އަދުލު އިންސާފު ގާއިމް ކުރުމުގައި އިތުބާރު ލިބޭނެ ގޮތަކަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިވިލް ކޯޓުގެ ޤާޟީކަމަށް އައްޔަންކުރެވުނު ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝުޖޫން ވިދާޅުވީ ފަނޑިޔާރުކަމަކީ މީހުންގެ ހައްގުތަކާއި، ގުޅިގައިވާ އެކަނިވެރި ބުރަ މަސައްކަތެއް ކަމަށެވެ. ފަނޑިޔާރުކަމަކީ އަމިއްލަ މަންފާއަށް ކުރެވޭ ކަމެއްނޫން ކަމަށާއި، ފަނޑިޔާރުންނަށް ކަންކަން ކުރެވޭ ގޮތަކުން މުޖުތަމައުގައި ފަނޑިޔާރުގެއާއިމެދު އޮންނަ އިތުބާރު ބޮޑުވާ ހާލަތްތައް އަންނައިރު، ބައެއް ހާލަތްތަކުގައި ހިންހަމަ ނުޖެހުމާއި، ބަނދުބަހާއި ނަފްރަތުވެސް ކުރިމަތިވާނެކަމަށެވެ.
ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށްފަހު މީގެ ކުރިން އަދާކުރަމުންދިޔަ ވަކީލުކަމުގެ ދައުރާއި، މިހާރުގެ މަސްއޫލިއްޔަތާއި ވަރަށް ބޮޑަށް ތަފާތުވާނެކަމަށް ޝުޖޫން ވިދާޅުވިއެވެ. ފަނޑިޔާރުން ކަންކަން ނިންމަންވާނީ ހުށަހެޅޭ ކަންކަމާއި، ކޯޓުގައި ދެކެވޭ ވާހަތަކަށް ކަމަށާއި، ބޭރުގައި ދެކެވޭ ވާހަތަކާއި އަޑުތަކަށް ބަލައި ހުކުމް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. ފަނޑިޔާރުންގެ ނިންމުން ވާންޖެހޭނީ އިންސާފުވެރި އަދުލުވެރި ނިންމުން ތަކަަކަށް ކަމުގައި ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ގެއިން ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފެންވަރުގައި ނުދެވި އެކަމާއި ސުވާލު އުފެއްދުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެ ގޮތެއްގެ މަތީން ފޯރުކޮށް ނުދެވޭނަމަ އަޅުގަނޑުމެން އަދުލު އިންސާފު ޤާއިމް ކުރަން ތިބެ އަދުލު އިންސާފުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް.
– ޝުޖޫން ވިދާޅުވިއެވެ.
ކޮންމެ ފަނޑިޔާރަކީވެސް ޝަރުއީ ދާއިރާގެ އިއްޒަތަރާއި ކަރާމާތް ދަމަހައްޓަންޖެހޭ ނަޒާހާތްތެރި ބޭފުޅަކަށް ވުމަކީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމަށް ލިބިދޭނެ ކަމެއްކަމަށެވެ. ހަމަ މިއާއިއެކު ޝަރުއީ ނިޒާމު ތަރައްޤީކުރުމަކީވެސް ކޮންމެ ފަނޑިޔާރެއްގެވެސް ޒިންމާއެއް ކަމުގައިދެކި މަސައްކަތްކުރެއްވުމަށް ޝުޖޫންވަނީ އިލްތިމާސް ކުރައްވާފައެވެ.
ސިވިލް ކޯޓަށް އާ ދެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާއާއި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ. ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ ކުރިމަތީގައި އެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައިކޯޓްގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ.
ކޮމެންޓު ފޮނުވާ