ރާއްޖެއިން އިތުރު 325 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 325 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 279 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 26 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 173،991 އަށް އަރާފައެވެ.
ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 14،294 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 4 މީހުންނެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 307 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 159،387 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2،049 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.
ކޮމެންޓު ފޮނުވާ