ނިޔަމިކަމުގައި ބޭނުންކުރާ މަޢުލޫމާތު ހިމެނޭ ޗާޓުތައް އަޕްޑޭޓުކުރުމަށް އިންޑިއާއާއިއެކު ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގެ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ވިދާޅުވެއްޖެއެވެ.
އދ.މަހިބަދޫގައި މިއަދު ކުރިއަށްދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަ ދައްކަވަމުން ޓޮމް ވަނީ ރާއްޖޭގެ މިނިވަންކަން ދެމިގެން އައިގޮތާއިމެދު ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ޓޮމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑު މުއްސަދިކަމެއް އޮތް ސަރަހައްދެއްކަމަށެވެ.
މިއަދު އިންޑިއާއާއިއެކު ހަދާ ކަނޑު އަޑީގެ ސާވޭއަކީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ކުރީގައި މާބޮޑަށް ދަތުރު ކުރަން އެގޭ ޒަމާނެއްނޫންކަމަށާއި، އޭގެ ސަބަބުން، އެތައް އުޅަދެއް ކުރީ ޒަމާންތަކުގައި ރާއްޖޭގެ ފަރުތަކަށް އަރައި، ކަނޑުވެފައި ހުރިކަމަށެވެ. އިންޑިއާއިން މިހާރު ހަދާ ސާވޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެޔޮ ނުވަ އެނޫންވެސް މައުދަނެއް ހުރިކަން އެގިއްޖެނަމަ އިންޑިއާގެ ނުފޫޒު އިންތިހާއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ފޯރާނެކަމަށް ޓޮމް ވިދާޅުވިއެވެ.
މިހާރު އިންޑިއާއިން ކުރަހަމުން އެދަނީ މިފަދަ ކަންކަންވެސް އެގޭނެ ގޮތަކަށް ކުރަހަމުން. ހައިޑްރޯ ގްރަފީ އެއްބަސްވުން ހާމަކުރަން އެދެނީ މިސަބަބު މިސަބަބުތަކަށްޓަކައި، އެއްބަސްވުން ހާމަކުރުމަށް އެދެނީ. ނަމަވެސް މިހާތަނަށްވެސް އެއްވެސް އެއްބަސްވުމެއްނުކުރި. ޤާނޫނު އަސަސީން ވަރަށް ސާފުކޮށް ބުނެފައިވޭ ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަށް ތިބެވޭނީ ރާއްޖޭގެ މަޖިލީހުން ހުއްދަ ދީގެންކަމަށް. ނަމަވެސް އެކަން މިހާތަނަށްވެސް ކޮށްފައި ނުވޭ.
– ޓޮމް ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އިންޑިއާ ކަނޑުގެ އަމާންކަން ޤާއިމުކުރުމަށް މަސައްކަތް ކުރުމަށް ނިންމަވާ ރާއްޖޭގެ ކަނޑުތަކުގެ ސަލާމަތަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެއިތުރުން އެޤައުމު އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭއިރު އިންޑިއާއަކީ ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން މިދާއިރާއިން އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ކަނޑުގެ ޗާޓުތައް ތައްޔާރުކޮށް ހެދުމަކީ އެކަމަށް ގިނަދުވަސްތަކެއް ނަގާ މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް އަމާޒަކީ މިހާރު ކުރިއަށްގެންދާ ސަރވޭގެ މަސައްކަތް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމި އާއްމުކުރުންކަމަށެވެ. ހައިޑްރޯގްރެފިކް ސަރވޭގެ ދަށުން އެއްކުރެވޭ މަޢުލޫމާތުން ރާއްޖޭގެ ތިމާވެއްޓާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ފައިދާތަކެއް ކުރާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 1800 ގެ އަހަރުތަކުގައި ސެޓެލައިޓް ފޮޓޯއާއި ހޭންޑް ލެޑްލައިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނެވިގޭޝަނަލް ނުވަތަ ނިޔެވިކަމުގެ މެޕްތަކެކެވެ. އެއަށްފަހު މިޗާޓުތައް އަޕްޑޭޓު ކުރުމަށް 2007 ވަނަ އަހަރު ކުރެވުނު މަސައްކަތުން މިވަގުތު ރާއްޖޭގައި އެތެރެވަރީގެ ލާޖް ސްކޭލް ޗާޓުތައް ހެދިފައިވަނީ ހަމައެކަނި މާލެއާއި އައްޑޫ ސިޓީގެ އިތުރުން އިހަވަންދިއްޕޮޅުގައެވެ.
ކޮމެންޓު ފޮނުވާ