އަދި ރަޝިއާ ސަސްޕެންޑް ކޮށްފައި އޮތް އޮތުން ކޯޓުން މިއަދު ދަމަހައްޓާފައިވި ނަމަވެސް، ކޯޓުގެ ނިންމުން އަންނަ ގޮތަކުން، ކޯޓުން ރަޝިއާގެ ސްސްޕެންޝަން އުވާލައިފިނަމަ، އަންނަ ޖޫންމަހު އޮންނަ ބައިނަލް އަގުވާމީ މުބާރާތުގެ އެހެން ބުރެއްގައި ވާދަކުރުމުގެ ފުރުސަތު ރަޝިއާއަށް ލިބިގެން ދާނެއެވެ.
އަދި އިސްތިއުނާފް ކޮށްފައިވާ މައްސަލަ ރަޝިއާއަށް ކާމިޔާބު ކުރެވިއްޖެނަމަ، މިމަހު ކުޅުމަށް ހަމަޖެހިފައިވާ ޕްލޭއޮފް މެޗް އަލުން، ފަހުގެ ތާރީޚެއްގައި ކުޅުމުގެ ފުރުސަތު ރަޝިއާއަށް ލިބިގެން ދާނެއެވެ.
ޔޫކުރެއިންވެސް ދަނީ ވާލްޑްކަޕް ޕްލޭއޮފްގައި ވާދަކުރަމުންނެވެ. އެގައުމުން މިހަފްތާގެ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗް ފީފާއިން ވަނީ އަންނަ ޖޫންމަހަށް ލަސް ކޮށްފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް ދޭންފެށި އުދުވާނީ ހަމަލާތަކާއި ގުޅިން ރަޝިއާގެ އެތުލީޓުންވަނީ ބައިނަލްއަގުވާމީ އެތައް ކުޅިވަރަކުން ސަސްޕެންޑް ކޮށްފައެވެ. އަދި މި އުދުވާންގައި ބެލަރޫސްއިން ރަޝިއާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާތީ، އެގައުމުގެ އެތުލީޓުންވެސްވަނީ އެތައް ކުޅުވަރަކުން ސަސްޕެންޑް ކުރެވިފައެވެ.