ރޮނާލްޑޯގެ ހެޓްރިކާއެކު ގަދަ ހަތަރެއްގެ ރޭހުގައި ޔުނައިޓެޑަށް މުހިންމު މޮޅެއް

ރޮނާލްޑޯގެ ހެޓްރިކާއެކު ގަދަ ހަތަރެއްގެ ރޭހުގައި ޔުނައިޓެޑަށް މުހިންމު މޮޅެއް

Author
ޔޫސުފް
13 މާރޗް 2022 02:05
0

ކްރިސްޓިއާނޯ ރޮނާލްޑޯ ޓޮޓެންހަމް ކޮޅަށް ހެދި ހެޓްރިކާއެކު ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި މެންޗެސްޓަރ ޔުނައިޓެޑުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި މިރޭ ޓޮޓެންހަމްގެ މައްޗަށް ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މޮޅުވެގެން ހޯދި މުހިންމު 3 ޕޮއިންޓާއެކު ޔުނައިޓެޑް މިވަގުތު އޮތީ 29 މެޗުން ހޯދި 50 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ. ޔުނައިޓެޑާއި ޖެހިގެން ފަސް ވަނައިގައި އޮތް އާސެނަލް ވަނީ 25 މެޗުން 48 ޕޮއިންޓް ހޯދާފައެވެ. އެހެންކަމުން އާދީއްތަ ދުވަހުގެ ރޭ އާސެނަލް އާއި ލެސްޓާ ސިޓީ ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ އެޓީމު އަލުން ގަދަ ހަތަރަކަށް އަރާނެއެވެ.

ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޓޮޓެންހަމުންނެވެ. ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ރޮނާލްޑޯ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. މި ލަނޑަށް ފަހުވެސް މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ޓޮޓެންހަމުންނެވެ. އެގޮތުން ނަތީޖާ ހަމަހަމަކުރުމަށް އެޓީމުން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ ޔުނައިޓެޑްގެ ޓެލޭސް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓު ފަހުން އަނެއްކާވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފަށައިގެން ޓޮޓެންހަމުން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ 72 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ލަނޑެކެއެވެ. މި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވެގެން ދިޔަ ނަމަވެސް ޔުނައިޓެޑްގެ ކުޅުންތެރިން ވަނީ ދޫދިނުމެއްނެތި މެޗުން މޮޅުވާން ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން 81 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ކޯނަރު، ޓެލޭސް ނަގައިދިނުމުން ރޮނާލްޑޯ ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލާ އޭނާގެ ހެޓްރިކް ފުރިހަމަ ފުރިހަމަކޮށްފައެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯ ހެދި ހެޓްރިކާއެކު އޭނާ ވެގެންގޮސްފައިވަނީ ފުޓްބޯޅައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި 806 ލަނޑު ޖަހާފައެވެ. އަދި މިރޭ ޔުނައިޓެޑްގެ ދަނޑުގައި އޭނާ ހެދި ހެޓްރިކަކީ 2008 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ޖޯޒީގައި ހެދި ފުރަތަމަ ހެޓްރިކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.